ހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ހަނިމާދޫގައި މިއަދު ވަނީ ފަށައިފައި --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ހދ. ހަނިމާދޫގައި އައިޑީކާޑު ޕްރިންޓުކޮށް، ދޫކުރުމުގެ ޚިދުމަތްދޭން މިއަދު ފަށައިފިއެވެ.

މިއީ ކުޅުދުއްފުއްޓާއި މަކުނުދުއަށް ފަހު، ހދ. އަތޮޅުގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތްދޭ ތިންވަނަ ރަށެވެ. އަދި މިއީ މި ޚިދުމަތްދޭ 34ވަނަ ރަށެވެ.

ހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށްޓަވައިދެެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެކެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ބޮޑު އަގުގައި ރަށްރަށުން މީހުން މާލެ އައިސް ޚިދުމަތް ހޯދަން އޮންނަ "އަަޅުވެތިކަމަށް" ނިމުމެއް ގެނެސް، ސީދާ ރަށްރަށުން ޚިދުމަތް ލިބޭގޮތް ހެދުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހު ވިދާޅުވެފައިވެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މެދުދެކުނުގެ ހަތަރު އަތޮޅެއްގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ މަހުގެ 24ވަނަ ދުވަހު ތ. ވޭމަންޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

https://sun.mv/211777

ވޭމަންޑޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އެ ދުވަހު ސަރުކާރުން ފެށިކަމާއި، ބައެއް ރަށްރަށުގައި އައިޑީކާޑު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތް މި ސަރުކާރުން ފަށާފައިވާކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ކުރިއެރުންތައް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ތިބި ތަނަށް ސަރުކާރުން އައިސް ޚިދުމަތްތައް ގާއިމްކުރަން، އަބަދު ބޮޑުއަގުގަ މާލެއަށް ނުވަތަ އެހެން ދުރު ހިސާބަކަށް ގޮސްގެން ޚިދުމަތްހޯދަން، އެ 'އަޅުވެތިކަން' ނިމުމަކަށް ގެންނަން، ރައްޔިތުންނަށް ފަސޭހަކަން، ރައްޔިތުންނާ ހިސާބަށް ގެނެސްދޭން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް