މާރާމާރީ ހިންގަނިކޮށް، ހިޔާ ޓަވަރެއް ކައިރިން އިއްޔެ ހައްޔަރުކުރި ހަތަރު މީހުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު ސަރަހައްދު ޕެޓްރޯލް ކުރަނިކޮށް ހިޔާ ފުލެޓު ހަތެއް ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އެއީ، 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރަށް 24 އަހަރު ފިރިހެނެކެވެ. މި އެންމެންނަކީ ދިވެހީން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިއަދު 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި މި މާރާމާރީއާ ގުޅުވައި ދައުރުވާ ވީޑިއޯއަކުން، ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެެނެއެވެ. ދެ ފިރިހެނުން ތަޅައި، އެކަކު އަނެއްގެ ޓީޝާޓު ބާލާ މަންޒަރު ފެނެއެވެ. އަދި، ދެ އަންހެނުން ވެސް އެކަކު އަނެއްގެ އިސްތަށިގަނޑަށް ދަމާތަން ވެސް ފެނެއެވެ. އެ މީހުން ހުއްޓުވަން ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.