ޓެކްސް ޓްރައިބިއުނަލަށް ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި ފަނޑިޔާރުކަމުން ވަކި ކުރި މަހާޒް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް: އޭނާ ޓެކްސް ޓްރައިބިއުނަލަށް އައްޔަން ކުރުމަށް ރައީސް ނަން ފޮނުއްވި -- ފޮޓޯ/ ރައީސް އޮފީސް

ޓެކްސް އެޕީލް ޓްރެބިއުނަލަށް ދެ މެންބަރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު ހިމަނުއްވައިފިއެވެ.

ބޮޑު ޗުއްޓީއަކަށް ފަހު މިއަދު މަޖިލިސް ފަށައިފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އިސްކަންދެއްވާ ތަރުތީބުން ވަނީ ފޮނުއްވައިފައެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލުން ހުސްވެފައިވާ އެ ދެ މަގާމުގެ ތެރެއިން އެއް މަގާމަކީ ގާނޫނީ ދާއިރާގެ މެންބަރު ކަމުގެ މަގާމެވެ.

ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ ނަންތަކަކީ:

  1. މަހާޒް އަލީ ޒާހިރު، މޭނާ، ގދ. މަވަޑެލި
  2. އާޝިއާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު
  3. އިބްރާހީމް އަފީފް، ގުލްބަހާރުގެ، ބ. ތުޅާދޫ
  4. ޝިފާޒް އަލި، ދަފުތަރު ނަންބަރު ރ.ސ.12854
  5. ފާތުމަތު ނައުޝާން، ފިޔާތޮށިގެ، ޅ. ނައިފަރު
  6. އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
  7. ޝައުފާ އިބްރާހީމް، އަކިރިވިލާ، ދ. މީދު

އެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ މަގާމަށް މީހުން ހޯދަން ތިން ފަހަރެއްގެ މަތިން ރައީސް އޮފީހުން އިއުލާނުކުރިއެވެ.

އެންމެ ފަހުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވީ މިހާރު އުއްތަމަފަނޑިޔާރަކަށް ހުންނެވި, ޢަބްދުލްޣަނީ މުޙައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު, މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދުމާ އެކު، އެ ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާދެއްވީއެވެ.

https://sun.mv/206013

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ.

ފަނޑިޔާރުންނަށް ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި، މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މެއި މަހުގެ 14ގައެވެ.

comment ކޮމެންޓް