ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ބުނެ, އެ މަނިކުފާނު ސިޔާސީ މަސައްކަތް ފެއްޓެވި ޕާޓީ, އަދާލަތުން އިދިކޮޅު އެމްޑީޕީން މާދަމާ ރޭ ބާއްވާ "ލޫޓުވައިފި, ލޫޓުވައިފި" އެއްވުމުގައި ބައިވެރިވާން ނިންމިކަން އިއުލާނުކޮށްފިއެވެ
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތާއި އެމްޑީޕީން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ޒިންމާދާރު ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން އެމްޑީޕީއާއި އަދާލަތު ޕާޓީން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް, ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ވަގުތު ދީފައިވާ ކަމަށެވެ.
ނަމަވެސް، ދައުރު ދެބައިވެގެން ދާއިރު ގައުމުގެ ހާލަތު މުޅިން ބޮއްސުންލާފައިވާކަމަށް އެ ދެ ޕާޓީއަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ
ސަބަބުތަކެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވަނީ, ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވުމާއި ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ޚިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވުމެވެ. އަދި، އެ ކަންކަމުގެ ހަގީގަތް ފޮރުވުމުގެ ބޭނުމުގައި އެންމެ ފަހުން، މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން މަސައްކަތްކުރާކަން ކަމަށް ބަޔާނުގައިވެއެވެ.
"ތަކެތީގެ އަގުތައް ބޮޑުވެ، ކަރަންޓުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެއްޖެ.، ވިޔަފާރިތައް ފުނޑި، އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތަކެއް އާއިލާއެއް ބިކަވެއްޖެ. ރަނގަޅަށް ހިނގަހިނގައި އޮތް ދިވެހި އިގުތިސާދު މި ސަރުކާރުން ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި ނާގާބިލު މީހުން މަގާމުތަކަށް އައްޔަނުކުރުމުގެ ސަބަބުންނާއި މަރުކަޒީ ބޭންކާއި އެހެނިހެން ބޭންކުތަކަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާއެކު މާލީ އިދާރާތަކުގެ އިތުބާރު މުޅިން ގެއްލި، ރާއްޖޭގެ އިގުތިސާދު މިއިން ޒަމާނަކު ނުވާވަރަށް ދަށްވެއްޖެ," ދެ ޕާޓީގެ ބަޔާނުގައިވެއެވެ.
ދެ ޕާޓީން އިތުރަށް ބުނީ، ރާއްޖޭގެ އެތެރޭގެ އިގުތިސާދު އެކީއެކަށް ފުނޑިގެން ގޮސް، ބޭރުގެ ދަރަނި ނުދެއްކި، ރައްޔިތުންގެ އަސާސީ ކަންކަން ވެސް ހަމަނުޖެއްސޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ހާލަތަކަށް ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ވެސް ބުންޏެވެ.
ހަމަ އެހެންމެ, އަމިއްލަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުން މުޅިން ހުއްޓައިލާއިފައިވިޔަސް، ޓެކްސް ނުދެއްކޭ މީހާ ޖަލަށްލާން ގާނޫނު އެކަލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
"އާސަންދައިގެ މުޅި ނިޒާމު މި ސަރުކާރުން ޅަރާބުކޮށްލައި، އެންސްޕާ މެދުވެރިކޮށް ވެސް ސިޔާސީ ކަންކަމަށް ޚަރަދު ކުރުމުގެ ސަބަބުން، ކޮންމެހެން ލިބެންޖެހޭ އާއްމު ބޭހާއި ފަރުވާ ނުލިބި، އަނެއްކާ ވެސް ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރުވެއްޖެ," ބަޔާނުގައިވެއެވެ.
މީގެ އިތުރުން ދެ ޕާޓީން ބުނީ ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް އެއްކޮށް ހުއްޓާލައި، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުނުކޮށް ލަސްކޮށްފައިވާ ކަމަށެވެ. އަދި، ހަމައެހެންމެ އެމްޑީޕީގެ ސަރުކާރުން ހިއްކައި، ތަރައްގީ ކުރަން ފެށި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ދަނީ ޚިޔާނާތްތެރިވަމުން ކަމަށް ވެސް ބަޔާނުގައިވެއެވެ.
ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން، ރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްފި ކަމަށާއި ގާނޫނުއަސާސީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލިސް މެންބަރުން ކަސްތޮޅު އަޅުވައި، އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭއިންސާފުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ މިނިވަންކަން ނަގައިލައިކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި، ހަމައެހެންމެ ހުރިހައި މިނިވަން މުއައްސަސާތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެންގޮސްފައި ކަމަށް ބަޔާނުގައިވެއެވެ.
"ހައްގު ހޯދުމަށް ރައްޔިތުން ޝަކުވާ ހުށަހަޅަން ދާނެ ތަނެއް، މައްސަލަ ޖެއްސޭނެ މަހުކަމާއެއް މި ރާއްޖެއަކު މިއަދަކު ނެތް. ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ދައުލަތުގެ މުއައްސަސާއެއް އަމުދުން ނެތް," ބަޔާނުގައިވެއެވެ.
އެހެންކަމުން، މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ ގިނަ ސިޔާސީ ޕާޓީތައް ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތްކުރުން ކަމަށް އެ ދެ ޕާޓީއަށް ވެސް އެއްބަސްވެވޭތީ އެ މަސައްކަތް އެކުގައި ކުރުމަށް އެއްބަސްވާ ކަމަށް ބުންޏެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން ވެސް ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް އިދިކޮޅު ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރިން ވިދާޅުވެފައެވެ. ނަމަވެސް، މާދަމާ ރޭގެ އެއްވުމުގައި ޔާމީންގެ ޕީއެންއެފްއިން ގުޅޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމައެއް ނުކުރެއެވެ.