މީގެ ކުރިން ވެސް އެތަކެއް ފަހަރަކު އޭނާއަށް ރަނީމްގެ އަތުން އެ އުޅާ ފެނިފައިވެއެވެ. އެހެންނަމަވެސް މިރޭ އޭނާއަށް އެއަށް ބަލައިލެވުނީ މުޅީން ތަފާތު ނަޒަރަކުންނެވެ.
"ކިހިނެއްވީ ނާވީ؟" ނާވީ މާ ޝައުޤުވެރިކަމާއެކު، އޭނަގެ އަތުގައި އޮތް އުޅާއަށް ބަލަމުން ދިޔައީތީ ރަނީމް ސުވާލުކޮށްލިއެވެ.
"މިއީ ކާކު ދިން އެއްޗެއްތަ؟" ނާވީ ރަނީމްއަށް ބަލައިލިއެވެ.
"ރީތި ދޯ. މާމަމެން ބުނީ މީ ބައްޕަ ނިޔާވުމުގެ ކުރިން އަހަންނަށް ދިން ހަދިޔާއެކޭ.. ބައްޕަގެ ވަސިއްޔަތެއް އެއީ ދުވަހަކު ވެސް މިއުޅާ އަހަރެންގެ އަތުން ވަކިނުކުރުން." ނާވީ އެ ސުވާލުކުރި ސަބަބާ ދޭތެރޭ މާ ބޮޑު ވިސްނުމެއްނެތި ރަނީމް ހާމަކޮށްލިއެވެ. އެހެން ބުނެލިއިރު އޭނަގެ ތުންފަތް މަތީގައި ހިނިތުންވުމެއްގެ އަސަރުވިއެވެ.
"އެހެންތަ؟ ރަނީމްއަށް ރަނީމްގެ ބައްޕައާ ބެހޭ އެއްވެސް މައުލޫމާތެއް މާމަމެން ކިޔައިދިންތަ؟ ބުނެދިންތަ ކީއްވެގެންކަން ބައްޕަ އެގޮތަށް ވަޞިއްޔަތްކުރީ؟" ނާވީ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ނޫން. މާމަ މެން ބުނީ ބައްޕަ އަހަރެން ދެކެ ވަރަށް ލޯބިވާކަމުގައި. އަދި މިއީ އެ ލޯބީގެ ރަމްޒެއްކަމުގައި. އޭގެ އިތުރުން މާ ގިނަ ވާހަކަތަކެއް ނޭނގެ. އެނގޭހާވެސް އެއްޗަކީ ބައްޕައަކީ ރާއްޖެ މީހެއް ނޫންކަން. އަހަރެންގެ އިސްތަށިގަނޑު މީ ބައްޕަގެ ފަރާތުން ވާރުތަވި އެއްޗެއްކަމުގައި މާމަމެން ބުނި." ރަނީމް އޭނައަށް އެނގޭ މިންވަރަށް ކިޔައިދިނެވެ.
ނާވީ ރަނީމްއަށް ބަލަައިލުމަށްފަހު ހިނިތުންވެލިއެވެ. ރަނީމް ކުޑަކޮށް ހައިރާންވީ ނާވީ ކުއްލިއަކަށް އޭނާގެ ބައްޕަގެ މައުލޫމާތު އޮޅުން ފިލުވުމުންނެވެ. މީގެ ކުރިން އޭނާގެ ބައްޕައާ މެދު ނާވީ ޝައުޤުވެރިވެފައެއް ނެތެވެ.
"ކިހިނެއްވީ؟ ކީއްވެ ކުއްލިއަކަށް ބައްޕަގެ ވާހަކަ ތި އަހަނީ؟" ރަނީމް ސުވާލުކޮށްލިއެވެ.
"ނޫން ނޫން. ކަމެއް ނުވޭ. އަހަރެން ހަމަ އަހައިލީ..." ނާވީ ބުނެލިއެވެ. އޭނަ ރަނީމްގެ އަތުގައި ހިފައްޓާލާފައި އެ އަތަށް ބޮސް ދިނެވެ. ރަނީމްގެ ތުންފަތް މައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. ނާވީގެ ތުންފަތް އޭނަގެ އަތުގައި ބީހިލި ވަގުތު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެތެރެ ހަށި ހަލަބޮލިވިއެވެ.
އިރުކޮޅަކު ނާވީގެ ގާތުގައި ހުރެފައި ރަނީމް ވާހަކަ ދެއްކިއެވެ. އޭނަ ބޭނުންވީ ގެއަށް ދާށެވެ. މަންމަ ގިނައިރު އެކަނި ބާއްވާފައި ގެއިން ބޭރުގައި ހުރުމަކީ އޭނައަށް މިހާރު ފަސޭހަކަމެއް ނޫނެވެ. ނިދާފައި އޮވެފައި ކުއްލި ކުއްލިއަށް ސިއްސައިގެން ގޮސް ހޭލެވޭއިރު މުޅި މީހާ އޮންނަނީ ދާހިތްލާ ފޯވެފައެވެ. ހަށިގަނޑުގައި ތުރުތުރު އެޅުމެއްގެ އަސަރު ވެސް ހުރެއެވެ.
ރަނީމް ގެއަށް ދިޔުމުން ވެސް ނާވީ ރުއްފަލުގައި މަޑުކޮށްލިއެވެ. ވިސްނުންތަކުން ފުނިޖެހިފައިވާ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. މިހާތަނަށް އެނގުނު ހުރިހާކަމެއް ބޮޑަށްބުރަވަނީ ރަނީމްއަކީ ރައާބިލްގެ ދަރިކަމަށެވެ. ސިކުނޑީގައި އެކިއެކި ޚިޔާލުތައް ވަށާ އެނބުރެން ފެށިއެވެ. ރަނީމްގެ އަތުގައި އޮތް އުޅާއާއި ރައާބިލްގެ ވަސިއްޔަތުގެ އިތުރުން އޭނައަށް ރައާބިލް ކިޔައިދީފައިވާ ވާހަކަތަކެވެ. އޭގެ އިތުރުން ސަމްރާއަށް އޭނަ ފެނުމާއެކު އައި ބަދަލުތަކެވެ. ރަނީމްގެ ފަރާތުން މިރޭ އިވުނު ވާހަކަތަކެވެ. މިހާރު އުފެދޭ ސުވާލަކީ ރަނީމްއަކީ ރައާބިލްގެ ދަރިއަކަށް ވާނަމަ، ރަނީމް ދުނިޔޭގައި ހުއްޓާ އޭނަގެ މަރުގެ ޚަބަރު ރައާބިލްއަށް ދިނީ ކާކު ހެއްޔެވެ؟ އެކަމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އަނެއްކޮޅުން ރައާބިލް ބުނެފައިވާ ގޮތުގައި، އޭނާގެ ދަރިފުޅުގެ އަތުގައި އަޅާފައި އޮތް އުޅާއަކީ އެ ދަރިފުޅުގެ ރައްކާތެރިކަމަށް އަޅާފައިވާ އުޅާއެކެވެ. ވީއިރު އޭނާއަށް ރަނީމްއާ ކައިރިވެވެނީ ކީއްވެގެން ހެއްޔެވެ؟ އަދި އޭނާގެ ބައްޕައަށް ރަނީމްއަށް ގެއްލުން ދެވުނީ ކީއްވެގެން ހެއްޔެވެ؟ އެ އުޅާގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ރައްކާތެރިކަމަށް ހަދާފަ އޮތް އެއްޗެއްގެ ބޭނުމެއް ނެތީ ކީއްވެހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އެންމެ ފުރަތަމަ އޭނަ ކުރަން ޖެހޭނެ ކަމަކީ ރައާބިލްއާ ބައްދަލުކުރުމެވެ.
"ދައިސަމް. އަނެއްކާވެސް އަހަރެން ދާން ޖެހިއްޖެ. ހުރިހާކަމެއްގެ އެންމެ ފުނަށް ވާސިލްވުމަށްޓަކައި ރައާބިލްއާ ވީ އެންމެ އަވަހަކަށް ބައްދަލުކުރުން މުހިންމު. އޭނަގެ ދަރިފުޅު މަރުވި ޚަބަރު ދިނީ ކާކުތޯ ބަލަން އެބަ ޖެހޭ...." ދައިސަމް އައިސް އޭނަގެ ކައިރިއަށް މަޑުކޮށްލިކަން އެނގުމާއެކު، ނާވީ ވާހަކަ ދެއްކިއެވެ. އޭނަ ހުރީ ހަމަ ހުރި ގޮތަށް މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ދައިސަމް ނާވީގެ ފަހަތުން އައިސް އޭނައާ އެއްހަމައެއްގައި މަޑުކޮށްލިއެވެ.
"ދޭ..." އޭގެ އިތުރުން އިތުރު އެއްޗެއް ނުބުނި ނަމަވެސް ދައިސަމް ރަނީމްއަށް ރައްކާތެރިކަން ދޭނެކަން ނާވީއަށް ޔަޤީންވިއެވެ. ދައިސަމްއާ ރަނީމް ހަވާލުކޮށްފައި ދާކަށް މިހާރު އޭނަ ޖެހިލުމެއް ނުވެއެވެ.
"ކަލޭއަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެ. ކަލޭ އަހަންނަށް ތިޔަ އެހީވެދެނީ މިކަމުގައި ހުރި ނުރައްކާތެރިކަން އެނގިހުރެ … ޔަޤީން ކުރޭ! ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެން ކަލޭ ދިފާޢު ކޮށްދޭނަން." ނާވީ ދައިސަމްއަށް ޔަޤީންކަން ދިނެވެ. ނާވީގެ ކޮނޑުގައި އަތް ޖައްސައިލުމަށްފަހު މަޑުމަޑުން އެ ކޮނޑުގައި ޖަހައިލާފައި ދައިސަމް ބޯ ޖަހައިލިއެވެ. ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެޔޭ ބުނާ ބީދައިންނެވެ. ވަރަ ހުޅުވައިލުމަށްފަހު ނާވީ އުދުހިގަތުމާއެކު އޭނަގެ ގާތުން ފެހިނޫ އައްޔެއް އެރިއެވެ. އެ މަންޒަރު ބަލަން ހުރެފައި ދައިސަމްވެސް ގެއްލިއްޖެއެވެ.
ނާވީގެ މިސްރާބު ހުރީ ޝަހަރަށެވެ. އޭނަ ބޭނުންވީ އެ ދިޔަ ގޮތަށް ގޮސް، ބިންގަރާހަށް ވަދެ ރައާބިލްއާ ބައްދަލުކުރަން ނަމަވެސް، އެ ފުރުސަތު ހޯދުންވީ އުނދަގޫކަމަކަށެވެ. ހޭލަމޭލިވެ އުޅޭ ސިފައިންތައް ފުދޭވަރަކަށް ގިނައެވެ. ތަނުގެ ޙާލަތު ދިރާސާކޮށްލުމުގައި ނިޔަތުގައި ތަންކޮޅެއް ދުރުގައި ހުރި ގަސްތަކެއްގެ ތެރޭގައި، ނާވީ މަޑުކޮށްލިއެވެ. އެތެރެއަށް ވަދެވޭނެ ކޮޅުމައްޗެއް ނުފެނުމާއެކު، އެންމެފަހުން އެތަނުން ދާންވެގެން އަވަސްވެގަތެވެ.
ކިއްލާތަކާ ކައިރިވީ ވަރަކަށް މާހައުލުގެ ހަލަބޮލިކަން ނާވީއަށް ފާހަގަކުރެވުނެވެ. އޭނަ ގޮސް ދަގަނޑު ގޭޓުން ވަންނަމުން ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވައިލިއެވެ. ފާރަވެރިއަކަށް ހުރި މީހާ ބުނީ އިންޖާބު ދަތުރަށްފަހު، ޝަހަރަށް އައިކަމުގައެވެ. ބޯ ޖަހައިލުމަށްފަހު ނާވީ ގޮސް ގަނޑުވަރަށް ވަތްްއިރު، އިންޖާބު ގެނައި ލަކުޑި ފޮށިތައް އެތެރެއަށް ވެއްދުމުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ. އޭރު ބޮޑު ކޮޓަރީގައި އެންމެން ތިއްބެވެ. މަންމައާއި ބައްޕަގެ އިތުރުން މާމައާއި ކާފައެވެ.
"ނާވީ.. " ނާވީ ފެނުމާއެކު، ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން އިންޖާބު ނާވީއަށް ގޮވައިލިއެވެ. ދެ އަތް ނާވީއާ ދިމާލަށް ދިއްކޮށްލަމުން، އިންޖާބު އެދުނީ އޭނަ ގާތަށް އައުމަށެވެ. ލާފައިވާ ހުދުކުލައިގެ ޖުއްބާގެ އަތް ފުޅާކަމުން ބިންމަތީގައި ކޭތެމުންދިޔައިރު، ނުރަވެފައިވާ އިސްތަށިގަނޑު ވަނީ ކޮނޑަށް ވުރެ ތިރިއަށް ދިގުވެފައެވެ.
ނާވީ ގޮސް އިންޖާބު ކައިރިއަށް ހުއްޓުމާއެކު، އިންޖާބު ނާވީގެ ގައިގައި ބައްދައިލިއެވެ.
"ދަރިފުޅު ކިހިނެއްތަ؟" އޯގާތެރިކަމާއި އުފާވެރިކަން އެ އަޑުގައި ވެއެވެ.
"ރަނގަޅު." ނާވީ ބުނެލިއެވެ. އިންޖާބު ދެފަަހަރަކު ނާވީގެ ބުރަކަށީގައި ފިރުމާލާފައި ދުރުކޮށްލުމާއެކު، ނާވީ ފުން ނަޒަރަކުން އިންޖާބަށް ބަލައިލިއެވެ. ރައާބިލްގެ ފަރާތުން އިންޖާބުގެ އަނިޔާވެރިކަމުގެ ވާހަކަ އަޑު އިވުނި ފަހުން ކާފައާ މެދު ކުރިން ދެކެމުން އައި ނަޒަރު ވަނީ ބަދަލުވެފައެވެ. ހަރުކަށި ނަމަވެސް އޭނަ ހީކުރީ ކާފައަކީ ހިތްތިރި އޯގާތެރި މީހެއް ކަމުގައެވެ. އެހެން މީހުންގެ އިޙްސާސްތައް ދަންނަ އެ އިޙްސާސްތަކަށް ޤަދަރުކުރާ މީހެއް ކަމުގައެވެ. އެހެންނަމަވެސް ރައާބިލްގެ ވާހަކަތަކުން އެހުރިހާކަމަކަށް ދެވަނަ ނަޒަރިއްޔާތަކުން ބަލައިލުމަށް ވަނީ މަޖުބޫރުވެފައެވެ. ވަރަ އެފަދަ ގޮތަކަށް އަންދައިލުމަކީ ވޭން ހުރި ކަމެކެވެ. އެ ވަރައާއެކު އެމީހުންގެ ބައެއް ބާރުތައް ވެސް ނެތިގެންދާނެއެވެ. އިންސާނެއް ދެކެ ލޯބިވުމުން އުމުރު ދުވަހު ހުރިހާ އުފަލަކުން މަހުރޫމްވާން ޖެހޭ ފަދަ ބޮޑު އަދަބެއް ކަނޑައެޅިފައިވަނީ ކީއްވެހެއްޔެވެ؟ ނާވީގެ ހިތުގައި ހިނގަން ފެށި އިޙްސާސްތަކާއެކު، އޭނައަށް ހިނިތުންވާންވެސް ވަނީ އުނދަގޫވެފައެވެ. ސިކުނޑީގައި އަބަދާ އަބަދު ގުގުމަނީ ރައާބިލް ދެއްކި ވާހަކަތަކެވެ. ކާފަގެ ފަރާތުން އޭނައަށް އެސިފަތައް ދުވަހަކު ފެނިފައި ނުވިޔަސް، ރައާބިލް އެ ދެއްކި ވާހަކަތަކުގައި ތެދުވާކަން އޭނާއަށް އެނގެނީ ރައާބިލްއަށް ލިބިފައިވާ އަނިޔާތައް ލޮލުން ފެނިފައިވާތީއެވެ.
"ދަރިފުޅު ކަމަކާ ކަންބޮޑުވެފައިތަ؟" އިންޖާބުގެ ވިންނުންތޫނު ސިކުނޑިއަށް ނާވީގެ ހާސްކަން ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ނަމީރަށް އެ އަޑު އިވުމާއެކު، އޭނަގެ ނަފްސު ހަރުކަށިވެލައިފިއެވެ. ބައްޕައަށް އެއްވެސް ކަމެއް ޝައްކުވާކަށް އޭނަ ފަހަރެއްގައިވެސް ބޭނުމެއް ނޫނެވެ.
"ނޫން. ކުޑަަކޮށް އަރާމުކޮށްލަން ބޭނުންވެފަ ހުރީމަ..." ނާވީ އެހެން ބުނެލާފައި ނަމީރަށްއަވަސް ނަޒަރެއް ދިނެވެ. އިންޖާބު ވެސް އަރާމުކޮށްލަން ބޭނުންވެފައި ހުރުމުން، ބަތީލާއާއެކު ދިޔައީ ކޮޓަރިއަށެވެ. ޝައިސްތާވެސް ގަނޑުވަރުގެ ޚާދިމާއަކަށް ގޮވާލާފައި އެތަނުން ދިޔުމުން ނަމީރާ ނާވީ އެކަނިވިއެވެ. ނަމީރުވެސް ނާވީއާ ދިމާލަށް ބަލައިލާފައި އިތުރު އެއްޗެއް ބުނާ ޚިޔާލު ނުކޮށް އެތަނުން ނުކުމެގެން ދިޔައީއެވެ. އެ ދެމެދުގައިވި ނުތަނަސްކަމުގެ ބޯ ފާރު ދަނީ ދުވަހެއް ދުވަހަކަށް ބޯ ވަމުންނެވެ.
*****
ނާވީ ގަނޑުވަރުން ނުކުތް މަންޒަރު އިތުރު މީހެއްގެ ލޮލުގައި އަޅައިގަތްކަމެއް އޭނާއަކަށް ނޭނގެއެވެ. ފަރާތް ފަރާތަށް ހޯދައިލުމަށްފަހު އެއްވެސް މީހަކަށް ނުފެނި އޭނަ މިސްރާބުޖެހީ ބިންގަރާހުގެ ބިއްދޮށާ ދިމާ ޖަންގައްޔަށެވެ. މެންދަމުގެ ވަގުތަށް ވުމާއެކު، ފިނިކަން އިންތިހާއަށް ފަޒާގައި ހިފާލާފައި ވެއެވެ. ވައިރޯޅިއެއްގެ ހިލަންވެސް މިރޭ ނުވެއެވެ. މުޅިމާހައުލުގައި އާދަޔާ ޙިލާފު ހަމަހިމޭންކަމެއް ރަސްކަން ކުރަމުން ދިޔަ ސަބަބަކީ އެއީއެވެ. ފަޅިހަނދެއް ރަސްކަން ކުރަމުން ދިޔަ ނަމަވެސް ގަސްތަކުގެ ތެރެއިން ފުރޭނިގެން އަންނަމުން ދިޔަ ކޮކާ ހަނދުވަރުގެ އަލިކަން ކޮންމެވެސް ވަރަކަށް ވެއެވެ. އުޑުމަތީގައި އެތުރިލައިގެން ތިބި، ތަރިތަކުގެ ބެބުޅުމުން ހަނދުގެ ދަރުބާރަށް ފުރިހަމަ ކަމެއް ގެނެސްދެމުން ދިޔައެވެ. ވިލާ ރޮއްޖެއްގެ މިންވަރުވެސް، އުޑުމަތީގައި ނުވެއެވެ. ގޯނާ ކޮށްލާނެ ވައި ރޯޅިއެއް ވެސް ނެތީތީ ގަސްތައްވެސް ވަނި ޢާދަޔާ ޙިލާފަށް ހިމޭންވެފައެވެ.
ނާވީ ނިކަ ގަހަކަށް ތިރިކޮށްލި ވަގުތު ގަހުގައި ނިދާފައި ތިވި ވާތަކެއް އުދުހިގެން ދިޔައެވެ. ބިންގަރާސް ރީއްޗަށް ފެންނަ ހިސާބުގައި އިން ނާވީ ފަރުވާތެރިކަމާއެކު ވަށައިގެން ކަޅި ހިންގަމުން ދިޔައެވެ. އެތެރެއަށް ވަންނާނެ ފުރުސަތު ލިބޭނެކަން ޔަޤީންވުމާއެކު، އުދިހިގެން ގޮސް އޭނަ އެތަނަށް ވަނެވެ. ރައާބިލް އޮތް ގޮަޅީގެ ކައިރިއަށް ދާކަށް އޭނައަކަށް މާ އުނދަގުލެއް ނުވިއެވެ. ފަރުވާތެރިކަމާއެކު ގޮސް ރައާބިލް އޮންނަ ޖަލު ގޮޅީގެ ތޭރިތަކުގެ ކައިރީގައި ހުއްޓުނެވެ. އޮށޯވެގެން އޮތް ރައާބިލްއަށް ނާވީ އައިކަން އެނގުމާއެކު ތެދުވިއެވެ.
"އަހަންނާ ބައްދަލުކުރަން އަބަދު އައުމަކީ ރައްކާތެރި ގޮތަކަށް ނުވާނެ!" ނާވީއާ ކުރިމަތިލަމުން ރައާބިލް ބުންޏެވެ.
"ދަރިފުޅު މަރުވި ކަމުގައި ބުނީ ކާކު؟" ރައާބިލް ބުނެލި ވާހަކައަށް އެއްްޗެއް ބުނުމުގެ ބަދަލުގައި ނާވީ ކޮށްލީ ސުވާލުކޮށްލިއެވެ. ރައާބިލް ހައިރާންކަމާއެކު، ދެބުމަ ގާތްކޮށްލިއެވެ. ނާވީ އެ ސުވާލު ކުރަން ޖެހުނު ސަބަބެއް އޭނަގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
"ތި އަޑު އިވުނީ ރަނގަޅަށް. ރައާބިލްގެ ދަރިފުޅު މަރުވިކަމަށް ބުނީ ކާކުތަ؟" އޭނަ ބުނި އެެއްޗެއް ޤަބޫލު ނުކުރެވިފައި ހުރިހެން ހީވާން ފެށުމާއެކު، ނާވީ ދެވަނަ ފަހަރަށް ތަކުރާރު ކޮށްލިއެވެ.
"ކިހިނެއްވީ؟" ރައާބިލް ކުރިއަށް ޖެހިލާ ތޭރިތަކުގައި އަތް އަޅުވައިލިއެވެ. "ކީއްވެ ކުއްލިއަކަށް ތި ސުވާލު ކުރަން ތި ޖެހުނީ؟"
"އަހަންނަށް އަހަންނަށް ހީވަނީ، އެ ދަރިފުޅު ދުނިޔޭގައި ހުރިހެން. އިތުރަށް ކަންކަން ޔަޤީންކުރަން އެ ސުވާލުގެ ޖަވާބު އަހަންނަށް ވަރަށް މުހިންމު." ނާވީ ބުންޏެވެ.
"އެހެންވާނީ ކިހިނެއް؟ ނަމީރު އަހަންނަށް އެވަރު ބޮޑުކަމެއްގައި އޮޅުވައެއް ނުލާނެ. ސަމްރާ... ސަމްރާ ދުނިޔޭގައި ހުރި ކަމަށް ވެސް ބުނީ ހަމަ އޭނަގެ ދުލުން." ރައާބިލްއަށް ބުނެވުނެވެ.
"ބައްޕަ؟... ބައްޕަތަ އެ ޚަބަރު ދިނީ؟" ޤަބޫލުނުކުރެވޭ ފަދައަކުން ނާވީއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު ރައާބިލް ބޯ ޖަހައިލިއެވެ.
"ކީއްވެ ކަލެއަށް އެހެން ހީވާންވީ؟ ބުނެބަލަ! އަހަރެންގެ ދަރިފުޅާ ބެހޭގޮތުން ކަލެއަށް އެނގެނީ ކޯންޗެއް؟" ރައާބިލްގެ ކެތްތެރިކަން ކޮޅުން ލާން ފެށިއެވެ. ނާވީ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ތޭރިތަކަށް އަތުން ބާރުކޮށްލެވުނެވެ. ނަމީރު އޭނާއަށް އެވަރު ކަމެއްގައި އޮޅުވާލަފާނެ ހެއްޔޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ.
"ނާވީ...." ރައާބިލް ދެން ގޮވައިލިއިރު، އެ އަޑުގައިވަނީ އާދޭހުގެ އަސަރެވެ. "ކަލޭއަށް އެނގޭ ހުރިހާކަމެއް ނިކަން ކިޔައިދީބަލަ."
"އަދި ޔަޤީންކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުރި. އެ ހުރިހާކަމެއް ޔަޤީންކޮށްފަ އަހަރެން އަދި އަންނާނަން. މިވަގުތު އެހަށް ދަނީ." ނާވީ އެހެން ބުނެލާފައި ރައާބިލްއަށް އިތުރު ފުރުސަތެއް ނުދީ އެތަނުން ދިޔައީއެވެ. ރައާބިލްއަށް ތޭރިތަކުގައި ހިފައްޓާލައިގެން އެ ހުރި ގޮތަށް ހުރެވުނު އިރު އޭނާގެ ސިކުނޑީގެ ތެރޭގައި ހީވަނީ ތޫފާނެއް އުފެދިފައިވާހެންނެވެ. ނަމީރު އޭނައަށް އޮޅުވާލިނަމަ އެކަމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ ދަރިފުޅު ދިރި ދުނިޔޭގައި ހުއްޓާ މަރުވެއްޖެއޭ އެބުނީ ކޮން ފައިދާއެއް އެކަމުން ނަމީރަށް ލިބޭނެތީހެއްޔެވެ؟ ނަމީރާ މެދު ހިތުގައި އުފެދިފައިވާ ޝަކުވާތައް އިތުރުވުން ނޫންކަމެއް ނުވެއެވެ. އަނެއްކޮޅުން ނާވީވެސް އެ ދިޔައީ އޭނާ އިތުރު ވިސްނުންތަކެއްގެ ތެރެއަށް ޣަރަޤުވާން ދޫކޮށްލާފައެވެ. ރައާބިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ބިންގަރާހުން ނުކުތް ގޮތަށް ޖަންގައްޔަށް ވަގެ ގަހެއްގެ ގޮފިގަނޑުމަތީގައި ނާވީ އިށީނެވެ. އޭނައަށް ބިންގަރާސް ފެންނާނެ ހެންނެވެ. ވިސްނުންތަކުން ބަރުވަމުން ދިޔަ ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައެވެ. ހަޤީޤަތާ ކައިރިވީވަރަކަށް ވަދެވެނީ ބޮޑު އޮޅުންބޮޅުން ގަނޑެެއްގެ ތެރެއަށެވެ. އެ ވިސްނުމުގައި އޭނަ އިންދާ ސިހުނީ ފަހަތުން އިވުނު އަޑާއެކުގައެވެ.
"ކީއްކުރަން އެކަކަށް ވެސް ނޭނގި ސިއްރުން ބިންގަރާހަށް ތިދަނީ؟" އެއީ ނަމީރުގެ އަޑެވެ. އޭނަ ފަސް އެނބުރުނުއިރު ބައްޕަ ހުރީ ވައިގެ ތެރޭގައި ވަރަ ހުޅުވާލައިގެން ދެބުމަ ގޮށް ޖަހާލައިގެންނެވެ.
ނާވީގެ ގޮފިގަނޑުގެ މައްޗަށް ތެދުވިއެވެ. އޭނަ ނަމީރަށް ބަލަހައްޓައިގެން ހުރި ނަމަވެސް އެ ސުވާލަކަށް ޖަވާބެއް ނުދިނެވެ. ބައްޕަގެ މޫނުމަތީގެ އަސަރުތައް ދޭހަކޮށްދެނީ އޭނައަށް ފާރަލީ ކަމެވެ. ސިއްރު ފަޅާއަރައިފިކަން އެނގުމުން ނާވީ ކުޑަކޮށް ޖެހިލުންވި ނަމަވެސް އޭނާ އަމިއްލަ މީހާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
"އަހަރެން މި އަހަނީ ނާވީ ބިންގަރާހަށް ދިޔައީ ކީއްކުރަންހޭ؟" ނަމީރުގެ އަޑު ދެވަނަ ފަހަރަށް ގުގުމައިގެން ދިޔައެވެ. އޭނަގެ ދެލޯ ފެހިނޫ ކުލައިން ދިއްލިގެން ދިޔައެވެ. ދެންވެސް ނާވީ އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އޭނަ ހަމަ ހުރި ގޮތަށް ހުރީއެވެ. ބައްޕަ އެގޮތަށް ފާރަލުމުން ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. ނާވީގެ ހިމޭންކަމުން ނަމީރގެ ރުޅިގަނޑު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ.
"ނާވީ…" ނަމީރުގެ ބާރު އަޑު ގުގުމައިގެން ދިޔައެވެ.
"އަޅުގަނޑު ބޭނުން ބައްޕައާ ސުވާލެއް ކޮށްލަން..." ނާވީ ވާހަކަ ދެއްކީ ދެނެވެ. އޭނަ ހިތުގައި އުފެދިފައިވާ ސުވާލުތައް ނަމީރާ ކުރަން ނިންމިއެވެ. އެ ހިތުގައި ހިނގާ ޝައްކުގެ އެރިވަރުތައް ފިލާނީ ހުރިހާ ސުވާލެއްގެ ޖަވާބު ލިބިގެންނެވެ.
"ރައާބިލްގެ ދަރިފުޅު ކޮބާ؟" ނާވީ ފުންނޭވާއެއް ދޫކޮށްލަމުން އެންމެފަހުން އަހައިލައިފިއެވެ.
(ނުނިމޭ)