ކުލަބް މޯލްޑިވްސް ކަޕް 2025 ގެ ގަދަ 16 ބުރުން ކުލަބު އެޗްޑީސީއާއި މޯލްޑިވިއަން ޖާގަ ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސީގައި ރޭ އެޗްޑީސީއާއި ކުލަބު އެމްޓީސީސީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި ގްރޫޕްގައި މީގެ ކުރިން އޮތް އުރީދޫ ޓީމުން ނަން ނެގުމުން، ދެން އޮތީ އެޗްޑީސީއާއި އެމްޓީސީސީގެ އިތުރުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބެވެ. އެއާއެކު އުރީދޫއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗުތަކުން އެ ތިން ޓީމަށް ވެސް ތިން ޕޮއިންޓް ލިބޭނެއެވެ.
މި ނަތީޖާއާ އެކު އެޗްޑީސީއަށް ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުވިއިރު، އެ ޓީމަށް ގްރޫޕް ނިމޭއިރު ހަތް ޕޮއިންޓް ލިބޭނެއެވެ. އެގޮތުން ރޭގެ މެޗު އެއްވަރުވިއިރު، ފުރަތަމަ މެޗުން އެޗްޑީސީ ވަނީ 2-1 ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށްފައެވެ.
ގަދަ 16 ބުރުގެ ޖާގައެއް މޯލްޑިވިއަންއިން ހޯދީ ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުން 2-1 ގެ ނަތީޖާއަކުން ޕްރިޒަން ކުލަބު ބަލިކޮށްގެންނެވެ. މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓީމު އެފްއެސްއެމްއާއި ޓީމު ފެނަކަ ބައްދަލުކުރިއިރު، އެ މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
އެއާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް މޯލްޑިވިއަންއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ފެނަކައަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި، ތިންވަނައިގައި އޮތް އެފްއެސްއެމްއަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ޕްރިޒަން ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިހާތަނަށް ހަތަރު ޓީމެއް ވަނީ ގަދަ 16 ބުރުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އެއީ، އެޗްޑީސީ އާއި މޯލްޑިވިއަންގެ އިތުރުން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަދި ޓީމު އެމްއޭސީއެލްއެވެ.