މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އިއްޔެ އަޅައިފިއެވެ.
ސްޕީޑް ސްކޭޓިން ޓްރެކްއަކާއި ސްކޭޓް ބޯޑް ޕާކެއް ހިމެނޭ ގޮތަށް ތަރައްގީ ކުރާ މި ސްކޭޓިން އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އާދަމް ރަޙީމެވެ.

ސްކޭޓް އެރީނާގެ ބިންގާ އެޅުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އިއްޔެ ހަވީރު ސްކޭޓް ކުރާ ގިނަ އަދަދެއްގެ ކުދިންނާއެކު އުސްފަސްގަނޑުގައި ބޭއްވި ހަފްލާގައި, ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮޖެކްޓަކީ އާރްސީސީގެ ސީއެސްއާރް ޕްރޮޖެކްޓެއް ކަމަށް, ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.
މިހާރު ވެސް ހަމައެކަނި ތަޅުމެއް އަޅާފައި އޮތް އުސްފަސްގަނޑުގެ ވަކި ސަރަހައްދެއް ސްކޭޓް ކުރުމަށް ގިނަ އަދަދެއްގެ ކުދިން ބޭނުން ކުރެއެވެ.
މާލޭގައި ސްކޭޓް އެރީނާއެއް ތަރައްގީ ކުރާއިރު ހުޅުމާލޭ ރެޑްބުލް ޕާކާއި ސެންޓްރަލް ޕާކްގައި މިހާރު ވެސް ސްކޭޓް ކުރަން ޚާއްސަ ސަރަހައްދުތައް ހުރެއެވެ.
ސްކޭޓް ކުރުމަކީ ގިނަ އަދަދެއްގެ ކުޑަކުދިން ވަރަށް ލޯބިކުރާ ކުޅިވަރެކެވެ. ވަކިވަކި ޓީމްތައް ހަދައިގެންނާއި ކޯޗުން ބޭނުންކޮށްގެން މާލެ ސަރަހައްދުގައި ގިނަ ކުދިންތަކެއް މި ކުޅިވަރު ކުޅެއެވެ.