ފަތުރުވެރިކަމުގައި ކަޑައްތުކުރި ގޮންޖެހުންތަކުގެ މަތިން ހަނދާން ނައްތައިލައިގެން ނުވާނެ: އަފީފް

މީގެ ކުރީގެ ހަފްލާއެއްގައި ޗަމްޕާ އަފީފް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ފަތުރުވެރިކަމުގައި ކަޑައްތުކުރި ގޮންޖެހުންތަކާއި، ދަތިތަކުގެ މަތީން މިއަދު ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއާމަން އަދި ފަތުރުވެރިކަމުގެ ބާނީންގެ ތެރޭ ހިމެނިވަޑައިގަންނަވާ ހުސައިން އަފީފް (ޗަމްޕާ އަފީފް) މިރޭ ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރުމަށް، ކުރުނބާ މޯލްޑިވްސްގައި މިރޭ އޮތް ގާލާގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ފެށުމަށާއި، މިހާ ހިސާބަށް ގެނައުމުގައި ވަރަށް ގިނަ ދަތިތައް ކަޑައްތު ކުރަން ޖެހުނު ކަމަށެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރަން ކުރުނބާގައި ބޭއްވި ގާލާގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

އޭގެ ތެރޭ 1972ވަނަ އަހަރު ކުރުނބާ ހުޅުވައިގެން މާ ގިނަ އަހަރުތަކެއް ނުވަނީސް، 1978 ގައި ރާއްޖޭގައި ފެތުރުނު ކޮލެރާގެ ބަލިމަޑުކަމާއި، 2004ގެ ސުނާމީއާއި، 2020ވަނަ އަހަރު ކުރިމަތިވި ކޮވިޑު ފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އަފީފް ވިދާޅުވިއެވެ.

އެ ކަންކަމާ ކުރިމަތިލައި، މިއަދު ރާއްޖެ ހާސިލްކޮށްފައިވާ ފަސޭހަތަކާ އެކު، ކުރީގެ އެ ދަތިތަކާއި، ކުރިމަތިލި ގޮންޖެހުންތަކުގެ މަތިން ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރާއްޖެއަށް ޓޫރިޒަމް ތައާރަފްކުރެއްވުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެއްގެ ހައިސިއްޔަތުން، އަފީފް ވަނީ ކުރުނބާ ހުޅުވިއިރުގެ ހަނދާންތައް ވެސް އާކުރައްވައިފައެވެ.

އެގޮތުން އަފީފް ވިދާޅުވީ ކުރުނބާ ހުޅުވިއިރު އޮތް ދައްޗަކީ ދަތުރުފަތުރުގެ ދަތިކަން ކަމަށެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރަން ކުރުނބާގައި ބޭއްވި ގާލާގެ ތެރެއިން ޗަމްޕާ އަފީފް -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

މިއަދު ވެސް ފަތުރުވެރިކަމުގެ މުޅި ސިނާއަތް ރާއްޖޭގައި ބަރޯސާވެފައި އޮތީ ދަތުރުފަތުރާ ކަމަށާއި، މިއަދު އެކަން ގުޅިފައި އޮތީ ސީޕްލޭން ދަތުރުތަކާ ކަމަށް އަފީފް ވިދާޅުވިއެވެ.

އެއާއެކު އަފީފް ވަނީ، ދަތުރުފަތުރުގެ ނިޒާމަށް މިހާ ބޮޑަށް ބާރޯސާވާއިރު، ދަތުރުފަތުރުގައި ބެކަޕް ނިޒާމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

"މިސާލަކަށް، ސިވިލް އޭވިއޭޝަން ގާނޫނުގެ ތެރެއިން ގެންނަ ކޮންމެވެސް ރެގިއުލޭޝަނަކާ ހެދި ހިތްހަމަނުޖެހިގެން ސީޕްލޭން ދަތުރުތައް މާދަމާ ހުއްޓައިލައިފި ނަމަ ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑުމެންގެ ނެތް ބެކަޕްއެއް،" މިއީ ވިސްނުން ރަނގަޅު ކަމެއްކަން ފާހަގަކުރައްވައި އަފީފް ވިދާޅުވިއެވެ.

މިރޭ ކުރުނބާގައި ބޭއްވި މި ހަފްލާގައި، ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމާއި، މަޓީގެ އިސްވެރިންނާއި، ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް