ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވަނީ ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއް ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވެފައިވަނީ، އެ މާއްދާގައި، ވަޒީރުން މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީޚެއް ކަނޑައަޅައިފައިނެތް ކަމަށެވެ. އަދި ވަޒީރުކަމުގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ ކުޑޫ ހުށަހެޅުއްވި އިސްލާހުތަކަކީ:
- ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއް ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލް ހުށަހަޅަން ވާނެއެވެ.
- އަހަރު ކަމަށް މާނަކޮށްފައިވަނީ، އެ މީހަކު ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ހަމަވާ ތާރީޚަށެވެ.
- މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ ބޭނުމަށް، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މުދަލާއި ފައިސާގެ ބަޔާން ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.
- މުދަލާއި ފައިސާގެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެއެވެ.
- ކަނޑައެޅިފައިވާ މުއްދަތުގައި މުދަލާއި ފައިސާގެ ބަޔާން ހުށަނާޅައިފިނަމަ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެއެވެ.
- މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަންކުރެވޭ ކޮންމެ މީހަކު އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، އެ މަގާމާ އޭނާ ހަވާލުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.
- މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލް އާންމުކޮށް ޝާއިއުކުރަންވާނެއެވެ.
މީގެ އިތުރުން ކުޑޫ ވަނީ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅެއްވުމާ ގުޅޭ ގޮތުން، މަޖިލީހުގެ ގަވައިދަށް ވެސް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ.

މެންބަރު މުހައްމަދު އިބްރާހިމް: ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް އޭނާ ވަނީ ހުށަޙަޅުއްވައިފައި -- ފޮޓޯ/ މަޖިލީސް
އެ އިސްލާހުތަކުގެ ތެރޭގައި ވެސް، މެންބަރުން ދައުރު ފަށާއިރު އެ މީހުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަމާއި އެ މީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ގޮތަށް އިސްލާހުތައް ކަނޑައަޅައިފައިވެއެވެ.
މަޖިލިސް މެންބަރުން މާލީ ބަޔާން ހުށަނާޅުއްވާނަމަ، މުސާރައިން ކެނޑޭ ގޮތަށް މިހާރު ވެސް ގަވައިދުގައި އޮވެއެވެ.
މިހާރު ގަވައިދުގައި އޮންނަ ގޮތުން، މެންބަރުންނަށް ދީފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާނަމަ، ފުރަތަމަ އޮންނަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ދީ އެކަން ލިއުމުން އެންގުމެވެ. އޭގެ ފަހުން ވެސް މާލީ ބަޔާން ނުދެއްވައިފިނަމަ ދެން އެ މެންބަރެއްގެ ނަން ތަޅުމުގައި އިއްވަނީއެވެ. އޭގެ ފަހުން އެ މެންބަރަކަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދި، މާލީ ބަޔާން ހުށަހެޅުއްވުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑޭ ގޮތަށް މިހާރު އޮވެއެވެ.
މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިދިޔަ މަހު ވަނީ ހާމަކޮށްފައެވެ. އެގޮތުން ފަސް މެންބަރެއްގެ މާލީ ބަޔާން ލަސްވި ނަމަވެސް، އިތުރު މުއްދަތު ދިނުމުން އެ މެންބަރުން ވަނީ މާލީ ބަޔާން ހުށަހަޅުއްވައިފައެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ވޯޓު ބޭނުންވެއެވެ. އެއީ 93 މެންބަރުންގެ ތެރެއިން 70 މެންބަރުންނެވެ. މިހާރު މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ 75 މެންބަރުން ތިއްބަވައެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވަނީ 12 މެންބަރުންނެވެ.