ހާއްޕެގެ ސާޖަރީ އިންޑިއާގައި، ހަރަދު ސަރުކާރާއި އެފްއޭއެމުން

އާރުއާރުސީގެ ޖާރޒީގައި އަލީ ހާފިޒް (ހާއްޕެ)-- ފޮޓޯ: އާރުއާރުސީ

ގައުމީ ފުޓްސަލް ޓީމުގެ ތަރި އަލީ ހާފިޒް (ހާއްޕެ)ގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއިން ސަލާމަތްވުމަށް ކުރަން ޖެހޭ ސާޖަރީ ކުރުމަށް ހާއްޕެ ބޭނުން ތަނަކުން ސާޖަރީ ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ, އިންޑިއާއިން ސާޖަރީ ކުރަން ފޮނުވަން ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އިން ނިންމައިފިއެވެ.

ހާއްޕެއަށް އަނިޔާވީ އޭޝިއަން ކަޕް ކޮލިފައިންގައި މިޔަންމާ އަތުން ރާއްޖެ 3-7 ގެ ނަތީޖާއަކުން ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅު ލިބުނު އަނިޔާއާ އެކު ހާއްޕެ ދަނޑުން ބޭލީ އަށިގަނޑުގައެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި މިޔަންމާއިން ހާއްޕެއަށް ފަރުވާދިން ޑޮކްޓަރު ވަނީ އަވަހަށް ސާޖަރީ ހެދުމަށް ހާއްޕެއަށް ލަފާދީފައެވެ. އެކަމަކު، ރާއްޖެ އައިސް 13 ދުވަހަށްވުރެ ގިނަ ވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ހާއްޕެއާއި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ބައްދަލުކޮށް އިންޑިއާއިން އެކަނި ބޭސްފަރުވާ ކުރެވޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނާ ވާހަކަދައްކަމުން ގައުމީ ޓީމުގެ މެނޭޖަރު ވަނީ ހާއްޕެގެ އަނިޔާއާ އެކު ހާއްޕެ ބޭނުންތާކުން އޮޕަރޭޝަން ކުރެވޭނެކަމުގެ ޔަގީންކަން ދީފައެވެ. އެހެންވެ, ހާއްޕެ ތައްޔާރުވަމުން އައީ ތައިލެންޑުން އޮޕަރޭޝަން ކުރުމަށެވެ.

"ގައުމީ ޓީމު ކުޅުންތެރިން ތިއްބަ އައިސް މެނޭޖަރު ބުނީ, ހާއްޕެ ބޭނުން ތާކުން އޮޕަރޭޝަން ކުރެވޭނެ އޭ. އެހެންވެ މާލެ އައިސް އޮޕަރޭޝަން ކުރަން ތައިލެންޑް ހިޔާރުކުރީ. އެކަން މެނޭޖަރަށް ވެސް އޭނަ (ހާއްޕެ) އެންގި،" މި ނޫހާ ވާހަކަދައްކަމުން ހާއްޕެގެ ގާތް ފަރާތަކުން މައުލޫމާތު ދިނެވެ.

ހާއްޕެއާ ގާތް ފަރާތަކުން މި ނޫހާ ވާހަކަދައްކަމުން ބުނީ މާލެ އައިސް އަވަހަށް ސާޖަރީ ކުރުމަށް ފުރުމަށް ހާއްޕެ އެކި ގޮތް ގޮތުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން، އަމިއްލަ ގޮތުން އާސަންދަ އަދި އެ ނޫންވެސް އެހީތެރިކަން ހޯދުމަށް ހާއްޕެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަސްލު ގައުމަށްޓަކައި ގުރުބާން ވަނިކޮށް އަނިޔާ އެވީ. މިހާރު 13 ދުވަސް މިވަނީ އޭނަ (ހާއްޕެ) އަތުން ހިނގާތާ. ރަނގަޅު ދަނޑިގަނޑެއްގެ އެހީގައި ދޯ އެހިނގަނީ އެކަމަކު އެއީ ހަމަ އަތުން އެ ހިނގަނީ. އެކޮޅުން ބެލި ޑޮކްޓަރު ވެސް ވަނީ އަވަހަށް ސާޖަރީ ކުރަން ބުނެފައި،" ހާއްޕެއާ ގާތް ފަރާތަކުން މި ނޫހަށް މައުލޫމާތު ދިނެެވެ.

މިކަމަށް އިޝާރާތްކޮށް އެފްއޭއެމުގެ ރައީސް އަޙްމަދު ތޯރިގު (ޓޮމް) ވަނީ މިއަދު ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުުން ވާހަކަދައްކަވާފައެވެ. ޓޮމް ވަނީ ހާއްޕެ އިންޑިއާގައި އޮޕަރޭޝަން ކުރަން އެއްބަސްވީ ބުރާސްފަތި ދުވަހުގެ މަޝްވަރާއަށް ފަހު ކަމަށެވެ. އަދި، އޮޕަރޭޝަނަށްދާނެ ޚަރަދާއި ކުޅުންތެރިޔާއާއި ދެ އެހީތެރިންގެ ޓިކެޓާއި ތިބުމާއި ކެއުމުގެ ޚަރަދު ކުރާނީ އެފްއޭއެމާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާ އެކު ކަމަށެވެ.

ހާއްޕެގެ ފައިގެ ކުޑަ ހުޅުގެ ސާޖަރީއަށް 10,000 އެމެރިކާ ޑޮލަރު އަރައެވެ.

އަނިޔާގެ ސަބަބުން ހާއްޕެއަށް މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕު ވެސް ވަނީ ގެއްލިފައެވެ. އަދި، އަންނަ އަހަރު ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޅުމުގެ ފުރުސަތު ވެސް ކުޑައެވެ.

ހާއްޕެ އެންމެ ފަހުން ބޮޑު އޮޕަރޭޝަނެއް ކުރީ 2024 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ. އެ ފަހަރު ކުޅުމާ ދުރުގައި ހަ މަހު ހުންނަން ޖެހުނެވެ.

comment ކޮމެންޓް