ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒް އަލީ ޒާހިރު, ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ފޮނުއްވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله ދިފާއުކުރައްވައިފިއެވެ.
މަހާޒު ހިމެނޭހެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމީ މިދިޔަ މޭ މަހުގައެވެ. ދެ ފަނޑިޔާރުން ވަކިކުރީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދުމާ އެކު، އެ ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.
އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާދެއްވީއެވެ.
ރައީސް މިދިޔަ ހަފުތާގައި ވަނީ، ހުސްވެފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ފޮނުއްވައި، ލިސްޓުގެ އެންމެ ކުރީގައި މަހާޒުގެ ނަން ހިމަނުއްވައިފައެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް: އޭނާ ޓެކްސް ޓްރައިބިއުނަލަށް އައްޔަން ކުރުމަށް ރައީސް ނަން ފޮނުއްވި -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރު ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި ރީއެމްޕްލޯއިމެންޓް ބިލަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ، ޓެކްްްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރަން ފެންނަކަމަށް ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި މަހާޒުގެ ނަން އޮތުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މަހާޒުގެ މައްސަލަ މަޖިލީހުގައި އޭރު އޮތްއިރު މަހާޒާ ދެކޮޅަށް ޕީއެންސީގެ މަޖިލިސް މެންބަރުން ވާހަކަދެއްކެވިކަން މީކާއީލް ފާހަގަކުރެއްވިއެވެ.
"މިއަދު މި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑުމެންނަށް އިވިގެން މި ދިޔައީ، އިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ ޓެކުހުގެ ކަންކަން ބެލުމަށް ދިވެހި ރައްޔިތުންގެ ޓެކުހުގެ ކަންކަމުގައި ގޮތް ނިންމުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާފައިވާ ނަމަކީ އެއްކަލަ ޕީއެންސީގެ މެންބަރުންނަށް ދާދިފަހުން ކޮރަޕްޓްވި ނަޒާހާތްތެރިކަމެއް ނެތް، އެއްވެސް ކަހަލަ އޮށްޓަރެއް ނެތް، އެފަދަ ފަނޑިޔާރެއްގެ ނަންފުޅު މިހާރު މި ރައްޔިތުންގެ މަޖިލީހަށް މިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފަ،" އޭނާ ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް --
އެހެންކަމުން މިއަދު ހަގީގަތަކީ ކޮބައިކަން ސުވާލު އުފެދޭ ކަމަށާއި، މިފަދައިން އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ބިލަށް ބަހުސްކުރައްވައި ނިމުމުން ޢަބްދުއްރަޙީމް ވިދާޅުވީ، ދުނިޔެ އެކި ދުވަހު ހިނގަނީ އެކި ގޮތަށް ކަމަށާއި، އެއީ ފިތުރަތުގެ އުސޫލު ކަމަށެވެ.
"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ، އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމަ އިތުބާރު ކުރެވިދާނެ، އެއް ދުވަހަކު އެ ލީޑަރަކާ ނުލާ ދުނިޔޭގަ އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީ ދުނިޔޭގަ ނޫޅެވޭ ހިސާބަށްވެސް ދާނެ،" ރައީސްގެ ނިންމެވުން ދިފާއުކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ނަމަވެސް ސީދާ ވަކި ބޭފުޅެއްގެ ނަމެއް އަބްދުއްރަހީމް ނުގެންނަވައެވެ.
ސިޔާސީ މައިދާނުގައި އެތައް އަހަރެއް ވަންދެން ކުރީގެ ރައީސް އަބްދުالله ޔާމީނާއެކު ހޭދަކުރެއްވުމަށްފަހު، ޢަބްދުއްރަޙީމް މިހާރު ގެންދަވަނީ މި ސަރުކާރާއެކު މަސައްކަތްކުރައްވަމުންނެވެ. ސިޔާސީ ހަޔާތް ނިންމަވާލައްވާނީ ޔާމީނާއެކު ކަމަށް ވިދާޅުވިނަމަވެސް، ޢަބްދުއްރަޙީމާއި ޔާމީނާ ދެމެދު އޮތް ސިޔާސީ ގުޅުން މިހާރު މި ވަނީ އެއްކޮށް ހީނަރުވެފައެވެ.