މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތަކާ ޔޫޒަރުން މުޢާމަލާތްކުރާ މައުލޫމާތު ބޭނުންކޮށްގެން، ޔޫޒަރުންނާ ގުޅޭގޮތަށް ފޭސްބުކާއި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި އިޝްތިހާރުތަކާއި ކޮންޓެންޓް ދެއްކުމަށް މެޓާއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ބަދަލުގެ ސަބަބުން ޔޫޒަރުންނަށް ފެންނަ ކޮންޓެންޓާއި އިޝްތިހާރުތައް އިތުރަށް އަމިއްލަވަންތަ ވެގެންދާނެ ކަމަށް މެޓާއިން ބުނެއެވެ.
މި ބަދަލުގެ މައިގަނޑު މަޤުސަދަކީ ކޮންޓެންޓް ރެކޮމެންޑޭޝަންތައް އިތުރަށް ހަރުދަނާކޮށް، އިޝްތިހާރުތައް، ޔޫޒަރުންނަށް ބޮޑަށް ގުޅޭ ގޮތަށް ހެދުމެވެ. މެޓާއިން ބުނާ ގޮތުގައި، މި ބަދަލު އަންނަ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރެވޭނެއެވެ. މިކަމާ ގުޅޭގޮތުން ޔޫޒަރުންނަށް އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ނޮޓިފިކޭޝަންތައް ފޮނުވަން ފަށާނެއެވެ.
މި ބަދަލުގެ ސަބަބުން ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް، ތްރެޑްސް އަދި މެޓާގެ އެހެނިހެން ޕްލެޓްފޯމްތަކުން ޕޯސްޓްތަކާއި ރީލްސް ފަދަ ކޮންޓެންޓްތައް ދައްކަން ފަށާނެއެވެ. މި ކޮންޓެންޓްތައް ހޮވުމުގައި ބޭނުންކުރާ ޔޫޒަރުން މެޓާ އޭއައި ޗެޓްބޮޓްތަކާ ވޮއިސް ނުވަތަ ޓެކްސްޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކުން ލިބޭ މައުލޫމާތު ބޭނުންކުރެވޭނެއެވެ.
މިސާލަކަށް، ހައިކިންއާ ބެހޭ ގޮތުން މެޓާ އޭއައި އާ ވާހަކަ ދައްކައިފިނަމަ، އިންސްޓަގްރާމް އަދި ފޭސްބުކުން ހައިކިން ގްރޫޕްތަކާއި، ހައިކިންގް ޓްރެއިލްތަކާ ބެހޭ ޕޯސްޓްތައް އަދި ހައިކިން ބޫޓްސްގެ އިޝްތިހާރުތައް ދައްކަން ފަށާނެއެވެ.

ޑިސެމްބަރު 16 އިން ފެށިގެން މިއުޞޫލު ތަންފީޒުކުރަން ފަށާނެ ---
ނަމަވެސް، މެޓާއިން ބުނާ ގޮތުގައި ޔޫޒަރުންނަށް ފެންނަ ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ބާރު ކޮންމެ ޔޫޒަރަކަށް ވެސް ލިބިގެންވެއެވެ. އެޑްސް ޕްރިފަރެންސަސް އަދި އެހެނިހެން ފީޑް ކޮންޓްރޯލް ޓޫލްސް ބޭނުންކޮށްގެން އިޝްތިހާރުތަކާއި ކޮންޓެންޓް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މެޓާއިން އިތުރަށް ބުނެފައިވަނީ ދީނީ ގޮތްތަކާއި، ޖިންސީ މުއާމަލާތްތަކާއި، ސިޔާސީ ޚިޔާލުތަކާއި، ސިއްހަތާއި، ނަސްލީ ނުވަތަ ނަސްލުގެ އަސްލާއި، ފިލޯސޮފީގެ ޢަޤީދާތަކާއި، ޓްރޭޑް ޔޫނިއަން މެންބަރުކަން ފަދަ ހައްސާސް މައުލޫތައް އިޝްތިހާރު ދެއްކުމަށް ބޭނުން ނުކުރާނެ ކަމަށެވެ. ނަމަވެސް، މިފަދަ މައުލޫތައް ޕޯސްޓްތަކާއި ރީލްސް ރެކޮމެންޑް ކުރުމަށް ބޭނުންނުކުރާނެ ކަމަށް މެޓާއިން ސާފުކޮށް ބުނެފައެއް ނުވެއެވެ.
މެޓާއިން ބޭނުންކުރާނީ އެކައުންޓްސް ސެންޓަރަށް އިތުރުކޮށްފައިވާ އެކައުންޓްތަކުން ލިބޭ މައުލޫމާތު އެކަންޏެވެ. އެހެންކަމުން، ވަޓްސްއެޕް އެކައުންޓް އެކައުންޓްސް ސެންޓަރަށް އިތުރުކޮށްފައިނުވާނަމަ، ވަޓްސްއެޕްގައި މެޓާ އޭއައި އާ ކުރާ މުޢާމަލާތްތަކުން ލިބޭ މައުލޫމާތު ކޮންޓެންޓް ރެކޮމެންޑް ކުރުމަށާއި އިޝްތިހާރު ދެއްކުމަށް ބޭނުންނުކުރާނެއެވެ.