މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއްގެ ތެރޭ ފްރާންސްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ކުރީގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ. އޭނާ ވަނީ މަގާމާ ހަވާލުވެޑައިގެންވިތާ ހަފްތާއެއް ތެރޭގައި އިސްތިއުފާ ދެއްވާފައި. ފޮޓޯ/ރޮއިޓާސް

ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވެރިކަމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއް ފަހުން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ދިފާއީ ވަޒީރުގެ މަގާމުވެސް އަދާކުރައްވާފައިވާ ސެބެސްޓިއަން އަކީ ދެ އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޔަންކުރި ފްރާންސްގެ ފަސް ވަނަ ބޮޑުވަޒީރެވެ.

"އަޅުގަނޑަށް ބޮޑުވަޒީރުކަމުގެ މަގާމުގައި ދެމިހުރުމަށް މިހާރު އޮތް ހާލަތު ތަނެއް ނުދޭ." ސެބެސްޓިއަން ވިދާޅުވިއެވެ.

ފްރާންސްގެ ރިޔާސަތުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އިމަނުއެލް މެކްރޮން ސެބަސްޓިއަންގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ސެބަސްޓިއަން އަކީ އިމެނުއެލްގެ ގާތް އެކުވެރިއެކެވެ.

މެކްރޮންގެ އިދިކޮޅު ފަރާތްތަކުން ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައެވެ. ނުބާއްވާނަމަ، އިސްތިއުފާ ދެއްވުމަށްވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ނަމަވެސް 2027 ވަނަ އަހަރު އޭނާގެ ދައުރު ހަމަވުމުން ނޫން ގޮތަކަށް އިސްތިއުފާ ނުދެއްވާނެ ކަމަށް މެކްރޮން މީގެކުރިންވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ވޯޓުގައި އޭނާގެ ޕާޓީއަށް ލިބުނު ބޮޑު ގެއްލުމަކާ ގުޅިގެން ސާފު އަޣުލަބިއްޔަތެއް ހޯދުމަށް އިންތިޚާބު ބޭއްވުމަށް މެކްރޮން ގޮވާލެއްވުމުން 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ފްރާންސްގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އިންތިޚާބުގެ ނަތީޖާއަކަށްވީ ފިކުރީ ގޮތުން އިދިކޮޅު ފަރާތްތަކެއް ހިމެނޭ އެކަކު އަނެކަކާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ފެކްޝަންތަކެއް އުފެދުމެވެ.

މިކަމުގެ ސަބަބުން ބިލު ފާސްކުރުމަށް ބޭނުންވާ އެއްބާރުލުން ހޯދުމަށް ބޮޑުވަޒީރުންނަށް އައީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޮޑުވަޒީރު ކަމަށް މިޝެލް ބާނިއާވެސް ވަނީ އައްޔަންކުރައްވާފައެވެ. ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި އޭނާވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.

އޭނާގެ ފަހުން އެ މަގާމު އަދާކުރެއްވި ފްރާންސޯ ބައިރޫވެސް ވަނީ 51 ބިލިއަން ޑޮލަރަށް ޚަރަދު ކުޑަކުރުމަށް އޭނާ ހުށަހެޅުއްވި ބަޖެޓަށް ދެކޮޅު ހަދައި މަގާމުން ދުރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް