"ކޮންމެ ފަހަރަކު ތައުބާވެ ސާލިހު އަމަލުކުރުމަށް އަމިއްލަ ނަފުސަށް ވައުދުވެފައި އަނެއްކާ ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ދާ ކިތަންމެ ފަހަރެއް އާދެއެވެ. ނަމަވެސް ﷲ ތައާލާ ތިބާއަށް ފާފަ ފުއްސަވާދެއްވައެވެ. އެތައް ފުރުސަތެއް ދެއްވައެވެ. ނަމަވެސް އަބަދު އެހެނެއް ނޯވެ ހިގައިދާނެއެވެ. ހެޔޮ އަމަލު ނުކުރެވުނުކަމަށްޓަކާ ހިތާމަ ކުރާނެ ދުވަހެއް އަތުވެދާނެއެވެ. އެފަދަ ދުވަހެއް އައުމުގެ ކުރިން ވަގުތުގެ ބޭނުން ހިފާށެވެ."

***

ހަނިއްޔާއާއި ޒުބޭރުގެ ސިއްރު ވާހަކަތަކާއި ދުރަށް އޭނަ ހިނގައިގަތްއިރު އޭނަގެ ދެފައިވެސް އައްސިވަމުން ދިޔައެވެ. މުޅި މީހާއަށް ފިނިވިއެވެ. ކޮޓަރިއަށްވަދެ އެނދުގައި އިށީދެވުނީވެސް ކުޝަން ގައިގާ ޖައްސާލައިގެންނެވެ. ބީރައްޓެހި އަޖައިބެއްފަދަ އިހުސާސްތައް ހަލުވިކަމާއެކު ހިތާއި ސިކުނޑީގައި ކަޑައްތުކުރަމުން ދިޔައެވެ. ހިތްދަތިކަމާއިއެކު ބޭގަރާރުކަމެވެ.

އޭނައާއި ޒުބޭރުގެ ކައިވެނީގެ ގުޅުން ފެށުނީ އޭނައަށް މަޖުބޫރުވެގެންނެވެ. ނަމަވެސް ޒުބޭރުގެ އޯގާތެރިކަމާއި ޒިންމާދާރުކަން ފެނި މަޑުމަޑުންގޮސް އެދެމީހުންގެ ދޭތެރޭގައިވާ ގުޅުން ގާތްވިއެވެ.ލަސްލަހުންނެވެ. މިހިސާބަށް އާދެވުނުތަނާ ޝައިތާނާ އެ ގުޅުން ހަލާކުކޮށްލަން ޝައްކާއި ވަހުމް ސިކުނޑިއަށް ވައްދަން އަވަސްވެގަތީއެވެ.

އެދުވަހު ޑިއުޓީގައި ހުރިއިރުވެސް މިރިއަމްގެ ޚިޔާލުގައިވީ އޭނައަށް އިވުނު ވާހަކަތަކެވެ. ހަމްޒާ އެނބުރި އައިކަން ކުޑަކޮށްވެސް ރޭކާ ނުލިއެވެ. އޭނަ ހީކުރީ ހަމްޒާއަކީ ހަމައެކަނި ހުސް ވާހަކަ ދައްކާ އަދި ވައުދު އުވައިލާ މީހެއްކަމުގައެވެ. އޭނައަށް ފެނުނީ މުޅިންވެސް ހަމްޒާގެ ނުބައި ފަޅިއެވެ. އެއްވެސް ވަރަކަށް އޭނަ ބޭވަފާތެރިވެ އަނިޔާވެެރިއެއްނުވިއެވެ.

ހަވީރުގެ ވަގުތުތައް މަޑުމަޑުން ފާއިތުވެގެން ގޮސް ރޭގަނޑު ކެއުމާއި ހަމަޔަށްވެސް މިރިއަމް ގޭތެރޭގައި އުޅުނީ ހިޔަންޏެއްފަދައިންނެވެ. ވާހަކަދެއްކުމުން ޖަވާބެއްދީފައި ހިނިތުންވެލައެވެ. ހަނިއްޔާ އެރޭވެސް ކެއުމުގައި ބައިވެރިވިއެވެ. އޭނަ ދެއްކީ ތިމާގެ މީހެއްގެ ކައިވެނީގެ ވާހަކައެވެ. ޒުބޭރުގެ މައުޟޫއަކީ އޭނަގެ ވަޒީފާއެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް މިރިއަމްގެ ކަންފަތަކަށް ނުވަދެއެވެ. މިރިއަމްގެ މަންމަވެސް ގިނަވަގުތު ހޭދަކުރީ އަނގައިން ބުނުމެއްނެތި އަމިއްލަ ދުނިޔެއެއްގައެވެ. ދޭތެރެއަކުން ތަސްބީހަ ގުނައިލަމުން އިސްތިޣުފާރުކޮށްލައެވެ.

މިރިއަމްގެ ބޮލުތެރޭގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ޚިޔާލެކެވެ.

ހަމްޒާ އެނބުރި އައެވެ. އޭނައަށްޓަކައެވެ. ޒުބޭރު އެކަން ސިއްރުކުރީއެވެ.

މޭޒުމަތިން ތަށިތައް ނެގިފަހުން ހަނިއްޔާވެސް ރޭގަނޑުގެ ސަލާމްކޮށްފައިދާން ނުކުތެވެ. މިރިއަމް އިށީދެލީ ބޮޑުކޮޓަރީގައެވެ. ކޮންމެހެން ފަށްޖަހަން ނުޖެހޭ ތުވާއްޔެއް ފަށްޖަހަން ކައުޗްގައި އެތައް އިރެއްވީފަހުން ޒުބޭރު ބޮޑުކޮޓަރީގެ ބޮކި ނިވައިލިއެވެ.

"ހޭއި..."ޒުބޭރު މަޑުމަޑުން ގޮވައިލިއެވެ."މިއަދު މާ މަޑުމަޑުން ތިހުންނަނީ...އަނެއްކާ ހުރިހާކަމެއް ރަގަޅުތަ؟"

"ވަރުބަލިވެފައި ހުރީމަ...މިދަނީ މަންމަ ހެދިގޮތެއް ބަލައިލަން...ނިދިތޯ..."އޭނަ އަވަސްއަވަހަށް ހިނގައިގަތެވެ.

ރޭގަނޑުގެ ވަގުތުތައް ފާއިތުވަމުންދިޔައެވެ. އެކޮޓަރިއަށް އެލިފައިވާ އެކަނި އައްޔަކީ ހަނދުވަރުގެ އަލި ދޮރުގެ ބިއްލޫރިތަކުން ފޭދިފައިވުމެވެ. ޒުބޭރު އެނދުގެ މަގަތުގައި އިށީދެލައިގެން އިނީ ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ.

"މިރިއަމް.."ޒުބޭރުގެ އަޑުގައިވީ އޯގާތެރިކަމެވެ."ކޮންމެވެސް ޚިޔާލެއްގައި ތި އޮންނަނީ..ބުނެބަލަ....ކޮންމެވެސް ކަމެއްވެއްޖެ..އަހަންނަށް ނޭގެނީ ކޮންކަމެއްކަން...."

އެދެމީހުންގެ ގުޅުން ރަގަޅުވަނިކޮށް ހަމަ ކުއްލިއަކަށް ވީނުވީއެއްނޭގި އަނެއްކާ މިރިއަމް ތޮށްޓެއްގެ ތެރެއަށް ވަދެއްޖެއެވެ.

މިރިއަމްއަށް އޭނަގެ އަތަށް ބަލައިލެވުނެވެ. އަތްތިލަވެސް ތުރުތުރުއަޅަނީއެވެ. ކަރުތެރެ ބެދޭގޮތްވެ ނޭވާ ހާސްވިއެވެ.

"އަހަންނަށް ޒުބޭރުއާއި މަންމަ ދެއްކި ވާހަކަ އިވުނީ.." އޭނައަށް އެވާހަކަ ބުނަން ފަސޭހައެއްނޫނެވެ."ހަމްޒާއާއި ބެހޭގޮތުން..."

ޒުބޭރުގެ ލޯބޮޑުވެ ކުއްލި ހުއްޓުމެއް އައެވެ. ހިނދުކޮޅެއްވާންދެން ދުނިޔެވެސް މަޑުޖެހިލިހެން ހީވިއެވެ.

"އަހަރެން ކޮންމެހެން އަޑުއަހާކަށް ނޫން..އެކަމަކު ފުދޭވަރަށް އިވުނު...އޭނަ...އޭނަ އެނބުރިއައި ދޯ..އަހަންނަށްޓަކާ؟ އަދި ޒުބޭރު...އޭނަ ގާތުގައި ބުނީ އަހަންނާއި ކައިވެނިކުރަން އުޅެނީއޭ.......ނޫންތަ؟"

އެ ރާގުގައި ކުށްވެރިކުރާފަދަ ގޮތެއްނެތެވެ. ނަމަވެސް ބުނެދޭން ނޭގޭފަދަ ރިހުމެކެވެ. ވަގުތު ފާއިތުވީފަހުން ހަގީގަތް ވުޖޫދަށް އައުމުން ލިބޭނެފަދަ ވޭނެކެވެ.

"އާނ...."ޒުބޭރުގެ ކޮނޑަށް ވެރިވި ވާންކަން ކެނޑުނެވެ. އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަމުން މިރިއަމްއަށް ބަލައިލިއެވެ." އޭނަ އިޖިފްޓަށް ފުރިތާ ފަސްއަހަރު ފަހުން ރާއްޖެއައީ. އޭގެ ކުރިންވެސް އައިނަމަ....ހާދަ ދުވަހެކޭ ދޯ...އިންތިޒާރުގައި ހުރި މީހަކުވެސް ވަރުބަލިވާނެ. މިހެންބުނާއިރުވެސް އެނގޭ ކިޔަވައިގެން އަންނަންކަން އޭނަ ދިޔައީ......ހަމްޒާ އަހަރެން ކައިރީ އެދުވަހު ބުނި ރަސްމީކޮށް މިރިއަމްއާއި ކައިވެނިކުރަން ހުށަހަޅާނަމޭ..އޭނަ ބުނީ އޭނަ އޮތީ ވައުދުވެފައޭ..އެކަމަކު މިރިއަމް...ބުނަން ވާހަކައެއް.."

އޭނަ މިރިއަމްގގެ މޫނަށް ނަޒަރު ހުއްޓާލިއިރު ލޮލުގައިވީ ސާބިތުކަމެކެވެ. ތެދުވެރިކަމެވެ. "ހަމްޒާގެ މަންމަ އެ ކައިވެންޏާއި ދިމާއިދިކޮޅު...އަހަރެންގެ މަންމަކައިރީގައި ބުނި އޭނަގެ ފުރާނަ ހުރެގެން ހަމްޒާއަށް މިރިއަމްއާއި ކައިވެންޏެއް ނުކުރެވޭނެއޭ. މިރިއަމް އޭރު ނުލާހިކު ބޯ ގޮވާފައި ހުރި ދުވަސްކޮޅެއް....އެކި ކަންތައްތަކާއިހެދި..ޖަމީލާއްތަ އެހާ ބަލި.. މީހުން ފާޑުފާޑަށް ވާހަކަދައްކާ އުޅުނު..އެހެންވެ އަހަރެންވެސް ބޭނުންނުވީ މިރިއަމްގެ ވަށައިގެން އިތުރު އޮޅުން ބޮޅުންތައް އޮންނަން...... އެކި މީހުންގެ ގޮސިޕްގެ އަމާޒަކަށް މިރިއަމް ހެދުން...އެހެންވެ އަހަރެން ތެދަށް ބުނީ.........އޭނަ ގާތުގައި ބުނިން އަހަރެން މިރިއަމްއާއި ކައިވެނިކުރަން އަހަން އުޅޭ ވާހަކަ.."

"އަހަންނަށް އެނގޭ އެކުރެވުނީ ރަގަޅުކަމެއް ނޫންކަން...އެކަމަކު..އޭރު ހިތަށް އެރީ އެއްޗެކޭ ނުބުނެ ހުރެއްޖެއްޔާ އޭނަގެ އެކައިވެނިން މިިރިއަމްއަށް ހާލުގައި އުޅެން ޖެހިދާނެއޭ. މައިދައިތަގެ ސަބަބުން...އަނގޮޓިއެއް ގަނެފައި އޮތީމަ އެ އަނގޮޓި ހަމްޒާއަށް ދެއްކިން.."

"ބުނަން ޖެހޭނެ ދޯ...ހަމްޒާ އެނބުރި އައިކަމެއް ނޭގުނު. އޭނަ ވައުދު އުވާލީކަމަށް ހީކުރީ. އޭނައާއިމެދު އެންމެ ގޯސްކޮށް ވިސްނުނީ...."މިރިއަމްގެ ލޯ ތެމުނެވެ.

ހަމްޒާގެ ކުށެއްނެތެވެ. ވައުދަށް ހުރުަތްތެރިކޮށް ހިތިއެވެ.

"އަސްލު ސާފުކޮށް ބުނެނުދެވުނީ. ބުނެވުނުގޮތް ގޯސްވީ. އޭނައަށް އޮޅުން އެރީ...އަހަރެމެން ދެމީހުން އެންގޭޖްވެފައިކަމަށް ހީކުރެވޭނެގޮތަކަށް ވާހަކަދެއްކުނީ...އޭރު ފަހަރެއްގައި އަހަރެން އިމްމޭޗުއާކަން ނޭގޭ އެކަމަކު މިރިއަމްދެކެ ކުރިން ލޯބިވީ އަހަރެން..އަދި މިރިއަމް ގެއްލޭކަށް ބޭނުމެއްނުވި އެއްވެސް ހާލެއްގަައި........"

މަރުފަދަ ހިމޭންކަމެއްވެރިވެގެން ދިޔައެވެ. ޒުބޭރު ތެދުވެގެންގޮސް ފާޚާނާއަށް ވަނުމުން މިރިއަމް ރަޖާއިން މޫނުވެސް ނިވާކުރިއެވެ. ދުވަހެއްގެ ކޮޅުންވެސް ޒުބޭރުއަށް އޭނަގެ މޫނު ފެންނަންވެސް ނޭދޭފަދައިންނެވެ.

އޭނަ ބޭނުންވީ އަލިފާންފަދައިން ރުޅިއައުމަށެވެ. އޭނަ ގާތުން ނާހާ ދިރިއުޅުމުގެ އެހާ ބޮޑު ކަމެއް ނިންމީތީ ޒުބޭރުދެކެ ނަފްރަތުކުރުމަށެވެ. އެކަމަކު އެހުރިހާކަމެއްގެ އަސްލު ގުޅިފައިވަނީ ޒުބޭރުގެ ލޯބިކަމަށް ވާނަމަ ރުޅިއާދެވޭނެހެއްޔެވެ؟އިންސާނުންގެ ލޯބީގައި ހުންނަ އުނި ކަންތައްތަކުގެ ތެރޭގައި ހިމާޔަތް ދޭންވެގެން އަޅާ ފިޔަވަޅުތަކުން ޒަޚަމްވާފަހަރުވެސް އާދެއެވެ. ޒުބޭރުވެސް ލޯބީގެ ހައްގުގައި އޮޅުވައިލީއެވެ. އެކަމުގެ ސަބަބުން މިރިއަމްގެ ހިތް ޒަޚަމްވެއްޖެއެވެ.

***

މެންދުރުގެ އިރުގެ އަލިކަން ފަނޑުވެގެން ދިޔައީ ބޯ ވިލާތަކެއްގެ ފަހަތުގައެވެ. ދެންމެ ދެންމެ ވާރޭ ވެހިގެންފާނެކަހަލައެވެ. ވާރޭ އައުމުގެ ކުރިން މަންޒިލަށް ފޯރުމުގެ ބޭނުމުގައި މަގުގައި ހިނގާ މީހުންގެ ފިޔަވަޅުތައް އަވަސްވެފައި އުޅަދުތައްވެސް އުދުހިފައިދަނީ ވައިރޯޅިއާއި ވާދައަށެވެ. މިރިއަމްވެސް ކައިރީގައި ހުރި ފާމަސީއަކަށްވަދެ ބޭސް ގަނެގެންއަންނަމުން ސްކާފް ރީތިކޮށްލިއެވެ. ނަމަވެސް ވައިރޯޅިތަކުގެ ގޯނާ އަމާޒުވިއެވެ. ސްކާފްވެސް އުދުހިގެން ގޮސްދާނެފަދައެވެ. އޭނަގެ ފައިވާން އެ ތެތް ޕޭވްމެންޓްގައި ޖެހެމުންދާ އަޑު މަޑުމަޑުން އިވެމުންދިޔައީ މިއުޒިކެއްފަދައިންނެވެ. ކްލިނިކުން ގެއަށް އަންނަން ހީކުރިވަރަށްވުރެ ވަގުތުނެގިއެވެ.

ބޭސް ނަގާދޭން ޒުބޭރު ގާތުގައިވެސް ބުނެވިދާނެއެވެ. އޭނައަށްޓަކާ ތޫފާނެއްގެ ތެރޭގައިވެސް ގޮސްދާނެކަން ޔަގީނެވެ. އެކަމަކު މައްސަލައަކީ އެރެއިން ފެށިގެން އެދެމީހުންގެ ގުޅުމަށް ބަދަލު އައިކަމެވެ. ދެމީހުންގެ ގުޅުން އެންމެ ފިނި ނޫނަސް އޭނައަށް ފަރުވާތެރިވެވެނީއެވެ. ބުނެވޭ ކޮންމެ ލަފުޒެއްވެސް އެދޭތެރޭގައިވާ ދުރުމިން ލަފާކުރަން މަސައްކަތްކުރެއެވެ.

މިއީ މާ ބޮޑު މައްސަލައެއްނޫނެވެ. އޭނަ ހަމަ ނޭވާލާން ބޭނުންވަނީއެވެ. ސިކުނޑި ހަމަޖައްސައިލަން ހިނގައިލުމެއްވުރެ ރަގަޅު ކަސްރަތެއްނެތެވެ.

އޭނަ ބޮޑުމަގުން ގޯޅިއަކަށް ލަނބައިލުމާއެކު ފިޔަވަޅުތައް މަޑުޖެހިލިއެވެ. ޕާކްކޮށްފައިވާ ސައިކަލުތަކެއްގެ ކައިރީގައި ޒުވާން ދެމީހުން ފެނުނެވެ.

ހަމްޒާ ފެނުމާއެކު މިރިއަމްގެ ހިތަށް ފިނިވާގޮތްވިއެވެ.

އެހާ ދުރުންވެސް އޭނައަށް ފާހަގަކުރެވުނީ ހަމްޒާގެ ހިމޭންކަމެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. އިސްކޮޅުން ދިގުކަމާއެކު ތެދު ހަށިގަނޑެއްލިބިފައިވުމުން ކޮންމެ ހެދުމަކާއިވެސް ގުޅެއެވެ. އޭނަގެ ގާތުގައި އަންހެނުން ހުރީ ވަރަށް ރީތިކޮށް ހެދުން އަޅާފައެވެ. ވައިރޯޅިއައިސް އޭނަގެ ނޭފަތާއި ހަމަޔަށް ފޯރުކޮށްދިނީ އެ އަންހެންކުއްޖާގެ ސެންޓުގެ ވަހެވެ. މުޅި މަގުގައިވެސް ހުވަދުލާފައެވެ. ބޭރުކުއްޖެއްކަމުން އެންމެންގެ ނަޒަރު އެކުއްޖާގެ މޫނަށް ހުއްޓެމުން ދިޔައެވެ.

މިރިއަމްގެ ފިޔަވަޅުތައް ކަސިޔާރުވާގޮތްވިއެވެ. އޭނައަށް ދުރު ބަލައެއްވެސް ނުލެވުނެވެ. ނުބަލަން ހުއްޓަސް ބެލެނީއެވެ. އަސްތަޣުފިރުﷲ..އޭނަ ފާފަވެރިވާނެއެވެ. މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ އެހެން މީހަކަށް ބެލެނީއެވެ. ޚިޔާލުކުރެވެނީއެވެ.

އެ އަންހެންކުއްޖާ ވާހަކަދައްކަމުން ދިޔައިރު އަތަށް ގެންނަ ހަރަކާތްތައްވެސް އެހާ ފަރިއެވެ.ހަމްޒާ އަޑުއަހަން ހަށަން ބަދެލައިގެން ހުރިއިރު އޭނަގެ ލޮލުގެ ޝުއޫރުތަކެއް ނުފެނެއެވެ. ގުޅޭ ޖޯޑެއްނޫނެވެ. އެ އަންހެންކުއްކާގެ އަލިގަދަކަން ބިއްލޫރިއަށް އެޅޭ އިރުގެ އަވިފަދައެވެ. ހަމްޒާ ފުން ފެންގަނޑެއްހާ ހަމަޖެހެއެވެ.

"އެނިމޭޓެޑް ގެސްޗާ.....މިމީހުންނަށް ހަމަ ކުރިމަތިން ދުރަށް ނުދެވޭ....މިސްރަށް ނުގޮސްގެން އުޅެނީ ކީއްވެތަ؟ މާލެ ކުޑަކޮށްލައިގެން..."

ކުއްލިއަކަށް އޭނަގެ ތޫނު ނަޒަރު ހަމްޒާގެ ހަވަނަ ހިއްސު ނަގައިގަތެވެ. އެ ހަނި ގޯޅިގަނޑުގެ ތެރޭގައި ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. ހިތުގެ ވިދުންފަދަ ކުޑަ ސިކުންތުކޮޅެކެވެ. އެކަމަކު އެ ހިނދުކޮޅު ވަޅުލާފައިވާ ހުރިހާ އެއްޗެއް ހަމަބިމަށް އައިފަދައެވެ. ހަމްޒާގެ ނަޒަރުން މަޑުމައިތިރިކަމާއެކު ދެނެގަތުން ފެނުނެވެ. އެކަމަކު އޭނަ ހީނުލައެވެ. އަދަބުވެރިގޮތަކަށް ބޯ ޖަހައިލިއެވެ.އެއާއެކު ދުރަށް ބަލަންފެށިއެވެ.

މިރިއަމްގެ މޭގެ ކޮންމެވެސް ދިމާލަކުން އެއްޗެއް އަނބުރައިވެނުފަދަ އިހުސާސެއް ކުރެވުނެވެ. ލޯތްބެއްނޫނެވެ. ބޭގަރާރުކަމެއްވެސް ނެތެވެ. އެކަމަކު އަމިއްލަ ހަޔާތުގެ ފަސާނާގެ ކުރިއަށް ހުރި ސަފުހާތަކުގައި ނެތް އެކަމަކު ދެނެފަރިތަ މޫނެއް ފެނުމުން ހިތުގައި އަޅާފަދަ ވޭނެއްގެ އުދަގޫވިއެވެ.

އެދެމީހުން ޓްރެފިކްއާއިއެކު ގޮސް ލޯމަތިން ގެއްލެންދެން އޭންއަށް ހުއްޓިގެން ހުރެވުނެވެ. ހިނގައިގަތްތަނާ ވާރޭގެ ސައިލެއް އަރާ ހަމަކޮށް އެއްފަހަރުން ތެމި ފޯކޮށްލިއެވެ. އޭނަގެ ސްކާފާއި ހެދުމާއި ލޮލުގެ އެސްފިޔަތައްވެސް މެއެވެ. ގެއަށް ދެވުނުއިރު އޭނަގެ ހިތްވެސް ބަރުވެގެންގޮސް ފިރުމައިލަން ޖެހުނެވެ.

ހަމްޒާ އޭނައަށްޓަކާ އެނބުރިއައެވެ. އޭނައަށް ނޭގުނީއެވެ. ހަމްޒަ އޭނަގެ މަތިން ހަނދާން ނައްތައެއްނުލއެވެ. އޭނައަށް ބޯ ހޫރައިގަނެވުނެވެ. މިހާރު އެކަމުން އޮތީކޮން ފައިދާއެއްހެއްޔެވެ؟އޭނަ ތައުބާވާނީއެވެ. ކޮންމެގޮތެއް ހަދާފައިވެސް ހަމްޒާ އޭނަގެ ޚިޔާލުގައި ސަވާރުވެފައި އިނަސް ނެރެ އެއްލައިލާނީއެވެ. އެނޫންގޮތެއް ނެތެވެ. މާޒީގައި ހިނގާފައިވާކަމެއް އަލުން ރަގަޅުކުރަން ހަދައިގެން އެތައް ބަޔެއްގެ ދިރިއުޅުމަށް ލޮޅުމެއް އަތުވެދާނެއެވެ.

ޒުބޭރުގެ ފައިވާން ދޮރުމަތީގައި ހުރުމުން އެނބުރި އައީކަން އެނގުނެވެ. މިރޭ އަވަހަށް ގެއަށް އައީއެވެ. އޭނަ ހަމަޖެުމުގެ ނޭވާއެއްލާފައި ދޮރު ކުޑަކޮށް ކޮށްޕައިލިއެވެ. އެތެރެއަށް ވަނުމާއެކު ގޭތެރެއިން އާއްމުކޮށްއިވޭ ދަންނަ ފަރިތައަޑުތައް ކަންފަތުގައި ޖެހުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު