ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ޚާއްސަ ގާލާއެއް މިރޭ ބާއްވައިފިއެވެ.
މި ގާލާ ބާއްވައިފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ. މި ގާލާގައި، ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހިމާއި، މަޓީގެ އިސްވެރިންނާއި، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވަނީ ބައިވެރިވެލައްވައިފައެވެ.

2 އޮކްޓޯބަރު 2025: ޓޫރިޒަމް ދުވަސް ފާހަގަކުރަން މަޓީން ބޭއްވި ގާލާގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް
މި ގާލާގެ ތެރެއިން ވަނީ މިދިޔަ އޯގަސްޓު 30ގައި އަވަހާރަވި، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކޮށްދެއްވި އެއް ބާނީ ކަމަށްވާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަނދާން އާކޮށް، ސުކޫތެއް ވެސް ބާއްވައިފައެވެ. އަދި އެމްޔޫ މަނިކުގެ ހަނދާންތަކުގެ މައްޗަށް ވެސް ވާހަކަދައްކައިފައިވެއެވެ.

2 އޮކްޓޯބަރު 2025: ޓޫރިޒަމް ދުވަސް ފާހަގަކުރަން މަޓީން ބޭއްވި ގާލާގެ ތެރެއިން ސަލާހް ޝިހާބް -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް
މީގެ އިތުރުން މި ހަފްލާގައި ވާހަކަދައްކަވަމުން މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް (ޗަމްޕާ އަފީފް) ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކަޑައްތުކުރި ގޮންޖެހުންތަކާއި، ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި މިއަދު އެ ކަންކަން ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަން ސަލާހް ޝިހާބު ވެސް ވަނީ ހަފްލާގައި ވާހަކަދައްކަވައިފައެވެ.
މި ހަފްލާގައި ފަތުރުވެރިކަމުގެ ސިނާއަތް މިހާ ހިސާބަށް އައިގޮތުގެ ކުރު ވީޑިއޯއެއް ވެސް ވަނީ ދައްކައިލައިފައެވެ.