ފަަހަތަށް ޖެހެން ޖެހޭނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ކުރިއަށް ގެންދާ "ލޫޓުވައިފި ލޫޓުވައިފި" މުޒާހާރާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ފެހި ގާނޫނު އަސާސީ ލޫޓުވާލައިފި ކަމަށެވެ.
އިމްރާން ވިދާޅުވީ، ރައީސް މުއިއްޒު ޖެހޭނީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ވެރިކަން ކުރަން ކަމަށެވެ.

އެމްޑީޕީގެ ލޫޓުވައިފި މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލުންތައް ހިނގަނީ: އިމްރާން ވަނީ، ރައީސް މުއިއްޒު ފަހަތަށް ޖައްސަވާނެ ކަމަށް ----- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
"މިއީ ވޯމް އަޕެއް. ރައީސް މުއިއްޒު ފަހަތަށް ޖައްސާނަން. ރައީސް މުއިއްޒު ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިން ވެރިކަން ކުރަން" އިމްރާން ވިދާޅުވިއެވެ.
މުޒާހަރާ ކުރާ ސަރަހައްދުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު އަންނަނީ ކުރިމަތިލުންތަކެއް ހިންގަމުންނެވެ. އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވާ އިމްރާން ވަނީ، ރައްޔިތުންނާއި ގާނޫނު އަސާސީގެ ހައްގުގައި ތިބުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
އެސްއޯ ފުލުހުންނަށް ޔުނީފޯމު އެޅޭނީ ރައީސް މުއިއްޒު ހުއްދަ ދިނިއްޔާ ކަމަށާއި ގާނޫނު އަސާސީގެ ރޮނގުގެ ފަހަތަށް ރައީސް މުއިއްޒު ޖައްސާފައި ނޫނީ ގެޔަކަށް ނުވަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލުންތައް ހިނގަނީ ---- ސަން ފޮޓޯ/ ހަމްޒާ
މިއީ ފެށުމެއް ކަމަށާއި ދެން ނިކުންނާނީ ހުރިހާ ދިވެހި ރައްޔިތުން ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި މުޒާހާރާގެ ތެރެއިން އާޓިފިޝަލް ބީޗުން މަޖީދީ މަގަށް ނިކުތުމުން އެސްއޯ ފުލުހުން ވަނީ މުޒާހާރާގެ ބައިވެރިންނަށް ހުރަސް އަޅާފައެވެ. ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން އަންނައިރު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.
އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ހުއްޓުވާފައި ވަނީ، ފުލުހުން ހުއްދަ ދީފައިވާ މަގު ނޫން އެހެން މަގަކުން ދާން މަސައްކަތް ކުރުމުންނެވެ. ފުލުހުން އަންނަނީ މިއީ "ޣައިރު ގާނޫނީ'' އެއްވުމެއް ކަމަށް ބުނެ، ފަހަތަށް ޖެހެން އިންޒާރު ދެމުންނެވެ.