ސެމްސަންގް ގެލެކްސީ ރިންގް ބޭނުންކުރާ މީހެއްގެ އިނގިލީގައި އެ ރިންގް ތާށިވެ، ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރިންގްގެ ބެޓެރި ފުފުމުގެ ސަބަބުންނެވެ.
ޓެކް ޔޫޓިއުބަރެއް ކަމަށްވާ ޑެނިއަލް ރޯޓާ އޭނާގެ އިނގިލީގައި ރިންގް ތާށިވެފައިވާ ފޮޓޯތަކެއް އާންމުކޮށްފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ އޭނާ ހަވާއީއިން ފްލައިޓަކަށް އަރަން އުޅެނިކޮށެވެ.
ރޯޓާ ބުނެފައިވާ ގޮތުގައި، ރިންގްގެ ބެޓެރި ފުފި، އިނގިލީގައި ތާށިވުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ތަދުވިއެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް ފްލައިޓަށް އެރުމުގެ ފުރުސަތު ގެއްލި، ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނެވެ.
ހޮސްޕިޓަލަށް ގޮސް އަދި މެޑިކަލް ލުބްރިކަންޓް ބޭނުންކޮށްގެން ރިންގް އިނގިލިން ނެގިކަމަށް ރޯޓާ ބުނެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ، އެއާޕޯޓްގައި އަމިއްލައަށް ރިންގް ނަގަންވެގެން ލޯޝަން އަދި ސައިބޯނި ބޭނުންކުރުމުން ރިންގް އިނގިލީގައި އިތުރަށް ތާށިވީ ކަމަށެވެ.
ރިންގް ނެގުމަށްފަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ރިންގްގެ އެތެރޭގެ ބައިތައް ވަނީ ފުފި، ބޭރުފުށުން ވަކިވެފައެވެ. މި ހާދިސާއަށްފަހު ރޯޓާ ބުނެފައިވަނީ، އޭނާ މީގެފަހުން ދެން ދުވަހަކުވެސް ސްމާޓް ރިންގެއް ބޭނުން ނުކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން ސެމްސަންގުން ބުނެފައިވަނީ، މިފަދަ ހާދިސާތައް ވަރަށް މަދުން ނޫނީ ނުހިނގާ ކަމަށާއި، ކަސްޓަމަރުންގެ ސަލާމަތަކީ އެ ކުންފުނިން އެންމެ އިސްކަމެއްދޭ ކަންތައް ކަމަށެވެ. އަދި އިނގިލީގައި ރިންގެއް ތާށިވެއްޖެނަމަ، ސައިބޯނި ފެން ނުވަތަ ފިނި ފެނަށް އަތް ލައިގެން ރިންގް ނެގުމަށް މަސައްކަތް ކުރުމަށް ސެމްސަންގުން އިރުޝާދު ދެއެވެ.
މީގެ އިތުރުން، ރިންގް ނެގޭނެ ގޮތްތަކާ ބެހޭގޮތުން ސެމްސަންގްގެ ވެބްސައިޓްގައި ލިޔުމެއް ވެސް ޝާއިއުކޮށްފައިވެއެވެ. އެ ލިޔުމުގައިވާ ގޮތުން، ރިންގް ކަނޑަން ޖެހިއްޖެނަމަ، ރިންގް ކަނޑަންވާނީ ބެޓެރި ނެތް ހިސާބުންނެވެ. އަދި މިކަން އަމިއްލައަށް ނުކޮށް، ތަޖުރިބާކާރެއްގެ އެހީ ހޯދުމަށް ވެސް ސެމްސަންގުން އިރުޝާދު ދެއެވެ.