ބަޖެޓުގައި އޮތަސް، ފިނޭންސް މިނިސްޓްރީން ބުނެގެން 13 ކޯޓު އިމާރާތެއްގެ މަސައްކަތް ނުފެށި އެބައޮތް: ޖޭއެސްސީ

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޖޭއެސްސީގެ މެންބަރުން، އެންމެ ވައަތުގައި އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް --- ފޮޓޯ: މަޖިލިސް

މިދިޔަ އަހަރު 13 ކޯޓަކަށް އާ އިމާރާތްތަކެއް ބިނާކުރުމަށް ދައުލަތުގެ ބަޖެޓުގައި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުކޮށްފައިވީ ނަމަވެސް، ފިނޭންސް މިނިސްޓްރީން އަންގައިގެން ކޯޓު އިމާރާތްތަކުގެ މަސައްކަތް ނުކުރެވި އޮތުމުގެ ކަންބޮޑުވުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފާޅުކޮށްފިއެވެ.

ކޯޓުތަކުގައި ހިންގަމުން އަންނަ މައްސަލަތައް ލަސްވެ، ދިގުލައިގެން ދިއުމަކީ އާންމުންގެ ކަންބޮޑުވުން އޮންނަ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖޭއެސްސީން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 565 މައްސަލައަކާއި، ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހިނގާފައިވާ 652 މައްސަލައަކާއި، ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ހިނގާފައިވާ 1،104 މައްސަލައެއްގެ އިތުރުން، ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ހިނގާފައިވާ 1،836 މައްސަލައެއް ކްރިމިނަލް ކޯޓުގައި ނުނިމި އެބައޮތެވެ.

ކޯޓުތަކުގައި މައްސަލަތައް ލަހުން ހިނގަމުން އައުމާ ގުޅޭގޮތުން ހުރި ސަބަބުތައް ފާހަގަކުރައްވައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވީ، މައްސަލަތައް ގިނަ ފަހަރަށް ލަސްވަނީ ދިފާއީ ވަކީލުން އެދިގެން މައްސަލަތަކުގެ އަޑުއެހުންތައް ފަސްކުރަން ޖެހުމާއި، ދައުލަތުގެ ވަކީލުން އަޑުއެހުންތައް ފަސްކޮށްދޭން އެދުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އެހެން ސަބަބުތަކުގެ ތެރޭގައި:

  • ފުލުހުންނާއި ކަރެކްޝަންގެ ފަރާތުން ހާޒިރުކުރަންޖެހޭ މީހުން މައްސަލަތަކުގައި ހާޒިރުނުކުރެވުން
  • ބޭރު މީހުން ހިމެނޭ މައްސަލަތަކުގައި ތަރުޖަމާނުން ހަމަނުޖެހުން
  • މައްސަލަތަކުގައި ދައުވާކުރާ ފަރާތްތަކުގެ ލިޔެކިއުންތައް ފުރިހަމަނުވުން
  • މައްސަލައިގައި ހިމެނޭ ވަކީލު ބަދަލުވެ މައްސަލަ ދިރާސާކުރުމަށް އާ ވަކީލަށް ވަގުތު ދޭން ޖެހުން
  • ދައުވާލިބޭ ފަރާތްތަކުގެ ހެކިން ހާޒިރުނުވުން
  • ޚަސްމުން ގިނަ މައްސަލަތަކުގައި އެންމެ ވަކީލަކަށް ނާދެވިގެންވެސް މައްސަލަތައް ދިގުލައިގެންދިއުން

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ކޮމިޓީގެ މެންބަރުން --- ފޮޓޯ: މަޖިލިސް

ރިޒާ ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް މިހާރު ހިނގަމުންދާ ދުވެއްޔަށް ބަލާއިރު، މައްސަލައެއްގެ އަޑުއެހުމެއް ކެންސަލްކޮށްފިއްޔާ އެންމެ އަވަހަށްވެސް އަޑުއެހުމެއް ތާވަލުކުރެވޭނީ ދޮޅުމަސް ފަހުން ކަމަށެވެ.

އެއާއެކު، 2008ވަނަ އަހަރުން ފެށިގެން އެކަށީގެންވާ އުޖޫރައެއް ޝަރުއީ މުވައްޒަފުންނަށް ނުލިބޭކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އަދަދު މަދުވަމުން އަންނަކަން ރިޒާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުގެ މުސާރައިގެ އޮނިގަނޑު ވެސް ޝަރުއީ ދާއިރާއަށް ވުރެ ރަނގަޅެވެ.

"އަޅުގަނޑުމެން ދަންނަން ޖެހޭ ހަގީގަތަކީ ޝަރުއީ ދާއިރާއަކީ ތިން ބާރުންކުރެ އެއް ބާރު ކަމަށްވީއިރު މިއަދުވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެއްވެސް ބާރެއްނެތް ބާރެއް ގޮތުގައި އެ ބާރު ހަރަކާތްތެރިވަމުންދާ މަންޒަރު، މިއީ ވެގެންވާނެ ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އަދިވެސް ކޯޓު އިމާރާތްތަކުގެ ހާލަތު ދަށްކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ، މާލޭގައި ކޯޓު އިމާރާތުގެ ތެރެއަށް ވާރޭ ނުވެހޭ ކޯޓެއް ނެތް ކަމަށާއި، އެގޮތުން ސުޕްރީމް ކޯޓުގެ އެތެރެއަށް ވާރޭ ވެހޭއިރު ހައިކޯޓުގެ އިމާރާތް ހިފަހައްޓަނީ ސީލިންތަކުގައި ދަގަނޑު ޖައްސައިގެން ކަމަށެވެ.

ހަމަ އެއާއެކު 11 މެޖިސްޓްރޭޓް ކޯޓެއް ހިންގަނީ ކުލި ދައްކައިގެން ކަމަށާއި، 52 މެޖިސްޓްރޭޓް ކޯޓެއް ހިންގަނީ އެ ރަށްރަށުގެ ކައުންސިލް އިދާރާގެ އޮފީސް އިމާރާތްތަކުގައި ކަމަށް ރިޒާ ވިދާޅުވިއެވެ.

"2024ގައި ކޯޓު އިމާރާތްކުރުމަށް އާ އިމާރާތެއް ބޭނުންވާ 43 ކޯޓުގެ ތެރެއިން 13 އިމާރާތެއްކުރުމަށް ބޭނުންވާ ޖުމްލަ 64.7 މިލިއަން ރުފިޔާ ބަޖެޓުގަ ހިމެނި، ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށް ފިނޭންސް މިނިސްޓްރީން އަންގާފަ އެބައޮތް، 2025ވަނަ އަހަރަށް އެއްވެސް މަޝްރޫއެއް ހިންގުމަށް ފިނޭންސް މިނިސްޓްރީން އެއްވެސް ބަޖެޓެއް ދީފައެއް ނެތް،"

މިކަންކަން ހައްލުކުރެވޭނީ ޕީއެސްއައިޕީ ބަޖެޓުން އިމާރާތްކުރުމަށް ރަނގަޅު ހައްލެއް ގެނެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ، މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން ކޮންމެ ތިން މަހަކުން އެއް ފަހަރު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ޖޭއެސްސީން ބައްދަލުކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހިނގާ މައްސަލަތައް އެއް ދަންފަޅިއެއްގައި ކުރިއަށް ގެންދަން ދަތިކަމަށް ވަންޏާ ދެ ދަންފަޅިއަށް ބަހާލައިގެން ވެސް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

ސިވިލް ކޯޓަށް ފެމިލީ ކޯޓުގައި އޮތް ތަރިކައާއި ވަސިއްޔަތާއި ހިބައިގެ މައްސަލަތައް ބަދަލުކުރުމުން ސިވިލް ކޯޓުގެ މައްސަލަތައް ލަސްވެގެން ދިޔަކަމަށާއި، އެހެންވެ، އެ ކޯޓުގެ ބެކްލޮގްގައި 4،071 މައްސަލަ އެބައޮތްކަމަށް ރިޒާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 18 މައްސަލައަކާއި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ނުހިނގާ އޮތް 552 މައްސަލައަކާއި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ނުހިނގާ އޮތް 1،079 މައްސަލަ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށްޓަކައި ސިވިލް ޕްރޮސީޖާ ކޯޑަށް ގެނައި އިސްލާހުތައް ފާސްކުރަންޖެހޭ ކަމަށް ވިދާޅުވެ، ސިވިލް ޕްރޮސީޖާ ކޯޑުގެ އިސްލާހުތައް ބަންޑާރަނައިބުގެ އޮފީހުގައި ތާށިވެފައި އޮތުމުން ރިޒާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރިޒޮލިއުޝަން ޑިސްޕިއުޓްގެ ތެރެއިން ބަލަން ފަށައިފިއްޔާ ސިވިލް ކޯޓުގެ 60 ޕަސެންޓް މައްސަލަ އަވަސްވާނެއެވެ.

comment ކޮމެންޓް