އެލްއާރްއޭޑީ ބޭނުންކުރުމުން ކަންބޮޑުވުން ބޮޑުވެފައި އޮއްވާ އެޗްއާރްސީއެމުން ބުނީ ފާހަގަވި ކަންކަން ބަލަނީ ކަމަށް

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

"ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހިނގައިދިޔަ ކަންކަން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ބުނެފިއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ އެއްވުމުގެ ބައިވެރިން އާޓިފިޝަލް ބީޗުން ނުކުމެ، މަޖީދީ މަގަށް ނިކުތުމުން އެސްއޯ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެއަށް ފަހު، އެއްވުމުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހައިފައެވެ. އޭގެ އިތުރުން، އެއްވުން ރޫޅާލުމަށް ޓަކައި ބާރު އަަޑެއް ފޮނުވައި ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ވެސް ފުލުހުން ވަނީ ފުރަތަމަ ފަހަރަށް ބޭނުންކޮށްފައެވެ.

މި އެއްވުން ރޫޅާލަން ފުލުހުން އެލްއާރުއޭޑީ ބޭނުންކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި އެއްވުމުގެ ބައިވެރިންނަށާއި ނޫސްވެރިންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް އާންމުންނަށް ވެސް މިކަމުގެ އަސަރުކޮށްފައިވެއެވެ.

އެހެންވެ، ނޫސްވެރިން ވަނީ ފުލުހުން އެލްއާރުއޭޑީ ބޭނުންކުރިކުރުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި މަައްސަލަ އެޗްއާރުސީއެމުން ބަލަމުން ދޭތޯ ތަކުރާރުކޮށް ސުވާލުކޮށްފައެވެ.

https://sun.mv/212230

ހުކުރު ދުވަހުގެ ރެއިން ފެށިގެން ތަކުރާރުކޮށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އެޗްއާރުސީއެމުން ބުނީ، އެމްޑީޕީގެ އެއްވުމުގައި ހިނގައިދިޔަ ކަންކަން މޮނިޓާކޮށް ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެކަމަކު އެ ކޮމިޝަނުން ބަލަނީ ކޮން ކަމެއްކަން ނުބުނެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރުން ދިފާއުކޮށް ނެރުނު ބަޔާނެއްގައި ފުލުހުން އެ ރޭ ބުނީ، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށެވެ.

އެ ބަޔާނުގައި ފުލުހުން ބުނީ، އެއްވުން ކުރިއަށް ގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފަށް އަަމަލުކުރި ކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވުން ކުރިއަށް ގެންދަން ނަސޭހަތްދިން ކަމަށް ބުންޏެވެ.

https://sun.mv/212229

އެ އެއްވުން ހުއްޓުވުމަށް ޓަކައި ފުލުހުން ބޭނުންކުރި ބާރަކީ ފުލުހުން ބުނި ގޮތުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައިވާ ހުއްދަކޮށްފައިވާ ބާރުތަކެއް ކަމަށް، ފުލުހުން ބުނެއެވެ.

އެމްޑީޕީން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމަކީ ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ސިފަކުރައްވައިފައެވެ. އަދި، އެމްޑީޕީގެ އެއްވުމާ ގުޅިގެން ސަރުކާރު ދިފާއުކުރައްވައި، ވަޒީރުންވެސް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރައްވާފައިވެއެވެ.

އެ އެއްވުމުން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން އެކަކު ދޫކޮށްލިއިރު، ބާކީ ތިބި މީހުން 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އިތުރު ތިން މީހުން ހިމެނެއެވެ.

comment ކޮމެންޓް