ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި، އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް, ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ އަށް މަހު 1.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އެޖެންސީން މިއަދު ބުނެފިއެވެ.
އިޖުތިމާއީ އެހީ ފޯރުކޮށްދޭ، އެންސްޕާއިން ބޭސްފަރުވާގެ އިތުރަށް އެހެނިހެން ކަންކަމަށް ވެސް މާލީ އެހީ ހަމަޖައްސައިދެއެވެ.
އެގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި، އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ކޮންމެ މަހަކު މާލީ އެހީ ފޯރުކޮށްދެއެވެ. އެންސްޕާއިން ވަނީ މިދިޔަ އަށް މަހު އެކަމަށް ކުރެވުނު ޚަރަދުގެ ހިސާބުތައް އާންމުކޮށްފައެވެ.
ނިމުނު އޮގަސްޓުގެ ނިޔަލަށް މި އަހަރު ޖުމުލަ، 1.4 މިލިއަން ރުފިޔާ އެހެން މީހަކު ބަލަހައްޓާ ކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުންނަށް އެ އިދާރާއިން ވަނީ ޚަރަދުކޮށްފައެވެ.
އެގޮތުން، އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ މިދިޔަ ޖަނަވަރީ މަހެވެ. އެމަހު 191،500 ރުފިޔާ އެހެން މީހަކު ބަލަހައްޓާ ކުދިންނަށް އެންސްޕާއިން ޚަރަދުކުރި، ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ، މާރިޗު މަހެވެ. އެ މަހު ވަނީ، އެހެން މީހަކު ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ މީހުންނަށް 186،000 ރުފިޔާ ޚަރަދުކޮށްފައެވެ.
އިތުރު މަސްތަކުގައި ހިނގި ޚަރަދުގެ ތަފްސީލުތައް:
- ފެބްރުއަރީގައި ހިނގީ 174،500 ރުފިޔާގެ ޚަރަދެއް
- އޭޕްރީލް މަހު 178،500 ރުފިޔާ
- މެއި މަހު، 177،500 ރުފިޔާ ޚަރަދުކުރި
- ޖޫންގައި، 168،000 ރުފިޔާ
- ޖުލައި މަހު، 172،500 ރުފިޔާ
- އޮގަސްޓު މަހު, 178،500 ރުފިޔާ
އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީގެ އިތުރަށް ޕްރައިވެޓް ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ މީހުންނަށް ވެސް ޚަރަދުކޮށްދެއެވެ.
އެގޮތުން، މިދިޔަ މަހު އެކަނި، އަމިއްލަ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 575 ކޭސްއަކަށް އެ އިދާރާއިން ވަނީ، 8.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.