އިދިކޮޅު އެމްޑީޕީން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރި މުޒާހަރާ ރުޅާލުމަށް ފުލުހުން ބޭނުންކުރި ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)އަކީ ފުލުހުންނަށް ބޭނުންކުރުމުގެ ހުއްދަ އޮންނަ އެއްޗެއް ނޫން ކަމަށާއި އެއީ އިސްރާއިލުގެ އުފެއްދުމެއް ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ބުނެފިއެވެ.
އެތައް ހާސް ބަޔަކު އެއްވި އެ މުޒާހަރާގެ ބައިވެރިން މާޖީދީ މަގުން ކުރިއަށްދާން ފެށުމުން ފުލުހުން އެ ކަމަށް ހުރަސް އެޅިއެވެ. އޭގެ ފަހުން، އެސްއޯ ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، މުޒާހަރާ ހޫނުވިއެވެ.
އެ މުޒާހަރާ ރޫޅާލަން ޕެޕާ ސްޕްރޭއާއި ބާރު އަަޑެއް ފޮނުވާ އެލްއާރުއޭޑީ ވެސް ފުލުހުން ވަނީ ބޭނުންކޮށްފައެވެ.

ފުލުހުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހިފެހެއްޓުން: މި މުޒާހަރާގައި އަށް މީހަކު ހައްޔަރުކުރިކަން އެމްޑީޕީއަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައި -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
މުޒާހަރާއަށް ފަހު، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ، އެލްއާރުއޭޑީއަކީ ފުލުހުން ބޭނުންކުރުމުގެ ހުއްދަ އޮންނަ އާލާތެއް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބާރު އަޑެއް ފޮނުވާ އެ އާލާތަކީ އިސްރާއިލްގެ އުފެއްދުމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.
"އިސްރާއިލްގެ ތަކެތި އެތެރެކުރުން މަނާކޮށްފައި އޮތް ގައުމެއްގައި މި ކަހަލަ އެއްޗެއް [އެލްއާރުއޭޑީ] ބޭނުންކުރަން ފެށުމުން މިއީ ވެސް ހަމަ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މި މައްސަލަ އަޅުގަނޑުމެން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނަން،" މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީ ލޫޓުވައިފި މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ: ބާރު އަޑު ފޮނުވާ އާލާތަކީ މަނާ އެއްޗެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައި --- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
މައުރޫފް ވިދާޅުވީ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހުށަހަޅާނެ ކަމަށެވެ.
މީގެ އިތުރަށް، އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މުޒާހަރާއަށް އެއްވި މީހުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކަންފަތަށް 'ދާއިމީ' ގޮތުން ހުރީ ގެއްލުންވެފައި ކަމަށް އައިކު ވިދާޅުވިއެވެ.
މި މުޒާހަރާގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ބުނެއެވެ. އެކަމަކު، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ 13 މީހުން ހައްޔަރުކުރި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރޭ މުޒާހަރާގައި ބައިވެރިވި މެންބަރަކަށް ހާޓްއެޓޭކެއް ޖެހިގެން ވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރި ބޭއްވި ބައްދަލުވުމެއްގެ ތެރެެއިން: ބާރު އަޑު ފޮނުވާ އިސްރާއީލުގައި ބޭނުންކުރާ އެއްޗެއްކަމަށް އެމްޑީޕީން ވަނީ ބުނެފައި -- ފޮޓޯ/ އެމްޑީޕީ
ފުލުހުން ވަނީ، ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން ގަލާއި ފެންފުޅި އުކާފައިވާ ކަމަށް ބުނެފައެވެ. އަދި، އެފަދައިން އަމަލުކުރި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މުޒާހަރާއާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވީ، އެމްޑީޕީން އަމަލުކުރި ގޮތުން އެޕާޓީގެ މަގުސަދަކީ ސުލްހަވެރި ހަރަކާތެއް ބޭއްވުން ނޫން ކަމަށް ބެލެވެން އޮތް ކަމަށެވެ.