ޔުކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަށް އޭނާ ލަފާކުރެއްވި ގޮތަށް ރަޝިއާގެ ރައީސް ވްލަދިމިޔަ ޕޫޓިން އެއްބާރުލުން ލިބިިވަޑައިނުގަތުމުން، އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއި އެމެރިކާ ސިފައިން ޔުކްރެއިން އަށް ފޮނުވައިގެން މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ސީދާގޮތެއްގައި ވަންނަން ރާވާ ކަމުގެ ޚަބަރުތަކެއް ފެންމަތި ވެއްޖެއެވެ.
އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާގެ މަސްދަރަކާ ހަވާލާދީ އެމެރިކާގައި ޝާއިއުކޮށްފައިވާ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދުރުތަންތަނަށް ވަރަށް އެކިއުރޭޓްކޮށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު ކަމަށްވާ ޓޮމަހޯކް މިސައިލް ޔުކްރެއިންއަށް ދިނުމާމެދު އެމެރިކާ ވިސްނަމުން ގެންދިޔުމަކީ މިހަނގުރާމައިގެ ތެރެއަށް އެމެރިކާ ސީދާގޮތެއްގައި ވަނުމުގެ މަރުހަލާއެކެވެ.
މި ރިޕޯޓްތައް ބުނާގޮތުން ޓޮމަހޯކް މިސައިލް ޔުކްރެއިން އަށް ފޯރުކޮށްދިނުމާއި މި މިސައިލް ބޭނުންކުރާނެ ގޮތު ތަމްރީން ޔުކްރެއިން ސިފައިންނަށް ދިނުމަށް އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން (ސިފައިން) ފޮނުވުމާމެދު ވެސް އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާ ގެންދަނީ ވިސްނަމުންނެވެ.
ޓޮމަހޯކް މިސައިލް ފޯރުކޮށްދިނުމަށް އެމެރިކާގެ ކިބައިން އެދިފައިވަނީ ޔުކްރެއިން އިންނެވެ. އެމެރިކާ ގެ ހަނގުރާމައާބެހޭ ވުޒާރާއިން ވަނީ މިކަން ދިރާސާ ކުރަމުން ގެންދާކަމަށް ބުނެފައެވެ. މިސައިލް ދޭނެކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޓޮމަހޯކް މިސައިލް ޔުކްރެއިން އަށް ދިނުމަށް ނިންމައިފިނަމަ އެމިސައިލް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދިނުމަށް އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ އަސްކަރީ މުސްތަޝާރުން ނޫނީ ފަންނީ މީހުން ޔުކްރެއިންއަށް ފޮނުވާނެކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ ޓޮމަހޯކް މިސައިލް ، މިއީ ސަބްމެރިން އިންވެސް ފޮނުވާލެވޭ މިސައިލެއް
މިކަމާބެހޭގޮތުން ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިން ވިދާޅުވީ އެމެރިކާއިން ޓޮމަހޯކް މިސައިލް ޔުކްރެއިންއަށް ފޯރުކޮށްދީފިނަމަ އަދި ރަޝިއާއަށް ހަމަލާދިނުމުގެ ކަންކަމުގައި ޔުކްރެއިންއަށް ވާގިވެރިވުމަށް އެމެރިކާގެ ސިފައިން ޔުކްރެއިންއަށް ފޮނުވައިފިނަމަ އެއީ ރަޝިއާ އާދެކޮޅަށް އެމެރިކާ ހިންގާ ހަނގުރާމައިގެ ސީދާ އަމަލެއްގެ ގޮތުގައި ރަޝިއާ ދެކޭނެ ކަމަށެވެ.
މިއީ އެމެރިކާއާއި ރަޝިއާގެ ގުޅުން ހަނގުރާމައިގެ ހާލަތަކަށް ވެއްޓިގެންދާނެ ކަމެއްކަމަށާއި މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުންތަކަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިގެންދާނެކަމަށް ޕޫޓިން ވިދާޅުވިއެވެ. މީގެއިތުރުން މިއީ އެމެރިކާއާއި ރަޝިއާ އާ ދެމެދު އަސްކަރީ ކުރިމަތި ލުމެއް ހިނގުމަށް މަގުފަހިވެގެން ހިނގައިދާނެ ނުރައްކާތެރި ކަމެއްގެ ގޮތުގައިވެސް ޕޫޓިންވަނީ ސިފަކުރައްވާފައެވެ.
އަސްކަރީ މުހައްލިލުން ވިދާޅުވާގޮތުގައި ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގައި ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަށް ޕޫޓިން ދޫ ނުދެއްވުމާއި ރަޝިއާ އާ ކައިރީގައިވާ ނޭޓޯގެ ގައުމުތަކުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ ޑްރޯންތަކާއި ފައިޓާޖެޓްތައް ވަނުމާއި މިފަހަކަށް އައިސް ރަޝިއާއިން ޔުކްރެއިންއަށް ވަރުގަދަ ހަމަލާތައް ދިނުމާއި ރަޝިއާއިން ޔުކްރެއިން ގެ އިތުރު ސަރަހައްދުތައް ހިފަމުން ދިޔުމުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕް އާއި އެމެރިކާގެ އިސްވެރިން ވަނީ ރަޝިއާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
މީގެއިތުރުން މިއަހަރުގެ ކުރީކޮޅު އީރާނާއި ރަޝިއާ ސޮއިކުރި ކޮންޕްރޮހެންސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ރަޝިއާ ދާދިފަހުން ނިންމި ނިންމުމަކީ ވެސް ޓްރަމްޕް އާއި އެމެރިކާގެ އިސްވެރިންގެ ރުޅިގަނޑު އިތުރަށް ބޮޑުވިކަމެއްގެ ގޮތުގައި ރިޕޯޓްތަކުގައިވަނީ ހާމަކޮށްފައެވެ.
މިއެއްބަސްވުމުގެ ދަށުން ރަޝިއާގެ އަސްކަރީ ޓެކްނޮލޮޖީ އާއި ފަޒާއާބެހޭ ޓެކްނޮލޮޖީ އަދި އެ ނޫން ވެސް ހައިޓެކް ގެ ދާއިރާތަކުގައި ރަޝިއާ ވަނީ އީރާނަށް ބޮޑެތި އެހީތަކެއް ވެދޭން ފަށާފައެވެ. މީގެތެރޭގައި ރަޝިއާއިން އީރާނުގައި އިތުރު ހަތަރު ނިއުކްލިޔާ ރިއެކްޓަރު ބިނާކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ރަޝިއާގެ ގިނަ އަދަދެއްގެ އަސްކަރީ ކާގޯ ބޯޓުތައް އީރާނަށް ދާ މަންޒަރު ވަނީ ފެންނަން ފަށާފައެވެ.
ބައެއް ފަރާތްތަކުންވަނީ މިއީ ރަޝިއާގެ އެންމެ ޒަމާނީ ދިފާއީ ނިޒާމުތައް އީރާނަށް ފޯރުކޮށްދިނުމުގެ ދަތުރުތަކެއްކަމަށް ސިފަކޮށްފައެވެ. މި ދަތުރުތަކާބެހޭގޮތުން ރަޝިއާ ވެސް އަދި އީރާންވެސް ރަސްމީ ސިފައެއްގައި އެއްޗެއް ނުބުނެއެވެ.
ޓޮމަހޯކް މިސައިލް އަކީ 2،500 ކިލޯމީޓަރަށް ފޮނުވާލެވޭ، ވަރަށް ބާރުގަދަ މިސައިލް އެކެވެ. މި މިސައިލް ޔުކްރެއިންއަށް ލިބިއްޖެނަމަ ރަޝިއާއަށް ވަރަށް ނުރައްކާވާނެއެވެ. އެއިން ރަޝިޔާގެ ވަރަށް ގިނަ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ޔޫކްރެއިނަށް ވަރަށް ބޮޑަށް ލިބިގެން ދާނެއެވެ.
ނަަމަވެސް ޕޫޓިން ވިދާޅުވި ގޮތުގައި، ރަޝިއާގެ ޒާމާނީ ދިފާއީ ނިޒާމުތަކަށް ޓޮމަހޯކް މިސައިލްތައް ވައްޓާލެވޭނެއެވެ. އެމެރިކާ ޔުކްރެއިންއަށް ޓޮމަހޯކް މިސައިލް ދީފިނަމަ އެތަކެތި ބޭނުންކުރެވޭނީ އެމެރިކާ ސިފައިން ޔުކްރެއިންގައި ބައިތިއްބައިގެންކަން ޕޫޓިންވަނީ ފާހަގަ ކުރައްވާފައެވެ.
މިގޮތަށް ނަމަވެސް ޔުކްރެއިން ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި އެމެރިކާ ވަދެއްޖެނަމަ ޔުކްރެއިން ހަނގުރާމަ އެހެން މަރުހަލާއަކަށް ބަދަލުވެ ހަނގުރާމައިގެ މުޅިން އައު ބާބެއް ފެށިގެންދާނެ ކަމަށާއި މިހާލަތުގައި އެމެރިކާއާ ސީދާ ކުރިމަތިލުމަކަށް ރަޝިއާ ދާން ޖެހިދާނެކަމަށާ އެގޮތް މެދުވެރިވިނަމަވެސް ރަޝިއާ އޮތީ ފަހަތަށް ޖެހޭގޮތަށް ނޫންކަމުގެ އިންޒާރު ޕޫޓިން ދެއްވިއެވެ.
މިހާލަތު މެދުވެރިވި ނަމަވެސް ގިނަ ސްޓްރެޖިސްޓުން ދެކޭގޮތުގައި އެމެރިކާއާއި ރަޝިއާ ސީދާ ގޮތެއްގައި ހަމަލާތައް ބަދަލުކުރާ ހިސާބަށް ކަންތައްތައް ދިޔުމަކީ ވަރަށް ނާދިރު އަދި އެއީ ވަރަށް ދުރުކަމެކެވެ.
ކުޑަކުޑަ ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު އޮތްނަމަވެސް ބޮޑު ކުރިމަތިލުމަކަށް މިދެގައުމު ދިޔުމަކީ ވަރަށް ނާދިރު އަދި ގާތްގަނޑަކަށް ނުވާނެކަމަށް ބެލެވޭކަމެކެވެ.