ރަސްމާލެ ޑިޒައިންކޮށް މާސްޓާޕްލޭނެއް ތައްޔާރުކުރުމަށް ލަފާދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، މި ކޮންސަލްޓަންސީގެ މަގުސަދަކީ ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އަދި އިގުތިސާދީގޮތުން ފުދުންތެރި މާސްޓާޕްލޭނެއް އެކުލަވާލުން ކަމަށެވެ. މިއީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެ ކަމަށް އެ އިއުލާނުގައިވެއެވެ.
އެހެންކަމުން، ރަސްމާލޭގެ މާސްޓާޕްލޭން ތައްޔާރުކުރުމަށް ލަފާދިނުމުގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކުން އެ މަސައްކަތް ކުރެވޭނެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިއުންތައް ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީން އެދެއެވެ. އެގޮތުން، ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތެރޭގައި އެ ފަރާތެއްގެ ގާބިލުކަމާއި ކަމާގުޅުންހުރި ދާއިރާއިން ކުރި މަސައްކަތްތަކާ ގުޅޭ ލިޔެކިއުންތައް ހިމެނެއެވެ.
މިނިސްޓްރީން ބުނީ، ކޮންސަލްޓަންޓެއް ހޮވާނީ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ އިއުލާނުގައިވެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް، ނުވަތަ މިނިސްޓްރީގެ ޓެންޑާ ޑިޕާޓްމަންޓަށް ލިޔެކިއުން ހުށަހެޅޭނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށެވެ.
ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ރަސްމާލެއަކީ މާލޭ ކައިރި ފުށިދިއްގަރު ފަޅުން 1009 ހެކްޓަރު ހިއްކައިގެން ތަރައްޤީކުރާ ރަށެކެވެ. މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ ޑިސެންބަރު 18، 2023 ގައެވެ. ރަސްމާލޭ މަޝްރޫޢަކީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫއެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހައުސިން މަޝްރޫޢުގެ ދަށުން ފުރަތަމަ 15،000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.
އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
އެކި ސަބަބުތަކާ ހެދި، ރަސްމާލެ ހިއްކުން އެކި ފަހަރު މަތިން ހުއްޓިފައި ވެސް ވެއެވެ.
ތިމާވެއްޓާ ރައްޓެހި އީކޯ ސިޓީއެއްގެ ގޮތުގައި މި ތަން ތަރައްގީކުރާއިރު، މި ތަނުގައި 11،000 އެއްހައި ސޯޝަަލް ހައުސިން ތަރައްގީކުރަން ރައީސް ވަނީ ނިންމަވައިފައެވެ.
ރަސްމާލެއާއި ހުޅުމާލޭގެ ތިން ފިޔަވަހި ހިމެނޭހެން ހަތަރު ތަނެއްގެ ބިން ހިއްކުން އަވަސްކުރުމަށް ޓަކައި ތިން ޑްރެޖަރެއް ބޭނުންކުރަން ފަށާނެ ކަން އެޗްޑީސީން ހާމަކުރީ މިދިޔަ އޮގަސްޓް މަހުގެ 22ވަނަ ދުވަހުގައެވެ.