ޝަރުތުކުރުމަށްފަހު ޕްރެޒެންޓަރު އިނާޔަތު ބަންދުން ދޫކޮށްލައިފި

ޕީއެސްއެމްގެ ޕްރެޒެންޓަރު އިނާޔަތު އަލީ: މަސްތުވާތަކެތި ހުރި ބިޑިއެއް ގެއިން ފެނިގެން ހައްޔަރުކުރި އިނާޔަތު ވަނީ ޝަރުތުތަކަކާއެކު މިނިވަންކޮށްފައި -- ފޮޓޯ: ފޭސްބުކް

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ފެނިގެން، ކުރެވުނު ތުހުމަތަކާއެކު ހައްޔަރުކުރި ދައުލަތުގެ މީޑިއާ، ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީ ބަންދުން މިނިވަންކޮށްފިއެވެ.

ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިނާޔަތާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 25ވަނަ ދުވަހެވެ.

މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެދަށުންނެވެ.

https://sun.mv/211906

ހައްޔަރުކުރުމަށްފަހު އިނާޔަތުގެ ބަންދަށް ހަތް ދުވަސް ޖެހިއިރު، އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއެކު ބަންދުން މިނިވަންކުރަން ކޯޓުން ނިންމީ ކަމަށް ފުލުހުން މިއަދު ވަނީ "ސަން"އަށް މައުލޫމާތު ދީފައެވެ.

މީގެ ކުރިން ފުލުހުން ބުނީ އިނާޔަތާއި އިތުރު ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ކަމަށެވެ.

އަދި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމްކަމަށް ވެސް ބުންޏެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އިނާޔަތުގެ ގެއިން ވަނީ މަސްތުވާތަކެއްޗާއި ދުންފަތް އެއްކޮށްފައިވާ ބިޑިއެއް ފެނިފައެވެ. އަދި އޭނާގެ އައިޑީ ކާޑު ވެސް ފެނިފައެވެ. މީގެ އިތުރުން އިނާޔަތުގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަމަށް އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި އިނާޔަތަކީ މިހާރު ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ އެންމެ ސީނިއާ އެއް ޕްރެޒެންޓަރެވެ. އޭނާ ގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގައި ވެސް ޕްރޮގްރާމްތައް އުފައްދައި ގެނެސްދެމުންނެވެ.

ޕްރެޒެންޓިންގެ ތެރެއިން ސަރުކާރުގެ އެކި ހަފްލާތައް ވެސް އިނާޔާ ހުށަހަޅައިދެމުން އައިއިރު މިފަހުން އޭނާވަނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ވެރައިޓީ ޝޯކަމަށްވާ ހެއްޔަމްބޯ ވެސް ހުށަހަޅަން ފަށައިފައެވެ.

comment ކޮމެންޓް