"އެމްޑަބްލިއުއެސްސީ ކައިރީ ފެންބޮޑުވީ ޓޭންކަށް ފެން ނަގައިދޭ މައި ހޮޅި ހަލާކުވެގެން"

މިއަދު ހަވީރު އެމްޑަބްލިއުއެސްސީ ހުންނަ ސަރަހައްދުގައި ފެން ބޮޑުވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ

މިއަދު ހަވީރު، މާލޭ އެމްޑަބްލިއުއެސްސީ ހުންނަ ސަރަހައްދު ހިމެނޭ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވީ، ފެން ޓޭންކާކާ ގުޅިފައިވާ، ފެން ނަަގައިދޭ މައި ހޮޅިއެއް ހަލާކުވެގެން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު ހަވީރު 17:00 ހާއިރު، އެމްޑަބްލިއުއެސްސީ ހިމެނޭ، އަމީނީ މަގުގެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ.

އެކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ، އެއީ ފެން ހޮޅިއަކަށް ލިބުނު ގެއްލުމަކާ ހެދި ހިނގި ކަމެއް ކަމަށެވެ.

"އެއީ ޓޭންކެއް ނޫން. ފެން ނަގައިދޭ މައި ހޮޅިއަކަށް ގެއްލުމެއްވެ ދިމާވި ކަމެއް،" މަތީން ވިދާޅުވިއެވެ.

އެއާއެކު އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ. މިކަމުގެ ސަބަބުން ޚިދުމަތަށް އެއްވެސް ބުރުލެއް ނާންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން ވެސް އެމްޑަބްލިއުއެސްސީގެ މައި ފެން ޕްލާންޓުގެ ތެރެއިން ވަރަށް ގިނަ އަދަދަކަށް ފެން ލީކުވެ، މަގުތަކުގައި ފެންބޮޑުވެފައިވެއެވެ.

comment ކޮމެންޓް