ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ ކަމަށް ބުނެ، އެމްޓީސީސީން މައްސަލައެއް ހުށަހަޅައިފި

އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް --

ހިއްސާދާރުންގެ ފައިސާއަށް ބައެއް ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މައްސަލެއް ބަލައިދޭން ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެއެވެ.

މިރޭ ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ، އެއީ ހިއްސާދާރުންގެ ކުންފުންޏެއް ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުންޏާ ބެހޭ އޮޑިޓް ރިޕޯޓުތަކުން ކުންފުނީގެ ހިއްސާދާރުންނަށް އިހުމާލުވެފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށެވެ.

އެކަން ތަހްގީގުކޮށް، ހިއްސާދާރުންނަށް އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާކަމަށް، އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެއީ ކޮން ބައެއްކަން އެމްޓީސީސީން ހާމަނުކުރެއެވެ.

އިތުރަށް އެމްޓީސީސީން ބުނީ، މިކަން ތަހްގީގުކޮށް، އިހުމާލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ޓަކައި އެ ކުންފުނިން ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، އެޗްޑީސީން ވެސް ވަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ތަހްގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.

އެކަމަކު އެޗްޑީސީގެ މި ބަޔާނާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން، މިދިޔަ ދައުރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ އޭނާގެ ދަށުން އެޗްޑީސީ ހިންގެވިއިރު އެފަދަ އެއްވެސް ޚިޔާނާތެއް ހިނގާފައި ނޯންނާނެ ކަމަށެވެ.

އޭގެ ފަހުން އެ ދައުރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަހްމަދު އާތިފް ވިދާޅުވީ، އެފަދަ އެއްވެސް ޚިޔާނާތެއް ހިނގިކަން އެނގިފައިނުވާ ކަމަށެވެ.

މި ދެ ކުންފުނިން ކަމާބެހޭ އިދާރާތަކަށް މައްސަލަތަކެއް ހުށަހަޅާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވާ ކަމަށް ހުކުމްކުރުމާ ގުޅިގެން އެ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ހަތަރު އަހަރަށް ޖަލަށް ލާފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް