ހިޔާ ފުލެޓު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު ސަރަހައްދު ޕެޓްރޯލް ކުރަނިކޮށް ހިޔާ ފުލެޓު ހަތެއް ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި، 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރަށް 24 އަހަރު ފިރިހެނަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެ އެންމެންނަކީ ދިވެހީން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސޯޝަލްމީޑިއާގައި މި މާރާމާރީއާ ގުޅުވައި ދައުރުވާ ވީޑިއޯއަކުން، ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެެނެއެވެ. ދެ ފިރިހެނުން ތަޅައި، އެކަކު އަނެއްގެ ޓީޝާޓު ބާލާ މަންޒަރު ފެނެއެވެ. އަދި، ދެ އަންހެނުން ވެސް އެކަކު އަނެއްގެ އިސްތަށިގަނޑަށް ދަމާ ތަން ވެސް ފެނެއެވެ. އެމީހުން ހުއްޓުވަން ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ދޭތެރެއަކުން މާރާމާރީގެ މައްސަލަތައް ފެނެއެވެ. އެފަދަ މާރާމާރީތަކުގެ ބޮޑެތި އަނިޔާތައް ވެފައިވެސް އެބަހުއްޓެވެ.