ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި, މުޙައްމަދު ނިމާލަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ކޯޓުގައި އޮއްވައި އެކަން ނުބަލައި, ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަޙްމަދު ސައީދު މުހައްމަދުގެ މައްސަލަ ބަލައި ޖަލަށް ލުމަކީ ތަފާތު ކުރުން ކަމަށް, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ސައީދު ޖަލަށް ލުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އޭގެ ކުރިން ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓެއް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާއިރު އެ ކުންފުނިން އެމްޑީޕީގެ ވެރިކަމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
މި އަހަރު އުފުލި ދައުވާއެއްގައި ސައީދު ޖަލަށްލިއިރު، މީގެ ތިން އަހަރު ކުރިން ވަނީ ނިމާލްގެ މައްޗަށް ދައުވާ އުފުލައިފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު, ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަން ދެއްވާފައިވާ ނިމާލަށް ދައުވާ އުފުލާފައި ވަނީ ފެނަކައިގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތް ވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައެވެ.
މިހާތަނަށް އެ މައްސަލަތައް ނުނިމޭއިރު އޭނާ އަދިވެސް ހުންނެވީ މަގާމުގައެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން ޞާލިޙް ވިދާޅުވީ ނިމާލާ ގުޅޭ ޚިޔާނާތުގެ މައްސަލައެއް 2022 ވަނަ އަހަރު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ފެނަކައިގެ ޚިޔާނާތުގެ މައްސަލައަކަށްވާއިރު އެ މައްސަލަ ނުބެލޭކަން ޞާލިހް ފާހަގަ ކުރެއްވެވިއެވެ.
"އެ މައްސަލަ އޮތްގޮތަށް އޮއްވައި މި އަހަރު 2025ގައި އައި މައްސަލައެއް ބަލައި ނިންމައި ހުކުމް ކޮށްފައި ސައީދު އެ އިނީ ޖަލުގައި. އެހެންވީމަ އަޅުގަނޑު މިދެންނެވީ އެ ވެސް ބައްލަވަން ވީ ނޫންތޯ." ޞާލިޙް ވިދާޅުވިއެވެ.
އެ މަނިކުފާން ވިދާޅުވީ ތަފާތު ކުރުން ނުގެންގުޅެ, ކޮރަޕްޝަންގެ ހުރިހާ ކަމެއް ވެސް ބަލަން ޖެހޭ ކަމަށެވެ.
ކުރިން ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ވެރިކަމެއްގައި ވެސް ޚިޔާނާތްތައް ހިންގެވި ކަމަށް ތުހުމަތު ކުރެވޭއިރު އެކަންކަމަށް ޖަވާބުދާރީވާން ހުރިހާ ރައީސުން އެއްތަނަކަށް ގެންނަން ޞާލިޙް ގޮވައިލެއްވިއެވެ.
"މިސާލަކަށް ޖީއެމްއާރު މައްސަލަ. އެއީ ބޮޑު ވައްކަމެކޭ ކިޔައިގެން އެ ދައްކަނީ. އެކަން ހިނގި ގޮތް ހަމަ ރަނގަޅަށް ރައީސް ނަޝީދު ވިދާޅުވެދެއްވާނެ. ދަތުރުފަތުރުގެ ނިޒާމާ ގުޅިގެން 17 ރަށެއް ދިން ވާހަކަ 50 އަހަރަށް ކުލި ނުހިނގާ ގޮތަށް އެއާ ސުވާލު ކުރަން ވީ ނޫންތޯ އަޅުގަނޑުމެން," ޞާލިޙް ވިދާޅުވިއެވެ.
"ހަމައެއާއެކު އަޅުގަނޑާ ދިމާލަށް ފެނަކައާ ގުޅުވައިގެން ތި ދައްކަވާ ވާހަކަ އަޅުގަނޑު މިދައްކަނީ. އަޅުގަނޑު ހިތުން ރައީސް ޔާމީން ދެއްވާނެ ޖަވާބު ވެސް ހުންނާނެ."

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ފެނަކަ ސައީދު: ސައީދު ވަނީ އޮޑިޓް ރިޕޯޓު ގޯސް ކަމަށާއި އުސޫލާ ޚިލާފުވެފައި ނުވާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ/ ރައީސް އޮފީސް
ޞާލިޙް ވިދާޅުވީ ކޮރަޕްޝަން ނައްތާލަން ބޭނުންނަމަ ކުރައްވަން ޖެހޭ އެންމެ މުހިންމު ކަމަކީ މުއައްސަސާތައް ބިނާ ކުރުން ކަމަށެވެ.
ރައީސް މުއިއްޒު މި ފަހުން ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނު ވުޖޫދުވުމުން ބޮޑެތި ވައްކަންކޮށްފައި ތިބި އެންމެން ފަހަތުން އިދާރާތައް ދާނެ ކަމަށެވެ. އެ ގާނޫނު ހެދުމުގެ މަސައްކަތް މިއަދު ފެށި، މަޖިލީހުގެ ދައުރުގެ ތެރޭގައި ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޞާލިޙް ވިދާޅުވީ ''އެންމެ ފުރަތަމަ ދާންވީ ތަންތަން'' ވަރަށް ރީތިކޮށް ފެންނަން އެބަހުރި ކަމަށެވެ. މާލޭގެ އިރުމައްޗަށް ބެލިނަމަވެސް މާލޭގެ ހުޅަނގަށް ބެލިނަމަވެސް ދާންވީ ތަންތަން ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް އެއީ ކޮންކޮން ތަންތަނެއް ކަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް އެމްޑީޕީން ކުރިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެއީ ރާޅުގަނޑު ސަރަހައްދުގައި ވަރަށް އުސްކޮށް ހަދާފައި ހުރި ޔާމީންގެ ގެކޮޅާއި އައިޖީއެމްއެޗް ސަރަހައްދުގައި ހަދާފައި ހުރި ރައީސް މުއިއްޒުގެ ގެ ކޮޅުގެ ވާހަކައަށް ވުން ގާތެވެ.
"ކުރައްވަން ވާނީ ހަމަހަމަކޮށް. ވަކި މީހެއް ބާކީ ނުކޮށް. އިންސާފުވެރިކަމާއެކީގައި ނަގަމުން ގެންދަންވީ އިނގޭތޯ. ސަރުކާރުގެ ފައިސާ ބޭނުންކޮށްގެން ހަދާފައި ހުރި ނެގޭނެ ތަންތަން އެބަހުރި. އެކަން ކުރައްވައިފިއްޔާ ވަރަށް ރަނގަޅު," ޞާލިޙް ވިދާޅުވިއެވެ.
އެފަދަ މައްސަލަތައް ބެލި ނަމަވެސް އެ މަނިކުފާނުގެ އަތުން ނެގޭނެ އެއްޗެއް ނޯންނާނެ ކަމަށް ވެސް ޞާލިޙް ވިދާޅުވިއެވެ. އަދި ވެރިކަމުގައި ހުންނެވިއިރު އެ މަނިކުފާނާއި ނައިބު ރައީސް ފައިސަލް ނަސީމު ވެސް ހިމެނިވަޑައިގަންނަވާގޮތަށް ވަޒީރުންގެ ވެސް މާލީ ބަޔާން ހުންނާނީ ގަވާއިދުން ހާމަ ކުރައްވާފައި ކަމަށް ޞާލިޙް ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ރައީސާއި ވަޒީރުންނަށް އެގޮތަށް މާލީ ބަޔާން ހާމަ ކުރައްވަން ކެރިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާން ވިދާޅުވިއެވެ.