ކުޑަކުއްޖަކާ ބެހުނު މީހެއްގެ 15 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މީހަކު 15 އަހަރަށް ޖަލަށް ލާން، ކްރިމިނަލް ކޯޓުން ކުރި ހުކުމަކަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.

މިއީ، 2019 ވަނަ އަހަރުގެ ތެރޭގައި މެދު ރާއްޖެތެރޭގެ ރަށެއްގެ މީހަކު، ކުޑަ ކުއްޖަކާ ބެހުނު މައްސަލައެވެ. އެ މައްސަލަ ސާބިތުވެ، ކްރިމިނަލް ކޯޓުން އެ މީހާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. 2019 ވަނަ އަހަރުގެ މި ހާދިސާގެ ހުކުމް އިއްވިއިރު އެ މީހާ ޖަލުގައި ބަންދުކޮށްފައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުން އިއްވި 15 އަހަރުގެ ހުކުމް، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ވެސް ކުރިއެވެ. އެކަމަކު ހައިކޯޓުން ވެސް، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރިއެވެ. އެއީ ފަނޑިޔާރު ހުސެއިން ޝަހީދު، ހުސެއިން މަޒީދު އަދި ފާތިމަތު ފަރުހީޒާ ހިމެނޭ ބެންޗަކުންނެވެ.

ހައިކޯޓުން ވެސް މައްސަލަ ކާމިޔާބު ނުވުމުން ދެން އޭނާ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ވެސް މި މަހުގެ އެއްވަނަ ދުވަހު ހުކުމް އިއްވީ، އެ މީހާއާ ދެކޮޅަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލީ ފަނޑިޔާރު އައިޝާ ޝުޖޫން، އަބްދުﷲ ހަމީދު އަދި މުހައްމަދު ސަލީމްއެވެ.

comment ކޮމެންޓް