ރ. އަތޮޅަށް ނިސްބަތްވާ މީހުންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް، މަސްވެރިންގެ އެވޯޑުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
ފިޝަރީސް މިނިސްޓްރީން ކުރިމަތިލާން ހުޅުވާލީ ކެޔޮޅުންގެ އެވޯޑުތަކާއި ޚިދުމަތްތެރި ފަރުމަސްވެރިޔާ އެވޯޑަށެވެ. މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މާޅޮސްމަޑުލު އުތުރުބުރި ނުވަތަ ރ. އަތޮޅަށް ނިސްބަތްވާ މީހުންނަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އެވޯޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ މިހާރު ވެސް މަސްވެރިކަމުގައި އުޅޭ މީހުންނަށް ވާން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެވޯޑުތައް ދެވޭ ދާއިރާތަކާއި ޝަރުތުތަކަކީ:
- މިހާރު ވެސް މަސްވެރިކަމުގައި އުޅެ، އާމްދަނީ ހޯދުމަށް އެ މަސައްކަތް ފިޔަވައި އެހެން މަސައްކަތެއް ނުކުރާ އެންމެ ޒުވާން ކެޔޮޅު، މި އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން ދަށުގެ މީހުންނަށް
- މިހާރު ވެސް މަސްވެރިކަމުގައި އުޅެ، އާމްދަނީ ހޯދުމަށް އެ މަސައްކަތް ފިޔަވައި އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު، ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ މީހުންނަށް
- އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަށް ފަރުމަސްވެރިކަން ކުރާ 'ފަރުމަސްވެރިޔާގެ އެވޯޑު'
މި އެވޯޑުތަކަށް ކުރިމަތިލާން ޝައުގުވެރިވެ، ޝަރުތު ހަމަވާ މީހުންނަށް މި މަހު 23ގެ 14:00ގެ ކުރިން ފޯމު ހުށަހެޅޭނެއެވެ. އެވޯޑުތަކުގެ ފޯމުތައް ފިޝަރީސް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
އެވޯޑަށް އެދި މިނިސްޓްރީއަށް ފޯމު ހުށަހަޅަން ޖެހެނީ މެއިލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއަހަރު މަސްވެރިންގެ ދުވަހުގެ ޖަލްސާ ބާއްވަނީ ރ. ދުވާފަރުގައި ކަމަށްވާއިރު، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ޑިސެމްބަރު ދިހަވަނަ ދުވަހެވެ. މިއީ، އެ ދުވަސް ފާހަގަކުރާ 45 ވަނަ އަހަރެވެ.