ތިނަދޫ ސިޓީގައި ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލަކުން ޖެހި، ކުޑަކުއްޖަކަށް އިއްޔެ އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގިގޮތުގެ ވީޑިއޯއެއް 'ފޭސްބުކް'ގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ތިނަދޫގެ މަގެއް މައްޗަށް ދުއްވައިގެން ވަގުތު އެ މަގުން ބާރަށް ދުއްވާފައި އައި ސައިކަލަކުން އައިސް ކުއްޖާގެ ގައިގައި ޖެހޭ މަންޒަރެވެ.
ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔައިރު، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގީ ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން އިއްޔެ 18:16 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި، ސައިކަލު ދުއްވީ ލައިސެންސް ނެތް މީހެއް ކަމަށާއި އެކްސިޑެންޓުވުމުން މަޑުވެސް ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އަދި، ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި ހާދިސާއާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ތިނަދޫގެ ޑެޕިއުޓީ މޭޔަރު ނަސްރުالله އަލީ ވިދާޅުވީ، ކުއްޖާގެ ހާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ނަސްރުالله ވިދާޅުވިއެވެ.