ގައިދީންނަށް މަސައްކަތް ދަސްކޮށްދޭ އިންސްޓިޓިއުޓް ތަމްރީނުދޭ މަރުކަޒެއް ގޮތަށް ރަޖިސްޓްރީކޮށްފި

ކަރެކްޝަނަލް ސްޓަޑީސްގެ އިންސްޓިޓިއުޓުގައި ވޮކޭޝަނަލް ތަމްރީނު ދިނުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކުރުން ---- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޖަލުގައި ދިގު މުއްދަތެއް ހޭދަކުރާ ގައިދީންނަށް މަސައްކަތް ދަސްކޮށްދޭ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގައި ތަމްރީނުދޭ މަރުކަޒެއް ގޮތުގައި ރަޖިސްޓްރީކޮށްފިއެވެ.

އިންސްޓިއުޓް ރަޖިސްޓްރީކުރި ކަމުގެ ސެޓްފިކެޓު ހަވާލުކޮށްދެއްވީ، އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ޒަހުރާ މުހައްމަދެވެ. އިންސްޓިޓިއުޓްގެ ފަރާތުން އެ ސެޓްފިކެޓާ ހަވާލުވެލެއްވީ، ސްޕްރިންޓެންޑެންޓް އިބްރާހިމް ނާޝިދެވެ.

މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނީ، އެ ބައްދަލުވުމުގައި ދިގު މުއްދަތަކަށް ޖަލުގައި ހޭދަ ކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރި ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށާއި ކަރެކްޝަންގެ މުވައްޒަފުން ތަމްރީނު ކުރުމަށް މަޝްވަރާކުރި ކަމަށެވެ. އަދި، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމުތައް ކުރިއަށް ގެންދަން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

'ސަން'އިން ސުވާލުކުރުމުން އެމްއެންއެސްޑީއޭގެ އޮފިޝަލަކު ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާކުރި ގޮތަށް، ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށާއި ބައިވެރިވުމަށް ހުޅުވާލާނެ ކަމަށެވެ.

ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނީ، މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަގުސަދަކީ، ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު ބޭނުންތެރި މަސައްކަތެއް ކުރާ އަދި ގައުމީ ސެޓުފިކެޓު ހާސިލުކޮށްފައިވާ ބަޔަކަށް ހެދުން ކަމަށެވެ.

ކަރެކްޝަންސްގެ އިންސްޓިޓިއުޓުން ގައިދީންނަށް ސެޓްފިކެޓް އެކަކުން ފެށިގެން ތިނަކާ ހަމައަށް ކޯސްތަކެއް ހިންގައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމާއި، ކޮމްޕިއުޓާ އެޕްލިކޭޝަންއާއި ފަހަން ދަސްކޮށްދިނުމާއި ކަރަންޓު ވަޔަރިންއާ ގުޅުންހުރި މަސައްކަތުގެ ކޯސްތައް ހިމެނެއެވެ.

comment ކޮމެންޓް