ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ އިނާމަކަށް 75،000 ރުފިޔާ އިސްލާމިކް މިނިސްޓްރީން ދެނީ

ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި ކުދިންތަކެއް: ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ އިނާމަކަށް 75،000 ރުފިޔާ އިސްލާމިކް މިނިސްޓްރީން ދެނީ ---- ފޮޓޯ/ރައީސް އޮފީސް

ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ އިނާމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިނާމުގެ އިތުރަށް 75،000 ރުފިޔާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް މުއިއްޒު ވަނީ، އެ މުބާރާތުން އެއްވަނަ ހޯދުމުން އިނާމަކަށް އެއްލައްކަ ރުފިޔާއާއި އެމީހަކު ބޭނުން ދާއިރާއަކުން ފީއެޗްޑީއާ ހަމައަށް ކިޔަވަން ސްކޮލަޝިޕް ދޭން ނިންމަވާފައެވެ.

https://sun.mv/212033

އެ މުބާރާތުގެ ވަނަތައް ހޮވަނީ ހާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ އިތުރަށް ބަލައިގެން ކިޔެވުމުގެ ގޮފި ވަކިންނެވެ.

މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ، ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީން ދޭނެ އިނާމުތައް ހާމަކުރައްވާފައެވެ.

ކޮންމެ ގޮތްޕަކުން އެއްވަނައަށް, ބައިވެރިއަކަށް އިސްލާމިކް މިނިސްޓްރީން 75،000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހާފިޒުންނާއި ނުބަލައި ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނައަށް އަންނަ ބައިވެރިއަކަށް މިނިސްޓްރީން ދެނީ 50،000 ރުފިޔާގެ އިނާމެއް ކަމަށްވާއިރު، އެ ގޮފިތަކުން ތިން ވަނަ އިނާމަކަށް މިނިސްޓްރީން ދިނުމަށް ކަނޑައަޅާފައި ވަނީ 35،000 ރުފިޔާއެވެ.

މިނިސްޓަރު ވިދާޅުވީ، އެއީ، ރައީސްގެ ފަރާތުން ދެއްވާ އިނާމުގެ އިތުރަށް މިނިސްޓްރީން ދޭ އިނާމުތައް ކަމަށެވެ. އަދި، އެ އިނާމުތަކުގެ އިތުރަށް އުމްރާ ދަތުރުތައް ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް ދެއްވާ އިނާމާ އެއްކޮށް، އެއްވަނައަށް ހޮވޭ ބައިވެރިއަކަށް 175،000 ރުފިޔާ ލިބޭނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ޖުމްލަ 1023 ބައިވެރިން ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވިއެވެ. އެއީ ބަލައިގެން ކިޔެވުމުން 582 ބައިވެރިން، ނުބަލާ ކިޔެވުމުން 412 ބައިވެރިން، އަދި ހާފިޒުންގެ ބައިން 29 ބައިވެރިންނެވެ.

comment ކޮމެންޓް