ފަލަސްތީނާ ގުޅޭ ކުއްލި މައްސަލަ ވެސް ސިޔާސީކޮށް، މެންބަރުން 'ޒުވާބު'ކޮށްފި

މަޖިލީހުގެ ބައެއް މެންބަރުން: ފަލަސްތީނާ ގުޅޭ ކުއްލި މައްސަލައިގައި ބައެއް މެންބަރުން ވަނީ ސިޔާސީ ވާހަކަދައްކަވާފައި --

ފަލަސްތީނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ވެސް ސިޔާސީކޮށް، މެންބަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ސިޔާސީ 'ޒުވާބު'ކުރައްވައިފިއެވެ.

ފަލަސްތީނަށް އެހީ ހިފައިގެން ދަތުރުކުރާ ސުމުދު ފްލޮޓިލާގެ އުޅަނދުތަކަށް އިސްރާއީލުގެ ޔަހޫދީ ސިފައިން އަރައިގަނެ، އޭގައި ތިބި އެތައް ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އެ ކަން ކުށްވެރިކޮށް، އެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލާފައެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުން ފާސްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ކަމާ އުފާފާޅުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ދިވެހީންނަކީ އަބަދު ވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބި ބައެއް ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ވެސް އެއީ ކަމަށެވެ.

އެކަމަކު، މައްސަލައިގެ ބަހުސްގައި ބައެއް މެންބަރުން ވަނީ އެ މައްސަލަ ވެސް ސިޔާސީކޮށްފައެވެ.

މެޖޯރިޓީ ލީޑަރު ފަލާހް: އޭނާ ވަނީ އެމްޑީޕީއަށް ތުހުމަތުތަކެއް އަމާޒުކުރައްވާފައި -- ފޮޓޯ/ މަޖިލިސް

އެގޮތުން، މައްސަލައަށް ބަހުސްކުރައްވަމުން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި، އެމްޑީޕީން މަސައްކަތްކުރަނީ އިސްރާއީލާ ގުޅުން ބަދަހިކުރަން ކަމަށް ދޭހަވާ ފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަދައްކަވަން ފައްޓަވާފައެވެ.

ފަލާހް ވަނީ މިދިޔަ 19 ވަނަ މަޖިލީހުގެ އިސްރާއީލު ޕާސްޕޯޓު މަނާކޮށްލަން ވެސް ނުކެރުނު ކަމަށް ވިދާޅުވެފައެވެ.

"މިހާރު ވެސް އަޅުގަނޑަށް އޮތް އެންމެ ބޮޑު ބިރަކީ އިއްޒަތްތެރި ރައީސް، އެމްޑީޕީއަށް ޒަމާނެއްގެ ކޮޅުން ވެސް ވެރިކަން ލިބިއްޖެ ކަމަށްވަންޏާމުން އަޅުގަނޑުމެން މި މަނާކުރި ޕާސްޕޯޓު، އިސްރާއީލުގެ ރައްޔިތުންނަށް ހުއްދަ ދީ، އަލުން މި ތަނުގައި މޫދުގައި ފީނުމުގެ ހުއްދަ އިސްރާއީލުގެ ރައްޔިތުންނަށް ދޭނެ،" އޭނާ ތުހުމަތުކުރެއްވިއެވެ.

"އެމްޑީޕީން މި މައްސަލަ ހުށަހެޅީއަކީ ރަނގަޅު ނިޔަތެއްގައި ނޫން. އެ ބޭފުޅުން ހީކުރީ އަޅުގަނޑުމެން މި ބޭރުކޮށްލާނެ ކަމަށް،"

ފަލާހްގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީން އިސްރާއީލަށް ފަހިވާގޮތަށް ކަންތައް ކުރައްވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި، ފަލަސްތީނުގެ ހައްގުގައި އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރަނީ މި ސަރުކާރާއި 20ވަނަ މަޖިލީހުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެންބަރު ޒަރީރު: އޭނާ ވަނީ ކުރިން އޭނާ އުޅުއްވި އެމްޑީޕީއަށް ފާޑު ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

ބަހުސްގައި ކުރިން އެމްޑީޕީގައި އުޅުއްވުމަށް ފަހު މި ސަރުކާރު އައި ފަހުން ޕީއެންސީއަށް ބަދަލުވެލެއްވި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވެސް ވަނީ އެމްޑީޕީއަށް ނުރުހުން އަމާޒުކުރައްވާފައެވެ.

"ތިޔަ ޕާސްޕޯޓު ވެސް ބޭންކުރަނީ، ބޭންކުރަނީ، ބޭންކުރަނީ، މި ގޮތަށް ޗަރުކޭސް ކުޅެނީ އެހެންފަދަ ކަމެއްހެން. ފަސް އަހަރު ވެގެންދިޔައިރު ވެސް އެ ކަމެއް ނުވި. ފަސް އަހަރު ވެގެންދިޔައިރު ވެސް. އެހެންނަމަވެސް، އެކަން ވެސް ކުރީ މި ސަރުކާރުން،" މިދިޔަ ސަރުކާރުގެ ދުވަސްވަރު އެމްޑީޕީގައި ހުންނެވި ޒަރީރު ވިދާޅުވިއެވެ.

ޒަރީރުގެ ވާހަކަ ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމާ އެކު ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރު މައުރޫފް ވަނީ މައްސަލަ ސިޔާސީ ކޮށްލައިފި ކަމަށް ވިދާޅުވެ، ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އޭނާ ވަނީ މައްސަލަ ސިޔާސީ ކޮށްލުމަކީ ދިވެހި ޑްރޯންތައް އެ ތަނަށް ފޮނުވާ ވާހަކައަށްތޯ ވިދާޅުވެފައެވެ. އެކަމަކު، އެ ހިސާބުން ރިޔާސަތުން ވަނީ މައުރޫފް ހުއްޓުވާފައެވެ.

"އިއްޒަތްތެރި މެންބަރުންގެ ޕޮއިންޓް އަޅުގަނޑަށް ސާފުވެއްޖެ. އެހެންވީމާ އިށީނދެވަޑައިގެންދެއްވުން އެދެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނު ވަނީ އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެވެވޭކަން ފާހަގަކުރައްވާފައި -- ފޮޓޯ/ މަޖިލިސް

އެއަށް ފަހު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ފަލަސްތީނާ ގުޅޭ މުހިންމު ކަންކަމުގައި ސަރުކާރުން އިސްކަންދީގެން އަމަލުނުކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އޭނާ ވަނީ މިއީ ހުރިހާ ސިޔާސީ ފިކުރަކުން ގުޅިގެން މަސައްކަތްކުރާ 'ބައި ޕާޓީސަން' މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން އެދިވަޑައިގެންފައެވެ.

"އިއްޒަތްތެރި ރައީސް މި މައްސަލައިގައި ދެ ދިވެހީން އެބަ ހިމެނެއޭ. އެހެންވީމާ ތި ބޭފުޅުންގެ ގާނޫނީ މަސްއޫލިއްޔަތު، ގާނޫނީ ވާޖިބު އަދާކޮށްދެއްވާށޭ،" މީކާއިލް ވިދާޅުވިއެވެ.

އެއަށް ފަހު، އެ މައްސަލައަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ އަދިވެސް ގާނޫނު އޮތީ އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށްކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ޔަހޫދީންނަކީ އެއް އިރެއްގައި ވެސް އިސްރާއީލުގެ އެކަނި ޕާސްޕޯޓު ގެންގުޅޭ ބައެއް ނޫންކަން ފާހަގަކުރައްވާފައެވެ.

އެ ހިސާބުން ފަލާހް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ޒިޔާދަށް ރައްދުދެއްވާފައެވެ.

އޭނާ ވިދާޅުވީ، އިސްރާއީލު މީހުން މިހާރު ވެސް ރާއްްޖޭގައި އުޅޭ ކަމަށް ޒިޔާދު ވިދާޅުވެއްޖެ ކަމަށާއި އެހެންވެ އެ މީހުންނާ ގުޅޭ މައުލޫމާތު ސަރުކާރާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އެއީ، ފަހަރެއްގައި ކަނޑުމަގުން ވަގަށް އެތެރެވި ބަޔަކަށް ވެސް ވެދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރު ޒިޔާދު: އޭނާ ވަނީ ޕާސްޕޯޓު މަނާކުރި ގޮތަށް ފާޑުވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑުމެން މަނާކުރީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އައުން. އެހެންވީމާ އެ ނޫން ގޮތަކަށް ވެސް އެތެރެވުމަކީ އެއީ ފުރުސަތު އޮތް ކަމަކަށްވާތީ ނިޒާމީ ނުކުތާއެއް އަޅުގަނޑު ބަލައެއް ނުގަންނަން،" ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.

އެކަމަކު، އެ މަނިކުފާނު ވަނީ މައްސަލައިގެ ތަފުސީލު ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރައްވަން މެންބަރު ޒިޔާދުގެ އަރިހުން އެދިވަޑައިގެންފައެވެ.

"ރަނގަޅު އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އަބަދަށް ނާދެވޭ ގޮތަށް އޮންނާނީ،" ޑުއަލް ޕާސްޕޯޓުގައި ވެސް ނާދެވޭ ގޮތަށް އޮތް ބިލު ހަމައެކަނި އިސްރާއީލު ޕާސްޕޯޓުގައި ނާދެވޭ ގޮތަށް ބަދަލުކުރީ ސަރުކާރު މެންބަރުންކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވިއެވެ.

ދެން ވާހަކަދެއްކެވި ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވަނީ އެމްޑީޕީއަށް ރައްދު ދެއްވާފައެވެ.

މެންބަރު އައިފާން: އޭނާ ވަނީ އެމްޑީޕީން އިސްރާއީލާ ގުޅުން ބަދަހިކުރާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

"މާދަމާ އެމްޑީޕީގެ ރެލީއަކަށް މީހުން އެއްކުރުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލައިގެން، ދިވެހިރާއްޖޭގެ ސަރުކާރަކުންނެއް ޣަައްޒާގައި ހިނގަމުންދާ ކަންކަމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ދައްކަން މި ކުރާ ކުރުން ހަގީގަތުގައި ފެއިލްވެގެންދިޔައިމާ، އެ ބޭފުޅުންނަށް ވަރަށް އުނދަގޫވާނެ،" އައިފާން ވިދާޅުވިއެވެ.

އޭނާ ވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިސްރާއީލާ ގުޅުން ބަދަހިކުރަން އުޅުއްވި ކަމަށް ވިދާޅުވެ، ވަރަށް ވޮޑަށް ތުހުމަތުތައް އަމާޒުކުރައްވާފައެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާއަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ. ކުއްލި މައްސަލައިގައި ބުނާ ގޮތުން އެ ހަރަކާތުގައި އިތުރު ދިވެއްސެއް ވެސް ބައިވެރިވެއެވެ.

އެ އުޅަނދުތަކަށް އަރައިގަނެ، އިސްރާއީލުން އަންނަނީ އެ މީހުން ހުއްޓުވަން މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް