14 އަހަަރަށްފަހު އީޕީއޭގެ ޑީޖީ ނައީމް އެ އިދާރާއިން ވަކިވެވަޑައިގެންފި

އިބްރާހިމް ނައީމް: އޭނާ ވަނީ 14 އަހަރު އީޕީއޭގެ ޑީޖީކަން ކުރައްވައިފައި --

ތިމާވެށި ހިމާޔަތްކޮށް ރެގިއުލޭޓުކުރުމަށް އޮތް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގައި 14 އަހަރުގެ ދިގު މުއްދަތަކަށް ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ޚިދުމަތް ކުރެއްވުމަށްފަހު އެ އިދާރާ، އޮތޯރިޓީއަކަށް ބަދަލުކުރުމާއެކު، އެ ތަން ހިންގެވުމުގެ މަސައްކަތުން އިބްރާހިމް ނައީމް ވަކިވެވަޑައިގެންފިއެވެ.

ކުރިން މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭ ސީދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށް އެ އިދަރާގެ ނަން އެންވަރަމަންް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)އަށް ބަދަލުކުރީ މިދިޔަ އޯގަސްޓުމަހުގެ ތެރޭގައެވެ.

އީޕީއޭ އީއާރުއޭއަށް ބަދަލުކުރުމުގެ ކުރިން އެ އިދާރާގެ ވެރިއެއްގެ ގޮތުގައި ކަނޑައިޅާފައި ހުންނަނީ ޑިރެކްޓަ ޖެނެރަލެކެވެ. އެ މަގާމުގައި ފާއިތުވި 14 އަހަރު ހުންނެވީ ނައީމްއެވެ.

އީޕީއޭ އޮތޯރިޓީއަކަށް ބަދަލުވިއިރު، ހިންގުމުގެ އޮނިގަނޑަށް ވެސް ބަދަަލު ވަނީ ގެނެސްފައެވެ. އެގޮތުން އޮތޯރިޓީގައި އެންމެ އިސްކޮށް އޮންނަ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ. އެއީ ސިވިލް ސާވިސް ތެރެއިން އުފައްދާ މަގާމެކެވެ.

އެއާއެކު އެ އިދާރާގެ ހިންގުމުން ނައީމް ވަކިވެވަޑައިގެންނެވިކަން އިއުލާނުކޮށް އެ އޮތޯރިޓީން ކުރި ޕޯސްޓެއްގައިވަނީ ނައީމްގެ ލީޑާޝިޕްގެ ދަށުން އެ އިދާރާއަށް ވޭތުވެދިޔަ 14 އަހަރު ލިބުނު ޚިދުމަތަށް ޝުކުރު އަދައިކޮށްފައެވެ.

އަދި ނައީމްގެ ޚިދުމަތްތައް އަބަދުވެސް އަގުވަޒަންކޮށް، ހަނދާންކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އީޕީއޭގައި ނައީމްގެ ޚިދުމަތް ނިމުމާއެކު ދެން ކުރައްވާނެ ކަމަކާ ގުޅޭގޮތުން ނައީމްގެ ބަހެއް ހޯދަން ގުޅައިލި ނަމަވެސް، ޖަވާބު ނުދެއްވާތީ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

comment ކޮމެންޓް