އޮސްޓްރިއާގެ ސަލްޒްބާގްގައި ކުރިއަށްދާ ރެޑްބުލް ފޯ ޓޫ ސްކޯ ވޯލްޑް ފައިނަލްސްގައި ވަރުގަދަ ގައުމުތަކެއް ފަހަތަށް ޖައްސާލުމަށް ފަހު މުބާރާތުގެ ގަދަ 16 ބުރުން ރާއްޖޭގެ ކްލަބް ޓީއެންޓީ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16 އިން ޓީއެންޓީ ޖާގަ ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް އަދި އެއް ބައްޔާއެކުއެވެ.
ފުރަތަމަ މެޗުގައި ޓީއެންޓީ ވަނީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްފައެވެ. ދެވަނަ މެޗުގައި ރާއްޖެއިން ވާދަކުރަން ހަމަޖެހިފައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނެދަލެންޑްސްއާ ދެކޮޅަށެވެ. އެކަމަކު، އެ ޓީމު ހާޒިރުނުވުމުން ރާއްޖެއަށް މެޗު ލިބުނީ 4-2 ގެ ސްކޯއަކާއެކުއެވެ.
އެއަށް ފަހު ޓީއެންޓީ ވަނީ ޖަޕާނު އަތުން 4-1 އިން ބަލިވެފައެވެ. ނަމަވެސް، ގްރޫޕުގެ ފަހު މެޗުގައި ވަނީ އޮމާން 1-0 އިން ބަލިކޮށްފައެވެ.

ރެޑްބުލް މުބާރާތުގައި ރާއްޖޭގެ ޓީއެންޓީ ކުޅުނު މެޗެއްގެ ތެރެއިން--
ގޯލްކީޕަރެއް ނުލައި ކުޅޭ މި 4v4 މުބާރާތުގައި ވާދަކުރާ ޓީއެންޓީގައި އަޒީމްގެ އިތުރުން ދެން ހިމެނެނީ ޕްރިމިއާ ލީގުގެ އޮޑި ސްޕޯޓްސް ކްލަބްގެ ފޯވާޑް އިސްމާއިލް ވިފާގާއި ނިއުރޭޑިއަންޓްގެ މުސައްނިފް މުހައްމަދު (މުސީ) އާއި ގދ. ވާދޫ ފުޓްސަލް ޓީމުގެ އިބްރާހިމް ޝައުފް މުހައްމަދުގެ އިތުރުން އާހިލް އަލީއެވެ.
ގދ. ވާދޫއަށް ނިސްބަތްވާ ޓީއެންޓީ އުފެދުނީ 2005 ވަނަ އަހަރެވެ. އެ ޓީމު ރެޑްބުލް ފޯ ޓޫ ސްކޯގެ ވޯލްޑް ފައިނަލްސްއަށް ކޮލިފައިވީ ރާއްޖޭގައި ކުޅުނު ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
މުބާރާތުގެ ގަދަ 16 ބުރުގެ މެޗުތައް މިއަދު ކުޅޭނެއެވެ.