ބަލި ހާލުކޮޅުގެ ސަބަބުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޑރ. އައިޝަތު ރަމީލާގެ ނަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްވަން ރަމީލާ މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ޑިސެންބަރު އެކެއް، 2024 ގައެވެ.
އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު ނޮވެންބަރު 30، އަށް ހަމަވާތީ ރައީސް މުއިއްޒު މިއަދު ވަނީ އެ މަގާމަށް ކުރީގެ މިނިސްޓަރު ރަމީލާގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އެހެންވެ، އެ ނަން ދިރާސާކުރަން ހިއުމަން ރައިޓްސް ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހު ނުވައެއްގައެވެ.
މިނިސްޓަރުކަމާ ނޮވެންބަރު 17، 2023 ގައި ހަވާލުވެވަޑައިގަތުމަށް ފަހު ވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ޖެހެންދެން ރަމީލާ ގިނަ ދުވަސްތަކެއް ރާއްޖޭން ބޭރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ހޭދަކުރެއްވިއެވެ.
މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.
އެޗްއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މުނާ ފިޔަވާ މިހާރު ތިއްބެވި މެންބަރުންނަކީ:
- ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު
- މެންބަރު ސަމާޢު އަޙްމަދު ނަޖީބު
- މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
- މެންބަރު އަޙްމަދު މަޤުސޫމް