ބާރު އަޑު ފޮނުވަން ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ބަލަން ގޮވާލާ ޕެޓިޝަނެއް

އެމްޑީޕީން ބާއްވާ ލޫޓުވައިފި މުޒާހަރާގައި އެސްއޯ ފުލުހުންތަކެއް: ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ބަލަން ގޮވާލައި ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުން ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް

އެމްޑީޕީން ރޭ ބޭއްވި އެއްވުން ރޫޅާލަން ފުލުހުން ބާރު އަޑު ފޮނުވަން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމުން، އެކަން ބެލުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

އެ ޕެޓިޝަންގައި ބުނީ، "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި އެއްވުމަކީ ސަރުކާރު ޒިންމާދާރުކުރުވުމަށް ބޭއްވި ސުލްހަވެރި އެއްވުމެއް ކަމަށެވެ.

ނަމަވެސް މި އެއްވުމުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ކުރިއަށް ގެންދަން މަސައްކަތްކުރި ކަމަށް ބުނެ، އެއްވުން ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އެ ޕެޓިޝަންގައިވެއެވެ.

އެގޮތުން، 170 ޑެސިބެލްއަށް ވުރެ ބާރު އަޑު ފޮނުވޭ އެލްއާރުއޭޑީ ބޭނުންކޮށް، ގިނަ އާންމުން ދިރިއުޅެމުން އަންނަ ސަރަހައްދެއްގައި ފުލުހުން އެއްވުން ރޫޅާލަން މަސައްކަތްކުރި ކަމަށާއި، ނަތީޖާއެއްގެ ގޮތުން އިހްތިޖާޖުގައި ބައިވެރިވި މީހުންގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ އާންމުންގެ ތެރެއިން އެވަގުތު ނިދާފައި ތިބި މީހުންނަށާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން އެމްޑީޕީގެ އެއްވުމުގައި ތިބި ބައެއް މީހުންނާ ހަވާލާދީ އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ އެއްވުމުގައި 30 މިނެޓާއި 45 މިނެޓާ ދެމެދުގެ ވަގުތަކަށް އެލްއާރުއޭޑީ ބޭނުންކުރުމުގެ ސަބަބުން ގިނަ މީހުންގެ އަޑުއިވުމަށް އަސަރުކޮށް، ދިގުދެމިގެންދާ ގެއްލުން ބައެއް މީހުންނަށް ލިބިފައިވެއެވެ.

ޕެޓިޝަންގައި އިތުރަށް ބުނީ، އެލްއާރުއޭޑީއޭގެ ސަބަބުން މީހުންގެ އަޑުއިވުމަށް ދާއިމަށް އަސަރުކޮށް، ބޯއެނބުރުމާއި ނަފްސާނީ ގެއްލުން ލިބެއެވެ. އަދި ވަކިން ޚާއްސަކޮށް އެއާ ކައިރީގައި ތިބޭ މީހުންނަށް ލިބޭ ގެއްލުން ބޮޑު ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

އަޑުއިވުމަށް ލިބޭ ގެއްލުމުގެ އިތުރުން އެލްއާރުޑީއޭ ބޭނުންކުރުމުން ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނާއި ގަވައިދުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ އެކި މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ ހައްގު ނިގުޅައިގަންނަ ކަމަށް ވެސް އެ ޕެޓިޝަންގައިވެއެވެ.

އެލްއާރުޑީއޭ އިޒްރޭލުގެ އަސްކަރީ ޓެކްނޮލޮޖީއާ ގުޅިމް އޮންނައިރު، އެލްއާރުޑީއޭ ބޭނުންކުރުމަކީ ރާއްޖޭގައި އިޒްރޭލުގެ އުފެއްދުންތައް ބޭނުންކުރުން މަނާކޮށްފައިވާ ކުރުމަށް ފުށޫއަރާ ކަމެއްގެ ކަމަށް ވެސް، ޕެޓިޝަންގައިވެއެވެ.

އެހެންކަމުން އެ ޕެޓިޝަންގައި ވަނީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މިކަން ތަހްގީގުކޮށް، ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި، ދާއިމަށް ގެއްލުންވާ ފަދަ އާލާތްތައް ފުލުހުން ބޭނުންކުރުން ހުއްޓާލުމަށާއި، އެމްނެސްޓީ އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމިއްޔާތަކާއި އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން މިކަންކަން ބަލައި، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ.

މިހާތަނަށް މި ޕެޓިޝަންގައި 51 މީހަކު ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަންގައި މިހެން އޮތް ނަމަވެސް، އެލްއާރުޑީއޭ ބޭނުންކުރުން ދިފާއުކޮށް މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށެވެ.

އެ އެއްވުން ހުއްޓުވުމަށް ޓަކައި ފުލުހުން ބޭނުންކުރި ބާރަކީ ފުލުހުން ބުނި ގޮތުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައިވާ ހުއްދަކޮށްފައިވާ ބާރުތަކެކެވެ.

comment ކޮމެންޓް