ފަގީރުންގެ ދަފުތަރުގައި މިހާރު ހައްޖު ނުކުރެވި ތިބި 376 މީހުން ތިބި ކަމަށާއި ސަރުކާރުން މި ދައުރުގައި އެ އެންމެން ހައްޖަށް ފޮނުވައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ދެ އަހަރު ތެރޭގައި ހައްޖު ނުކޮށް ތިބި 100 ފަގީރުން ސަރުކާރުން ހައްޖަށް ފޮނުވައިފައިވާ ކަމަށެވެ.
އުއްމީދަކީ, ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުވާ އެންމެން މި ފަސް އަހަރު ތެރޭ ހައްޖަށް ފޮނުވައި ދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ފަގީރުންގެ ދަފުތަރުގައި ފަރުޟު ހައްޖު އަދާނުކޮށް ތިބީ ގާތްގަނޑަކަށް 376 މީހުން،" މިނިސްޓްރީން ބުންޏެވެ.
މި ވެރިކަމުގެ ފަސް އަހަރު ތެރޭގައި 1،000 މީހުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުމަކީ ރައީސްގެ ވައުދެކެވެ.
ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލިމީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.
ހައްޖަށްދާ މީހުންނަށް ފުރުސަތު ދިނުމުގައި ސަރުކާރުން ނުފޫޒުފޯރުވާ ކަމުގެ ޝަކުވާ ކުރެއެވެ. އެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރައްދުދެއްވައިފައިވެއެވެ. މިނިސްޓަރު މިދިޔަ އޮގަސްޓު މަހުގެ 12ގައި ވިދާޅުވީ، ސައޫދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން ސަރުކާރުން ރިޒާވްކުރާ ކޯޓާގެ އަދަދު ދަށްކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އިންސާފުވެރިކަމާއެކު، ކޯޓާތައް ތަރުތީބުކުރުމަށް ޓަކައި އަލަށް ހައްޖުވާ މީހުންނަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭ ގޮތް ހެދުމާއި، 65 އަހަރުންމަތީ މީހުންނަށް ހައްޖު ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ފަދަ ބަދަލުތައް މި އަހަރުގެ ހައްޖު މޫސުމުގައި ތަންފީޒުކުރާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.