ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ މައްސަލައެއްގެ ތަހްގީގު ނިންމައި ދައުވާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ވަނީ، ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތާއި އެމްއެމްޕީއާރުސީ ޚިޔާނާތުގެ ބައެއް ކަންކަން ހިއްސާކޮށްފައެވެ.
އެގޮތުން، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ވަކި ބައެއްގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، އެ އިދާރާއަށް ހުށަހެޅުމަށް މިދިޔަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ދަންނަވާފައި ވާނެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ އިދާރާއިން ބުނީ، އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަހްގީގު ގޮސްފައިވާ ހިސާބާ މެދު މަޝްވަރާކުރުމަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިއަދު އޭސީސީއަށް އަންގާފައިވާނެ ކަމަށެވެ.
މިހާރުވެސް އެމްއެމްޕީއާރުސީގެ މައްސަލައެއްގެ ތަހްގީގު ނިންމައި ދައުވާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނި ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއްކަން ހާމަ ނުކުރެއެވެ.
ފެނަކައިގެ ޚިޔާނާތާ ގުޅޭގޮތުން އެ އިދާރާއިން ބުނީ، އެ މައްސަލަތަކުގެ ތަހްގީގު އަވަސްކުރުމުށާއި، އޭސީސީން މައްސަލަތައް ތަހްގީގުކުރުމަށް އެކުލަވާލި އިރުޝާދާ އެއްގޮތަށް، ކަނޑައަޅާފައިވާ މުއްދަތުތަކުގައި މައްސަލަތަކުގެ ތަހްގީގު ފުރިހަމަކޮށް ހުށަހެޅުމަށް އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
މި މައްސަލަތަކުގައި އޭސީސީއަށް މެދުކެނޑުމެއް ނެތި އެހީތެރިކަން ލިބޭނެ ގޮތަށް ކަންކަން މަގުފަހިކުރުމަށްޓަކައި ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ފުލުހުންނާއި އޭސީސީން ގުޅިގެން ފުޅާ ތަހްގީގެއް ކުރިޔަށް ގެންދިއުމަށް ފުލުހުންނަށާއި އޭސީސީއަށް އަންގާފައިވާނެ ކަމަށް ވެސް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް ހުންނެވިކަން ޝަރީއަތަށް ސާބިތުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތަށް މައާފު ދީފައިވަނީ މިދިޔަ ވެރިކަން ނިމެން ތިން ދުވަހަށް ވެފައި އޮއްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެހެންވެ، އަދީބު މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.
މި ސަރުކާރުން މި އަހަރު ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ހަދާފައިވާ އިމިއުނިޓީ އެއްބަސްވުންތައްވެސް ބާތިލުކޮށްފައެވެ. އެ ގޮތުން، އަދީބާއި، މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާޙް ޢަލީއާއި މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފްގެ އިތުރުން ގ. އޮއިވާލި، މުޙައްމަދު ޙުސައިނާ އެކު ދައުލަތުން ހެދި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.
މިހާތަނަށްވެސް އެ ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން މާ ބޮޑު މަސައްކަތެއް ކުރެވިފައިނުވާއިރު، މިދިޔަ ސަރުކާރުގައި ހެދި އެސެޓް ރިކަވަރީ ކޮމިޝަނަށްވެސް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މި ސަރުކާރާއި މިނިވަން މުއައްސަސާތަކުގައި މިހާރު ތިއްބެވި އިސް ބައެއް ބޭފުޅުންނާއި ވެރިކަންކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންވެސް ހިމެނޭކަން، މިފަހުން ލީކުކޮށްލި އަދީބުގެ ފޯނުން 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ބައެއް މުއާމަލާތްތައް ހިމެނޭ ފޮރެންސިކް ރިޕޯޓެއްގައިވެއެވެ.