ހުޅުމާލެއިން ޖާގަ ނުލިބިގެން މިހާރު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހިން 900އެއްހާ ދަރިވަރުން ކިޔަވަން މާލެ އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ސުކޫލުތަކުގައި ޖާގައިގެ ދަތިކަން އޮންނަ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ޝަފީއު ވިދާޅުވި ގޮތުގައި، މިހާރު ވެސް ހުޅުމާލެއިން ޖާގަ ނުލިބިގެން 900އެއްހާ ދަރިވަރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލެއަށް އާދެއެވެ.
ދަރިވަރުންތަކެއް އެސެމްބްލީގައި: ހުޅުމާލެއިން ޖާގަ ނުލިބިގެން މިހާރު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހިން 900 އެއްހާ ދަރިވަރުން މާލެއަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވަރަށް ޑިމާންޑު ބޮޑު އިނގޭތޯ [ސުކޫލު ޖާގައަށް]. މާލެއަށް އެބަ އާދޭ މިހާރު ވެސް ހުޅުމާލެއިން ޖާގަ ނުލިބުމުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ތިބި 900އެއްހާ ދަރިވަރުން. އަވީގައި. ވާރޭގައި. ސައިކަލުގައި [ކުދިން އެބަ އާދޭ]. ހަމަ ޖާގަ ނެތީމައިއެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އެ މައްސަލައަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ތަރައްގީކުރާ ޝަހީދު އަލީ ސުކޫލު ނިމުމުން ވަރަށް ބޮޑު ހައްލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ސުކޫލަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބަދަލުވާން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށާއި އެ ސުކޫލަށް މިހާރު ޕްރިންސިޕަލެއް ނަގާފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
އޭގެއިތުރަށް، އެ ސުކޫލަށް މުވައްޒަފުންނާއި ޓީޗަރުން ނަގަމުން އަންނައިރު، އަންނަ ޖަނަވަރީ 27 ގައި ފަށާ ދިރާސީ އަަހަރަށް އެ ސުކޫލު ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސުކޫލުތަކުގައި ވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެކަންކަމަށް ހައްލުކުރުމަށް އިތުރު 18 ކުލާސްރޫމު އެޅުމަށް ކޮންޓެރްކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދަރިވަރުންތަކަކާއެކު:ހުޅުމާލެއިން ޖާގަ ނުލިބިގެން މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހިން 900އެއްހާ ދަރިވަރުން މާލެއަށް -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ހުޅުމާލެއަށް ގިނަ ބަޔަކު ބަދަލުވަމުން އަންނައިރު، މިއަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސުކޫލެއް އެޅުމުގެ މަސައްކަތް ފަށާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ ސުކޫލުގެ ކޮންސެޕްޓު ފައިނަލްކޮށް، ކުރެހުން ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖާގައިގެ ދަތިކަން ވެސް ސުކޫލުތަކުގައި ހުރިއިރު، ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުން ނުލިބޭ ކަމުގެ ޝަކުވާ އާންމުކޮށް ކުރެއެވެ. އެގޮތުން އާންމުކޮށް ދިރާސީ އައު އަހަރެއް ފެށޭއިރު ޓީޗަރުން ހަމަނުވާ މައްސަލަ ވަރަށް ބޮޑުވެފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ސުކޫލުތަކުގައި ޖުމުލަ 11،372 ޓީޗަރުން ކިޔަވައިދިނެވެ. އޭގެތެރޭގައި، 8،978 ދިވެހި ޓީޗަރުންނާއި 2،394 ބިދޭސީ ޓީޗަރުން ހިމެނެއެވެ.