މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރާ ބޮޑު ޚިޔާނާތުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރުގެ ބައިވެރިވުން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ތުހުމަތުކުރައްވައިފިއެވެ.
ފެނަކައިގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަވާ އޮޑިޓް ރިޕޯޓެއް މި ފަހުން ވަނީ އާންމުކޮށްފައެވެ.
އެ މައްސަލައިގައި ފިޔަވަޅު އެޅުން އަވަސްކުރަން ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ ޕީއެންސީން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ނާޒިމް ވަނީ އެ ޚިޔާނާތަކީ ހަމައެކަނި ފެނަކައިގައި އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހިންގެވި ޚިޔާނާތެއް ނޫން ކަމަށާއި އެ ކަމުގައި އެހެން ބޭފުޅުންގެ ބައިވެރިވުން އޮތްކަމުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެފައެވެ.
ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެ ޚިޔާނާތުގައި ޞާލިޙާއި އަމީރު ބައިވެރިވާކަމުގެ ހެކި އެބަހުއްޓެވެ.
"ފިނޭންސް މިނިސްޓަރުގެ ބައިވެރިވުމާއި އެހީތެރިކަމާއި އެއްބާރުލުން މި ޚިޔާނާތް ހިންގުމަށް ލިބިފައި އޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އެތައް ބައިވަރު ސަބަބެއް އެބަހުރި. ކިތާބީ ހެކި ވެސް އެބަހުރި،" އޭނާ ތުހުމަތުކުރެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ، ފެނަކަ ޚިޔާނާތުގައި ޞާލިޙާއި އަމީރު ބައިވެރިވެވަޑައިގެންނެވި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ތަފުސީލަށް ވަޑައިގަންނަވަމުން އޭނާ ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ފެނަކައަށް ދޭންޖެހޭ ސަބްސިޑީގެ ތިން އަހަރު ދުވަހުގެ ފައިސާ އެއް ފަހަރާ ޖަމާކުރިކަން އެނގެން އެބަހުރި ކަމަށެވެ. އެ ގޮތަށް، 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެޑްވާންސްގެ ގޮތުގައި، ފިނޭންސް މިނިސްޓަރަކަށް އޭރު ހުންނެވި އަމީރު އެ ފައިސާ ދޫކުރީ ޚިޔާނާތަށް ފަހިކޮށްދިނުމުގެ ގޮތުންނެވެ.
"މި ކަމަކީ، ހަމަ ސީދާ ފިނޭންސް މިނިސްޓަރާއި އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގެން ހިންގާފައި ހުންނާނެ ކަންތައްތައް،" މި ޚިޔާނާތާ ގުޅުވައި އޭނާ ތުހުމަތުގެ އިނގިލި ދިއްކުރެއްވިއެވެ.
"...ފެބްރުވަރީ މަހު އެ ރިޕޯޓު ނެރުނީމާ އެ އަހަރުގެ ޑިސެންބަރު މަހު، އެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަސް މެންބަރުން އެއް ފަހަރާ ވަކިކުރެއްވީ. ރިޕޯޓު ނެރުނު ފަސް މެންބަރުން ވަކިކުރައްވާފައި އަލުން ފަސް މެންބަރުން ލެއްވީ. ލައްވާފައި ކުރިއަށް ގެންދިޔައީ. އެ ކަމުން މި އެނގެނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފެނަކައިގެ އެމްޑީގެ ބާރުގަދަކަން،"
އޭނާ ވިދާޅުވީ، އޭރު އޮތް މަޖިލީހުން މި މައްސަލަ ފައިލްކޮށްފައި ބާއްވާފައި އޮތީ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރި ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. އެއަށް ފަހު އަނެއްކާ ވެސް ފެނަކަ ޚިޔާނާތުގެ މައްސަލަ ބަލަން ފެށީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމާ އެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ، ފެނަކަ ޚިޔާނާތުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ވީ އެންމެ އަވަހަކަށް ދިރާސާކޮށް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނާޒިމް ވަނީ ފެނަކަ ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދޭނެ ގޮތްތަކެއް ވެސް ހޯދަންޖެހޭކަން ފާހަގަކުރައްވައި، މި ޚިޔާނާތުން ފައިސާ ލިބުނު މީހުން މިހާރު ހުންނާނީ އަސްލު އޮޅޭގޮތަށް މުދަލަށް ހަދާފައި ކަމަށް ތުހުމަތުކުރައްވާފައެވެ. މިއީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކައާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ފެނަކައިގެ އޭރުގެ އެމްޑީ ސައީދުގެ މައްޗަށް މިދިޔަ އާދިއްތަ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، އެމްޑީޕީން އަންނަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ސައީދާ ދޭތެރޭ ކަންތައް ކުރަނީ އިންސާފުން ނޫން ކަމަށް ތުހުމަތުކުރަމުންނެވެ. އަދި، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޯސްތަކުގެ ވާހަކަ ވެސް ސައީދު ދޮގުކުރެއްވިއެވެ. އޭނާ ކުރިން ވިދާޅުވީ، އެއީ ގޯސް ރިޕޯޓެއް ކަމަށެވެ.
ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި:
- ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން
- 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން
- ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުން
- އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުން
- ސައީދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުން
- ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުން
އެ ކަންކަން ބަލައި ތަހުގީގުކުރަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދަރަނި ބޮޑުވެ، ނުހިންގޭވަރުވެފައި އޮތް ފެނަކައަކީ ޒަމާނުއްސުރެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައި އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވަނީ ވެފައެވެ.