މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިރޭ ބާއްވާ އެއްވުމަކީ ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި "ގާނޫނީ ވެރިކަމެއްގެ ދިފާއުގައި" ރައްޔިތުން ތެދުވުމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ރަސްމީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ހައިދަރު ލިޔުއްވިގޮތުގައި، އެމްޑީޕީގެ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަކީ ރާއްޖޭގެ އަމަން އަމާންކަން ނަގާލައި، މުޅި ގައުމު ހަލަބޮލިކޮށްލުމަށް ކުރާ ނުބައި މަސައްކަތެކެވެ.
އެމްޑީޕީން ބޭނުންވަނީ ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށް، ވެރިކަމަށް ޖެއްސުންކުރަން ކަމަށްވެސް އޭނާ ލިޔުއްވާފައިވެއެވެ.
"މިފަދަ ނުބައި އަމަލުތަކަށް ފުރުޞަތު ދީގެން ނުވާނެ. އަޅުގަނޑުމެންގެ ގައުމުގެ އަގުހުރި އިޖުތިމާއީ ފޭރާން ވީދިޔަދީގެން ނުވާނެ. ގާނޫނީ ވެރިކަމެއްގެ ދިފާއުގައި އެންމެހައި ރައްޔިތުން ތެދުވެ، އަޅުގަނޑުމެންގެ ގައުމާއި، ދީނާއި، މިނިވަންކަން ދިފާޢުކުރުމަށް އެއް އަޑަކުން ގޮވާލަން!" ހައިދަރު ލިޔުއްވި ޕޯސްޓުގައިވެއެވެ.
ފާހަގަކުރެވޭގޮތުގައި މިރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވީ، މިއަދު ފެންނަނީ މުޅި ދައުލަތް ފުނޑުފުނޑުވާތަން ކަމަށާއި، އެ މަންޒަރު ބަލަން ނުތިބޭނެކަމަށެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހިފެހެއްޓުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
އަދި މީގެ ކުރިން ވެސް، އަދި މިހާތަނަށް ވެސް އެމްޑީޕީން ވާނީ ގެނައި އިސްލާހީ ބަދަލުތަކުގެ ހިމާޔަތުގައި މަސައްކަތްކޮށްފައި ކަމަށާއި، ދެން ވެސް އެކަމަށް ޓަކައި އެ ޕާޓީން ގުރުބާން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭގެ އެއްވުމުގައި އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަސް ޑިމާންޑެއް ކޮށްފައެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމަށާއި، ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދޭން ފެށުމަށާއި، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އަނބުރާ ގެންދިއުމުގެ އިތުރުން، މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި، އާސަންދައާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް ހަމައަށް ލިބެމުން އައި މިންވަރަށް ލިބިދުނުމަށާއި ބޭސްތައް ބަރާބަރަށް ލިބޭނެގޮތް ހެދުމަށެވެ.

އެމްޑީޕީ މުޒާހަރާގެ ތެރެއިން ފުލުހުންނާ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަނީ ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
މިރޭގެ އެއްވުމުގައި ވަނީ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެފައެވެ. މުޅި އާޓީފިޝަލް ބީޗު ސަރަހައްދު ފުރިފައިވާއިރު، މި އެއްވުމުގެ މަގުސަދަކީ މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެކި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވުން ކަމަށް އެމްޑީޕީން ބުނެއެވެ.
އާޓިފިޝަލް ބީޗުން ނިކުމެ، މަޖީދީ މަގަށް އެއްވުމުގެ ބައިވެރިން ނިކުތުމުން އެސްއޯ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެއަށްފަހު، މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައެވެ. އަދި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެއާއެކު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، މިރޭގެ އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމަށާއި، އެ އަމަލު ހިންގި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.