މުޖުތަމައު އުޖާލާކުރުމުގެ ބާރު އޮތީ މުދައްރިސުންގެ އަތްމަތީ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ މުޖުތަމައަށް އުޖާލާ ކުރިމަގެއް ހޯދައިދެނީ މުދައްރިސުން ކަމަށް --- ފޮޓޯ/ރައީސް އޮފީސް

ދިވެހި މުޖުތަމައަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މުދައްރިސުންގެ ބުރަ މަސައްކަތަކީ ދެ ދުނިޔޭގެ މަންފާ އެކުލެވޭ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ފަޚުރުވެރި ޚިދުމަތެއް ކަމަށެވެ.

މާދަމާ ޤައުމާ ހަވާލުވާން ތިބީ ޒުވާނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, އެކުދިން މިއަދު ސްކޫލްތަކުގައި ތައުލީމް ހާސިލްކުރުމުން އަންނަ ކަމަށާއި ޤައުމަށް ފައިދާހުރި ހަރުދަނާ ބައެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދޭ އިރުޝާދާއި އަޅާލުމާއި ފޯރުކޮށްދޭ ތައުލީމުން ކަމަށެވެ.

"އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ތައުލީމީ ދާއިރާއަށް މުދައްރިސުން ގެންނަ އިންގިލާބުގެ އިތުރުން، އެ މީހުންގެ ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވޭނެ ކަންކަމާ މެދު ފިކުރުކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް