މާލެ ހުޅުމާލެ ހައިވޭން މިއަދު ހެނދުނު މާލެ ދަތުރުކުރި ބޮޑު ޓްރެއިލަރު ޕިކަޕެއް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ޓްރެއިލަރު ޓްރަކް ހައިވޭގައި ހުރި ޑިވައިޑަރުތަކަކަށް އެރުމުން ބައެއް ޑިވައިޑަރުތައް ހަލާކުވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނެއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަނީ އާރުއީޓީސީ ނަމަކަށް ކިޔާ އިމާރާތްކުރުމުގެ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ.
ފުލުހުން ބުނީ، މި ޓްރެއިލަރު ޓްރަކް ޑިވައިޑަރުތަކެއްގައި ޖެހި ޑިވައިޑަރުތައް ވެއްޓުނު މައްސަލަ ރިޕޯޓުކުރީ މިއަދު ހެނދުނު 8 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.