މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެންމެ ބޮޑު ކޮންނަ ބޯޓު މަހާ ޖައްރާފު މަރާމާތުކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާކަމަށް ބުނެފިއެވެ.
މިރޭ ނެރުނު ބަޔާނުގައި އެމްޓީސީސީން ބުނީ، އެ ކުންފުނިން ބިން ހިއްކުމަށް ގެންގުޅޭ މަހާ ޖައްރާފަށް ލިބުނު ގެއްލުންތަކެއް މަރާމާތުކުރުމަށް ޓަކައި 2022ވަނަ އަހަރު ދުބާއީގެ ޑޮކްޔާޑުން ޚިދުމަތް ހޯދިއިރު، މަރާމާތުކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެތެރޭގެ އޮޑިޓަރާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެމްޓީސީސީގެ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަން ތަހްގީގުކުރުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެމްޓީސީސީން މަހާ ޖައްރާފު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި، 2017ވަނަ އަހަރުގެ ފަހު ކުއާޓަރުގައެވެ. 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ މި ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން ވަނީ، ހިއްސާދާރުންގެ ފައިސާއަށް ބައެއް ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ، މައްސަލައެއް ބަލައިދޭން ކަމާބެހޭ ފަރާތްތަކުގައި މިދިޔަ ބުދަ ދުވަހު އެދިފައެވެ. އެކަން ތަހްގީގުކޮށް، ހިއްސާދާރުންނަށް އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާކަމަށް، އެ ކުންފުނިން ވަނީ ބުނެފައެވެ.
އެކަމަކު އެއީ ކޮން ބައެއްކަން އެމްޓީސީސީން ހާމަނުކުރެއެވެ.