ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އަންހެން ދަރިފުޅު ނިތާރާ ދާދި ފަހުން ސައިބާ ކްރައިމްގެ ޝިކާއަރައަކަށް ނުވެ ސަލާމަތްވީ ކިރިޔާ ކަމަށް އެކްޓަރު ބުނެފިއެވެ.
'ސައިބަ އެވެއަނެސް މަންތު 2025' ފާހަގަކުރުމުގެ ގޮތުން މުމްބާއީގައި ބޭއްވި ޕަބްލިކް އިވެންޓެއްގައި ވާހަކަދައްކަމުން އަކްޝޭ ވަނީ ސައިބާ ކްރައިމްގެ ދުނިޔެއަކީ ހަގީގަތެއް ކަމަށާއި އެކަން އެކްޓަރުގެ އަންހެން ދަރިފުޅު ތަޖުރިބާކުރި ކަމަށް ބުނެފައެވެ.
އަކްޝޭގެ ދަރިފުޅަށް ދިމާވި ހާދިސާގެ ތަޖުރިބާ އާއްމުންނާ ހިއްސާ ކުރަމުން އެކްޓަރު ބުނީ، މީގެ މަސްތަކެއް ކުރިން 13 އަހަރުގެ ނިތާރާ ކުޅުނު އޮންލައިން ވީޑިއޯ ގޭމެއްގައި ނުވެސް ދަންނަ މީހަކު ދަރިފުޅުގެ ޖިންސާ ގުޅޭގޮތުން ސުވާލުކުރި ކަމަށެވެ.

އަކްޝޭ އަދި އަންހެނުން ޓުވިންކަލް ދަރިފުޅު ނިތާރާއާ އެކު--ފޮޓޯ/ފިލްމުފެއަ
އެ މީހާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަންހެން ކުއްޖެއް ކަމަށް ބުނުމުން އެ ސުވާލުކުރި މީހަކު އެދުނީ ދަރިފުޅުގެ ބަރަހަނާ ފޮޓޯ ފޮނުވައިދިނުމަށް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
ނިތާރާ ވަގުތުން ކުޅެންއިން ވީޑިއޯ ގޭމް ނިއްވާލުމަށް ފަހު އެކަން މަންމަ ޓުވިންކަލްއަށް އެންގި ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. އެ ދުވަހު ދަރިފުޅު އެގޮތަށް އަމަލުކުރީ ސައިބާ ކްރައިމްގެ ދުނިޔޭގެ ހަގީގަތް ދަރިފުޅަށް ކިޔައިދީފައިވާތީ ކަމަށާއި އެއީ ވެސް ލިބުނު ފިލާވަޅެއް ކަމަށް އެކްޓަރު ވަނީ އެ ހަފުލާގައި ބުނެފައެވެ.
އިންޓަނެޓުގެ ޒަރީއާއިން ހިންގާ ސައިބާ ކްރައިމްގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޓެކްނޮލޮޖީގެ ދުނިޔޭގެ އަނދިރި ދުނިޔޭގައި ހިނގާ ކަންކަމުގެ ވާހަކަ ކުދިންނަށް އޮޅުންފިލުވައިދީ އެކަމަށް ކުދިން ހޭލުންތެރި ކުރުމަށް އަކްޝޭ ވަނީ މި ހަފުލާގައި ގޮވާލާފައެވެ.
ޑިޖިޓަލް ދުނިޔޭގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސްކޫލްތަކުގައި އެކަމަށް ޚާއްސަ 'ސައިބާ ޕީރިއަޑް'އެއް ހިމެނުމަކީ އަންނަން އޮތް ޖީލުތަކަށް ކޮންމެހެން ވެސް ބޭނުންތެރިކަމެއް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
އަކްޝޭއާ އެކު 'ސައިބާ އެވެއަނެސް މަންތު 2025' ފާހަގަކުރުމުގެ ހަފުލާގައި މަހާރަޝްތުރާގެ ޗީފް މިނިސްޓަރު ވެސް ވަނީ ބައިވެރިވެފައެވެ. އެ ހަފުލާގައި އަކްޝޭ އެދުނީ ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ސެކެންޑްރީ ގްރޭޑްތަކާ ހަމައަށް ކިޔަވާ ދަރިވަރުން ހަފުތާއަކު އެއް ފަހަރު ސައިބާ ކްރައިމްއަށް އަހުލުވެރިކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ވެސް ސްކޫލްތަކުގައި ކުރިއަށް ގެންގޮސްދިނުމަށެވެ.