އެމެރިކާއާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން 2026 ވަނަ އަހަރު ބާއްވަން ތައްޔާރުވާ ފީފާ ވޯލްޑްކަޕުގައި ބޭނުންކުރާ ބޯޅަ "ޓްރައިއޮންޑާ" ދައްކާލައިފިއެވެ.
މަޝްހޫރު އެޑިޑަސް ކުންފުނިން ތައްޔާރުކުރި މި ބޯޅަ ދައްކާލުމުގެ ގޮތުން ރަސްމިއްޔާތެއް އިއްޔެ އެމެރިކާގެ ނިއުޔޯކުގައި ވަނީ ބާއްވާފައެވެ. މުބާރާތް ތިން ގައުމެއްގައި ބާއްވަން ތައްޔާރުވި ނަމަވެސް، ބޮޑެތި މެޗުތައް ކުރިއަށްދާނީ އެމެރިކާގައެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕަށް ބޯޅަ ފަރުމާކޮށްފައި ވަނީ ރަތް، ފެހި އަދި ނޫ ކުލަތަކުންނެވެ. މި ބޯޅަ ރަމްޒުކޮށްދެނީ މުބާރާތް ބާއްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާއެވެ. އެއީ، މެކްސިކޯގެ ފެހިކުލައާއި ކެނެޑާގެ ރަތްކުލައާއި އެމެރިކާގެ ނޫކުލައެވެ.
މީގެ އިތުރުން، ތިން ގައުމުގެ އެކި ސިފަތައް ވެސް ވަނީ ބޯޅައިގައި ހިމަނާފައެވެ. އެގޮތުން، މެކްސިކޯ ދިދައިގައިވާ ފެހިކަމާއި ކެނެޑާގެ ދިދައިގައިވާ ފަތާއި އެމެރިކާގެ ދިދައިގައި ހުންނަ ތަރިތައް ވެސް ވަނީ ހިމަނާފައެވެ. މި ބައިތައް ހިމަނާފައިވަނީ އެ ގައުމެއްގެ ކުލަޔަކާ ދިމާވާ ގޮތަށެވެ.

ބޯޅައަށް ދީފައިވާ ނަމުގެ ފަހަތުގައި ދެ ބަހެއް ހިމެނެއެވެ. އެއީ، އިނގިރޭސި ބަހުން "ޓްރައި" އާއި ސްޕެއިން ބަހުން "އޮންޑާ" އެވެ. ޓްރައިގެ މާނައަކީ މުބާރާތް ބާއްވާ ތިން ގައުމެވެ. ނުވަތަ ތިނެކެވެ. އަދި, އޮންޑާ ގެ މާނައަކީ ސްޕެއިން ބަހުން ބުނާނަމަ ރާޅެވެ. ދެ ބަސް ގުޅުވާލާއިރު ބަހުގެ މާނައަކީ ތިން ރާޅެވެ.
ޓްރައިއޮންޑާ ބޯޅައިގައި ގިނަ ސިފަތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ބޯޅައިގެ އެތެރޭގައި ރެފްރީންނަށް ސިގްނަލް ފޯރުކޮށްދިނުމަށާއި މައުލޫމާތު އެއްކުރުމަށް ޚާއްސަ ޗިޕެއް ހިމެނެއެވެ. އަދި، ބޯޅައިގެ އަސްލަށް ބަދަލު ނާންނަގޮތަށް، އަދި ދިގު މުއްދަތަކަށް ބޯޅައިގެ ކޮލިޓީ ހިފެހެއްޓޭނެ ގޮތަކަށް ވަނީ ސިފަތައް ހިމަނާފައެވެ.
މި ފަހަރުގެ ފީފާ ވޯލްޑްކަޕުގައި 48 ގައުމު ވާދަކުރެއެވެ. މިއީ މިހާ ގިނަ ގައުމުތަކާއެކު ވޯލްޑްކަޕު ބާއްވާ ފުރަތަމަ ފަހަރެވެ.