އޮފީހުގައި ފޫޖަހައިގެން މީގެ ހަތަރު މަސް ކުރިން މަސައްކަތް އޮންލައިންކުރި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް އައު އޮފީހެއް ހަމަޖެހި، އަންނަ ނޮވެންބަރު މަސް ތެރޭ ބަދަލުވާން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ކުރިން އެ އައިކޮމް ހިންގި ގ. ބިއްލޫރިގޭގައި ފޫޖަހައި، މުވައްޒަފުންގެ ސިއްހަތަށް ނުރައްކާވެފައި ވަނިކޮށް، މަސައްކަތްތައް އޮންލައިން ކުރީ މިދިޔަ މެއި މަހުގެ 20ގައެވެ. އެހެންވެ، އެ އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ ގޭގައި ތިބެގެނެވެ. އޭގެފަހުން، މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
'ސަން'އިން ސުވާލުކުރުމުން އާހިދު ވިދާޅުވީ، މިހާރު އައިކޮމްއަށް އައު އޮފީހެއް ހަމަޖެހި، ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، އަންނަ ނޮވެންބަރު މަސް ތެރޭ ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު: ވިދާޅުވީ، އަންނަ ނޮވެންބަރު މަސް ތެރޭ އައިކޮމްގެ އައު އޮފީހަށް މަސައްކަތް ބަދަލުކުރެވޭނެ ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން
މިހާރު [އޮފީސް އިމާރާތެއް] ހަމަޖެހިފައި ވަނީ. އެކަމަކު މޫވިން ޕްރޮސެސްގައި މިހާރު މިދަނީ. ނޮވެންބަރު މަސް ތެރެއަށް ކަމަށް އަނެއްހެން ރިއަލިސްޓިކްކޮށް މި ވިސްނަނީ [އައު އިމާރާތަށް ބަދަލުވެވޭނީ]ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު
މަސައްކަތްތައް އޮންލައިން ކުރުމުން އެކިކަހަލަ ދަތިތައް ކުރިމަތިވިކަން އާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން، ކަނެކްޝަން މައްސަލަތައް ދިމާވެގެން ބައެއް ފަހަރަށް އަޑުއެހުންތައް ލަސްކޮށް، ހުއްޓާލަން ޖެހޭ ކަމަށް އާހިދު ވިދާޅުވިއެވެ.

އައިކޮމްގެ ކުރީގެ އޮފީހުގައި ފޫ ޖަހާފައި: އެ އޮފީހުގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ގޭގައި ---- ފޮޓޯ/ އައިކޮމްގެ އަހަރީ ރިޕޯޓު
[މަސައްކަތް އޮންލައިންކުރުމުން] ކޮންމެވެސް ވަރަކަށް ޕްރޮޑަކްޓިވިޓީ ދަށްވެފައި އިނީ. އެހެންނަމަވެސް ކުރިއަށް ގެންދެވޭ ވަރަކުން ކުރިއަށް ގެންދިޔައީ ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު
ފާހަގަކުރެވޭ ގޮތުގައި، އައިކޮމްއިން މިދިޔަ މާރިޗް މަހު ނެރުނު، މިދިޔަ އަހަރުގެ ރިޕޯޓުގައި ވަނީ އެ އޮފީހުގައި ފޫ ޖަހައި، ސިއްހަތަށް ނުރައްކާވާ ހާލަތުގައި ހުންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށް ބުނެފައެވެ.
އެ ރިޕޯޓާ ގުޅޭ ގޮތުން އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާހިދު ވަނީ، އޮފީހުގެ ފާޚާނާ ވެސް ބޭނުން ނުކުރެވޭ ކަމަށާއި މުވައްޒަފުން އޮފީހުގައި މަސައްކަތްކުރީ ދަންފަޅިތަކަށް ބަހާލައިގެން ކަމަށް ވިދާޅުވެފައެވެ.
އޭގެ ސަބަބުން އައިކޮމްގެ ގިނަ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ބާއްވަން ޖެހުނު ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.
އައިކޮމްގެ އޮފީސް ހިންގި ގ. ބިއްލޫރިޖެހިގޭ އިމާރާތުގެ ހާލަތާ ގުޅޭ ގޮތުން އެ އޮފީހުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.