އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައިވާ ގޮތާ ގުޅޭ ގޮތުން ތިން ރަށެއްގައި ޚިޔާލު ހޯދުމުގެ ވޯޓު މި މަހުގެ ފަހު ހަފުތާ ބަންދުގައި ބާއްވަން ކެބިނެޓުން މިއަދު ނިންމައިފިއެވެ.
އައްޑޫގެ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ވޯޓެއް ނެގުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން މިދިޔަ މަހު 13ގައިރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތް ދުވަސްވަރު އައްޑޫގެ ރައްޔިތުންނާ ބައްދަލުވެ، ސިޓީއެއްގެ ގޮތުގައި އޮންނަ ބައެއް ކަންކަމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ކެބިނެޓުން ވަނީ، އައްޑޫގެ ރަށްތަކުގެ ކައުންސިލް އުފައްދަން ފެނޭތޯ ބަލަން މިމަހު އައްޑޫ ރައްޔިތުންގެ ވޯޓެއް ނަގަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީހުން މިއަދު ބުނީ، އައްޑޫގައި ވަކި ކައުންސިލްތައް އުފެއްދުމާ މެދު އެ ސިޓީގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި މަސްތެރޭ ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން، އެސިޓީގެ ފޭދޫއާއި ހުޅުދޫއާއި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އެރަށްތަކުގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހުޅުދުއާއި މީދޫ، އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ވެސް ވޯޓު ނެގުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ވޯޓުގައި އެރަށްތަކުގެ ރަޖިސްޓްރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މިމަހު 24 ނުވަތަ 25ގައި ވޯޓު ނަގާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އޭގެއިތުރަށް، ޢާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވާލާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކެބިނެޓުން ނިންމީ، އެޓީމުގެ ދަށުން އައްޑޫގެ "ކޮންޓެކްސްޓް" އެނގިވަޑައިގަންނަވާ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން، އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެށުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައްޑޫގެ ކައުންސިލާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމެވުމުން، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އައްޑޫ ސިޓީގައި ކައުންސިލް އޮންނަންވީ ގޮތަކާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އެ ސިޓީގެ ތަރައްގީއަށް ބޮޑު ހިޔަންޏެއް އެޅޭނެ 'ނުބައި' ނިންމުމަކަށް ވާނެ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އައު ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެއެވެ.
ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ވޯޓަށް އަހާއިރު، ފޭދޫގެ އާބާދީއަކީ 5،810 މީހުންނެވެ. ހުޅުދޫގައި 3,742 މީހުން ދިރިއުޅޭއިރު، މީދޫގައި އަންނަނީ 3،074 މީހުން ދިރިއުޅެއެވެ.